މަތީ ތަޢުލީމާއި ތަމްރީނު ހޯދުމަށް އެދި ލޯނަށް ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)ގެ ތިންވަނަ ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމާއި ތަމްރީނު ހޯދުމަށް ސަރުކާރުން ދޭ ލޯނަށް އެޕްލިކޭޝަން ހުށެހުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

އެ ލޯނަށް ޝައުގުވެރިވާ ފަރާތްތަކަށް އެޕްލައި ކުރުމަށް ފުރުސަތު ހުޅުވާލީ މިދިޔަ މަހުގެ 28ގައެވެ.

އޭރު ހުޅުވާލި ފުރުސަތު މިއަދަށް ހަމަވެއެވެ. ނަމަވެސް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެ މުއްދަތު އަންނަ ހަފުތާގެ ބުރާސްފަތި ދުވަހުގެ ނިޔަލަށް އިތުރުކޮށްފައެވެ.

މި ފަހަރު ލޯނަށް އެދުމަށް ހުޅުވާލީ 500 ފުރުސަތެވެ. މިގޮތުން ލޯނު ދޫކުރާނީ ދެ ސްކީމަކަށް ބަލާހައިގެންނެވެ. އެއީ އަލަށް ކިޔަވަން ފަށާ ދަރިވަރުންނާއި މިހާރު ކިޔަވަމުންދާ ދަރިވަރުންނަށެވެ.

ލޯނު ދޫކުރާ ފަރާތްތަކުގެ ހުންނަން ޖެހޭ ބައެއް ޝަރުތުތައް:

  • އުމުރުން 16 އަހަރު ފުރިފައިވުން
  • ދިވެހި ރައްޔިތެއް ކަމުގައިވުން
  • ފުލްޓައިމް ދަރިވަރެއްގެ ގޮތުގައި ކިޔަވަން ހުށަހަޅާ ފަރާތަކަށް ވުން
  • އެމްއެންކިއުއެފްގެ ލެވެލް 5 އިން ފެށިގެން ލެވެލް 10ގެ ނިޔަލަށް
    ހުރި ޕްރޮގްރާމްތަކުގެ ތެރެއިން ޕްރޮގްރާމެއް ފުރިހަމަކުރަން ނުވަތަ ޕްރޮފެޝަނަލް ޕްރޮގްރާމެއް/ ލައިސަންސް ޕްރޮގްރާމެއް ފުރިހަމަކުރަން ހުށަހަޅާ ފަރާތަކަށްވުން
  • ހާސިލުކޮށްފައިވާ ސަނަދަށްވުރެ މަތީ ފެންވަރުގެ ސަނަދެއް ލިބޭ ޕްރޮގްރާމެއް ފުރިހަމަކުރަން ހުށަހަޅާ ފަރާތަކަށް ވުން
  • ޕްރޮފެޝަނަލް ޕްރޮގްރާމެއް ނުވަތަ ލައިސަންސް ޕްރޮގްރާމެއް ފުރިހަމަކުރަން ހުށަހަޅާނަމަ އެމްއެންކިއުއެފްގެ ލެވެލް 7 ނުވަތަ އެއަށްވުރެ މަތީ ފެންވަރުގެ ސަނަދެއް ހާސިލުކޮށްފައި ނުވާ ފަރާތަކަށްވުން
  • ކިޔަވަން ހުށަހަޅާ ފެންވަރަށް ކިޔެވުމުގެ ހުރިހާ ޚަރަދެއް ދައުލަތުން ނުވަތަ އެހެން ފަރާތަކުން ހިލޭ ނުވަތަ ލޯނެއްގެ ގޮތުގައި ހަމަޖެހިފައި ނެތް ފަރާތަކަށް ވުން
  • މިނިސްޓްރީ މެދުވެރިވެގެން ކުރިން ލޯނު ނަގައިފައިވާނަމަ، އެއްބަސްވެފައިވާ ގޮތަށް އެ ލޯނު ދެއްކުމުގެ އިންތިޒާމު ހަމަޖައްސައިފައިވުމާއެކު ލޯނަށް އެދި ހުށަހަޅަން ދިން މުއްދަތު ހަމަވީއިރު، އެ ލޯނުގެ ޑިފޯލްޓެއް ނެތް ފަރާތަކަށްވުން
  • ލޯނު ނަގާ ފަރާތަށް އެ ލޯނުގެ ފައިސާ އަނބުރާ ނުދެއްކިއްޖެ ހާލަތެއްގައ،ި ފައިސާ ދެއްކުމުގެ މަސްއޫލިއްޔަތު އުފުލަން އެއްބަސްވާ ގެރެންޓަރެއް ހުރި ފަރާތަކަށް ވުން. މިގޮތުން ހުށަހަޅާ ގެރެންޓަރަކީ ލޯނު ނަގާ ފަރާތުގެ އުމުރުން 18 އަހަރާއި 65 އަހަރާ ދެމެދުގެ ޢާއިލީ މެންބަރަކަށް ވުން.

އޭގެއިތުރުން، ރާއްޖެއިން ބޭރުގައި ކިޔަވަން ބޭނުންވާ ފަރާތެއްނަމަ، އެދޭ ޕްރޮގްރާމަކީ ރާއްޖެއިން ހެދެން ނެތް ޕްރޮގްރާމަކަށް ވުމާއެކު މިނިސްޓްރީން އިއުލާނުކޮށްފައިވާ ފުލް ސްކޮލަޝިޕަށް ހޮވިފައިވާ ފަރާތަކަށް ނުވުމާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ސްލޮޓަކަށް ލޯނަށް ކުރިމަތިލާނަމަ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތަކަށް ވުން ހިމެނެއެވެ.

އެހެންކަމުން، ލޯނަށް ހުށަހަޅަން ބޭނުންވާ ފަރާތްތަކުން މިނިސްޓްރީގެ ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

comment ކޮމެންޓް