ރައްޔިތުންގެ މަޖިލީހުގައި ގަސްކާނާ ތައްޔާރުކޮށް ދަނޑުވެރިންނަށް ބަހަނީ

ޕްލޭންހޮޓެލް ގްރޫޕުން މަޖިލީހަށް އިންސިނެރޭޓަރެއް ހަދިޔާކުރަނީ: މަޖިލީހުން ވަނީ އެ މެޝީނުން އުފައްވާ ގަސްކާނާ ދަނޑުވެރިންނަށް ހަދިޔާ ކުރުމަށް ނިންމާފައި -- ފޮޓޯ/މަޖިލިސް

ރައްޔިތުންގެ މަޖިލީހުން ބާކީވާ ކާނާއިން ގަސްކާނާ ތައްޔާރުކޮށް، ދަނޑުވެރިންނަށް ދޫކުރުމަށް ނިންމާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު އަމިއްލަ ފަރާތަކުން މަޖިލީހަށް ވަނީ ބާކީވާ ކާނާ ރީސައިކަލް ކުރުމަށް އިކޮލޮޖިކަލް ފުޑް ރީސައިކަލް މެޝިނެއް ހަދިޔާ ކޮށްފަ އެވެ.

މިއަދު މަޖިލިސް ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، އެ މެޝަނުން 100 ކިލޯ ކާނާއިން 36 ކިލޯގެ ގަސްކާނާ އުފެއްދޭ ކަމަށެވެ. އަދި އެއީ ވަރަށް ރަނގަޅު ގަސް ކާނާ ކަމަށާއި އެ ގަސް ކާނާގެ އަޖުމަ މަޖިލީހުން ބަލަމުންދާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"އެހެންވީމަ މިތަނުގައި މިހާރު މާގިނައިން ގަސްކާނާ އުފެދިގެން އަންނާތީވެ، އަޅުގަނޑު ނިންމައިފިން ދަނޑުވެރިންކަން ގިނައިން ކުރާ ދައިރާތަކަށް ބެލުމެއްގެ ދަށުން [ގަސްކާނާ] ދޫކުރުމަށް،" ރައީސް ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ، ކަސްކާނާ ބޭނުންވާ ދާއިރާތަކުގެ މެމްބަރުން އެކަން މަޖިލީހުގެ އަމީން އާންމަށް އެންގެވުމުން ގަސްކާނާ ހުރި މިންވަރަކުން ދޫކުރަމުން ދާނެ ކަމަށެވެ.

ގަސްކާނާގެ ވާހަކަ ނަޝީދު ވިދާޅުވުމުން ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާ މެމްބަރު ގާސިމް އިބްރާހިމް ތެދުވެ ވަޑައިގެން، މަޖާޒީ ރާގަކަށް ވިދާޅުވީ އޭނާވެސް އެފަދަ މެޝިނެއް ގަތުމަށް ބޭނުންވާ ކަމަށެވެ. އެގޮތުން ކާއެއްޗެހި ގިނަ އަދަދަކަށް އުކާލާން ޖެހޭ ކަމަށާއި ނަމަވެސް އެފަދަ މެޝިނެއް ލިބި ގަސްކާނާ އުފެއްދުމަކީ ވަރަށް މޮޅު ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.

"އިއްޒަތްތެރި ރައީސް، އަޅުގަނޑު ބޭނުންވޭ މެޝިން ހަދިޔާ ކުރެއްވި ފަރާތުގެ އަރިހުން ތިފަދަ މެޝިނެއް ގަންނަން އަޅުގަނޑުގެ ކޮންމެ ރިޒޯޓަަކަށް. އެހެންވީމައި، އެކަން މަގުފަހިކޮށްދީފިއްޔާ ވަރަށް ރަނގަޅު،" ގާސިމް ވިދާޅުވި އެވެ.

މަޖިލީހަށް ގަސްކާނާ އުފައްދާ މެޝިން ހަދިޔާ ކުރެއްވީ، ޕްލޭންހޮޓެލް ހޮސްޕިޓެލިޓީ ގްރޫޕުގެ ފަރާތުންނެެވެ.

https://sun.mv/131474

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު