ލީކްތަކަށް މިނިިސްޓަރުގެ ރައްދު: ތަހުގީގު ހިންގާ، ހަގީގަތް ސާފުވާނެ!

ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރޭގައި ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު -*- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދާ ގުޅިގެން ލީކުކޮށްފައިވަނީ ސައްހަ އޯޑީއޯތަކެއް ނޫން ކަމަށާއި އެކަމާ ގުޅިގެން މިނިސްޓަރުގެ މައްޗަށް ތަހުގީގުކުރެއްވުމަށް އޭނާ ގޮވާލައްވައިފި އެވެ.

"އެމްވީ ލީކްސް"ގެ ނަމުގައި ޓްވިޓާގައި ހަދާފައިވާ އެކައުންޓަކުން މިނިސްޓަރު އަލީ ވަހީދާއި އޭނާގެ ދުވަސްވީ ގާތް އެކުވެރިޔާ، ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްސަދު އަލީ (އަޑުބަރޭ) އާ ދެމެދު ކުރެވިފައިވާ ސައްލާއެެއްގެ އޯޑިއޯތަކެއް ވަނީ ލީކުކޮށްލާފަ އެވެ.

އެ އޯޑިއޯތަކާ ގުޅިގެން މިނިސްޓަރު އަލީ ވަހީދު ވަނީ މީގެކުރީންވެސް އެއީ ސައްހަ އޯޑިއޯތަކެއް ނޫން ކަމަށް ވިދާޅުވެފަ އެވެ.

އެ ވާހަކަ ތަކުރާރު ކުރައްވަމުން، މިނިސްޓަރު މިއަދު ކުރެއްވި ޓްވީޓެއްގައި އޭނާ ގޮވާލެއްވީ އެ އޯޑިއޯތަކާ ގުޅިގެން ހާމަވި ކަންކަމާ ގުޅިގެން އޭނާގެ މައްޗަށް ތަހުގީގު ހިންގައިދިނުމަށެވެ. އަދި ފުރިހަމަ ތަހުގީގެއް ކުރުމުން އެކަމުގެ ހަގީގަތް އެނގިގެން ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ލީކުކޮށްލާފައިވާ އޯޑިއޯތަކަކީ އެކި އަޑު އެކި ގޮތްގޮތަށް ގެނެސް، ރޭވިގެން ހިންގާފައިވާ ވަރަށް ދަށު ދަރަޖައިގެ ހުތުރު ޖަރީމާއެއް ކަމަށްވެސް މިނިސްޓަރު އަލީ ވަހީދު ވަނީ މިއަދު ވިދާޅުވެފަ އެވެ.

ރޭގައިވެސް ވަނީ އަލީ ވަހީދާއި އަޑުބަރޭގެ ސައްލާއެއް ކަމަށް ބެލެވޭ އޯޑިއޯއެއް ލީކު ކޮށްލާފަ އެވެ.

އެ އޯޑިއޯގައި އެންމެ ފުރަތަމަ ދެބޭފުޅުން ވާހަކަ ދައްކަވަނީ ރައީސް ނަޝީދަށް އަމާޒުކޮށް ކަމަށް ބެލެވެ އެވެ. އެގޮތުން، ރައީސް ނަޝީދަށް މަޖިލިސް ތެރޭގައި އެންމެ ބޮޑަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވާ ނޮޅިވަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ އަށް ގުޅުމަށް އަލީ ވަހީދު އަޑުބަރޭގެ އަރިހުން އެދެ އެވެ. އެ މެމްބަރަކީ "ލަދެއް ހަޔާތެއް ނެތި" "މަތިން ވާހަކަދައްކާ" މެމްބަރެއް ކަމަށް އަލީ ވަހީދު ވިދާޅުވާ އަޑު އޯޑިއޯ އިން އިވެ އެވެ. ނަމަވެސް އެނާއަށް ގުޅަން ދެންނެވީ ކޮން ސަބަބަކާ ހުރެ ކަމެއް އެ އޯޑިއޯ އިން ސާފެއް ނުވެ އެވެ.

އެއަށްފަހު ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާއަށް އަމާޒުކޮށްވެސް ވާހަތަކެއް ދައްކަވާފައިވާކަން އޯޑިއޯއިން ހާމަވެގެން ގޮސްފައިވެ އެވެ. މީގެކުރީގެ އޯޑިއޯތަކުންވެސް ވަނީ މިނިސްޓަރު ނަހުލާއަށް އަލީ ވަހީދުގެ ބަސްތަކެއް ރައްދުވެފަ އެވެ.

comment ކޮމެންޓް