މަތީ ތައުލީމުގެ ލޯނަށް 550 ފުރުސަތު ހުޅުވާލައިފި

ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން މަޖިލީހުގައި---- ފޮޓޯ: މަޖިލިސް

ރާއްޖެ އާއި ރާއްޖެއިން ބޭރުން މަތީ ތައުލީމަށް ކިޔެވުމަށް، 550 ލޯނުގެ ފުރުސަތު ދިނުމަށް ނިންމައި، ސްޓޫޑަންޓް ލޯނަށް ކުރިމަތިލުމަށް ހުޅުވާލައިފި އެވެ.

އެކަން އިއުލާން ކުރީ ހަޔާ އެޑިއުކޭޝަން މިނިސްޓަރު، ޑރ. އިބްރާހިމް ހަސަން މިއަދު ބޭއްވެވި ނޫސް ކޮންފަރެންސެއްގަ އެވެ. އެ ލޯނަށް މިހާރު ކިޔަވަމުންދާ ކުދިންނާ އަލަށް ކިޔަވަން ފަށަން ބޭނުންވާ ކުދިންނަށް ވެސް ކުރިމަތިލެވޭނެ އެވެ.

މިނިސްޓަރު ވިދާޅުވީ މިފަހަރު ލޯން ދިނުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ.

"އަޅުގަނޑުމެން މިފަހަރު އިސްކަންދޭ ތަރުތީބުގައި އެންމެ މުހިންމު އެއް ކަމަކަށް މިއޮތީ މާލީ ފުދުންތެރިކަން ކުޑަ ފަރާތްތަކަށް އިސްކަންދިނުން. ދެވަނަކަމަކަށް ގެނެސްފައިވާ ބަދަލަކީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ތިބި ދަރިވަރުންނަށް ލޯނުގެ ފުރުސަތު ފަހިވެގެންދާ ގޮތަށް އުސޫލު ބަދަލުކުރުން. މިގޮތުން ރައްޔިތުން މަޖިލީހުގެ ކޮންމެ އިންތިހާބީ ދާއިރާއަކުން އެއް ދަރިވަރަކަށް ޝަރުތުހަމަވާނަމަ ލޯނުގެ ފުރުސަތު ފަހިވެގެން ދާނެ" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މިއަހަރު ފަހުކޮޅުވެސް އިތުރު ލޯންގެ ފުރުސަތުތަކެއް ހުޅުވާލުމަށް މިހާރު މަސައްކަތް ކުރަމުންދާ ކަމަށެވެ.

ލޯންތައް ދޫކުރާ ދާއިރާތައް:

  • ޑިޕްލޮމާ ލެވެލް - 45 ފުރުސަތު
  • ލައިސަންސް ޕްރޮގްރާމްތަކަށް - 30 ފުރުސަތު
  • ފުރަތަމަ ޑިގްރީއަށް - 252 ފުރުސަތު
  • މާސްޓާސ - 126 ފުރުސަތު
  • ޕީއެޗްޑީ - 10 ފުރުސަތު
  • އިންތިހާބީ ދާއިރާގެ ރައްޔިތުންނަށް - 87 ފުރުސަތު

މިފަހަރުގެ ލޯން ސްކީމަށް 151 މިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ.

މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވީ މިފަހަރުގެ ސްކީމްގައި މެޑިކަލް ދާއިރާއިން ސްޕެޝަލައިޒް ވުމަށް 11 ފުރުސަތު ހުޅުވާލައިފައިވާ ކަމަށެވެ.

އޭގެ އިތުރުން ލައިސަންސްއިން ދާއިރާތަކަށް ޕައިލެޓް ކޯހުގެ އިތުރުން ވޯޓާ ސްޕޯޓްސް ލައިސަންސްތަކަށް ކިޔެވުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ. މިފަހަރުގެ ލޯން ސްކީމުގައި ސަރުކާރުގެ އެކި ދާއިރާތަކުން މީހުން ބިނާ ކުރުމަށްވެސް ލޯނުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ. އެއީ؛

  • ވޯޓާ އެންޑް ސްވަރޭޖް މެނޭޖްމަންޓް
  • ސްވަރޭޖް މެނޭޖްމަންޓް
  • ކްރިއޭޓިވް ޑިޒައިން
  • ފިޝަރީޒް އެންޑް މެރިން ރިސޯސާސް
  • އެގްރިކަލްޗާ

ލޯނަށް އެދުމުގެ ފުރުސަތު އަންނަ މަހު ނުވަ ވަނަ ދުވަހުގެ 1:30 އާ ހަަމައަށް ވަނީ ހުޅުވާލައިފަ އެވެ.

comment ކޮމެންޓް