ސަރުކާރު އޮފީސްތަކުގެ އިންޓާނަލް އޮޑިޓް ނިޒާމެއް ގާއިމުކުރަނީ

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު -- ސަންފޮޓޯ/ މުހައްމަދު މުޒައްޔިނު ނާޒިމް

ދައުލަތުގެ މާލީ ހިސާބުތަކުގެ ސައްހަކަން ކަށަވަރު ކުރުމަށްޓަކައި އިންޓާނަލް އޮޑިޓް ނިޒާމެއް ގާއިމު ކުރުމުގެ މަސައްކަތް ފިނޭންސް މިނިސްޓްރީން ފަށައިފި އެވެ.

އެ ނިޒާމު ރޭވިފައިވާ ގޮތުގެ ތަފުސީލާއެކު ފިނޭންސުން ނެރުނު ސާކިއުލާގައި ބުނީ އެ ނިޒާމު ހިންގުމުގެ އެންމެ އިސް ފަރާތަކީ 'ދައުލަތުގެ އިންޓާނަލް އޮޑިޓް ކޮމެޓީ' ކަމަށެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީ 28 ވަނަ ދުވަހު ފިނޭންސް މިނިސްޓަރު އެކުލަވާލައްވާފައި އެ ކޮމެޓީގައި ތިއްބަވަނީ

  • ފިނޭންސް މިނިސްޓްރީގެ ތިން ފަރާތް
  • އޮޑިޓާ ޖެނެރަލް އޮފީހުގެ އެއް ފަރާތް
  • އޭސީސީގެ އެއް ފަރާތް
  • ޕްރައިވެޓް ސެކްޓާ ތަމްސީލުކުރާ އެއް ފަރާތް

އިންޓާނަލް އޮޑިޓް ނިޒާމު ގާއިމުކުރުމުގެ މަގްސަދު ހާސިލުކުރަން ޖެހޭ އެންމެހާ މަސައްކަތް ކުރާނީ ފިނޭންސް މިނިސްޓަރު، އެ މިނިސްޓްރީގައި އެކުލަވާލައްވާފައިވާ އިންޓާނަލް އޮޑިޓް ޑިޕާޓްމަންޓުންނެވެ.

މީގެ އިތުރުން މާލިއްޔަތު ގަވާއިދުގެ ދަށުން ދައުލަތުގެ އިދާރާތަކުގައި އުފައްދާ އިންޓާނަލް އޮޑިޓް ފަންކްޝަނުގެ މަސައްކަތް ބެލެހެއްޓުމުގެ ކަންކަން ކުރާނީ އެ އިދާރާތަކުގައި އުފައްދާ އޮޑިޓް ކޮމެޓީއަކުންނެވެ.

އެ ކޮމެޓީތަކުގެ މަސައްކަތް މޮނީޓަރުކޮށް، ބެލެހެއްޓުމުގެ ކަންކަން ކުރާނީ ފިނޭންސް މިނިސްޓަރަށާއި އިންޓާނަލް އޮޑިޓް ކޮމެޓީއަށް ޖަވާބުދާރީވާ ފިނޭންސް މިނިސްޓްރީގެ އިންޓާނަލް އޮޑިޓް ޑިޕާޓްމަންޓުންނެވެ.

ފިނޭންސުން ބުނީ ދައުލަތުގެ އިދާރާތަކުގައި އިންޓާނަލް އޮޑިޓް ފަންކްޝަނެއް ގާއިމުކުރަން ބޭނުންވާ އޮޑިޓް ކޮމެޓީތައް އެކުލަވައިލުމުގެ މަސައްކަތް ނިމި، ފަސް އިދާރާއެއްގައި އޮޑިޓް ކޮމެޓީ އެކުލަވައިލުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.

މިއަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި އިސްކަންދޭ ތަރުތީބަކުން ގިނަ އިދާރަތަކެއްގައި އިންޓާނަލް އޮޑިޓް ފަންކްޝަން އުފައްދަން ތައްޔާރުވަމުން އަންނަ ކަމަށް ފިނޭންސްގެ ސާކިއުލާގައި ވަނީ ބަޔާންކޮށްފަ އެވެ.

comment ކޮމެންޓް