ދެއަހަރު ނުވާ ކުއްޖާ ރޭޕް ކުރި މައްސަލައިގައި ކާފައާއި މުނިކާފައަށް ދައުވާ ކޮށްފި

ދެއަހަރު ކުއްޖާ ރޭޕް ކުރި ކަމަށް ތުހުމަތު ކުރެވޭ ކާފަ އާއި މުނި ކާފަ ---

ގއ. ކަނޑުހުޅުދޫގައި އުމުރުން ދެއަހަރު ނުވާ ކުޑަ ކުއްޖާ ރޭޕް ކުރި މައްސަލައިގައި ތުހުމަތުމަތު ކުރެވޭ، އެ ކުއްޖާގެ ކާފަ އާއި މުނި ކާފައަށް ދައުވާ ކޮށްފި އެވެ.

ޕްރޮސިކިއުޓާ ޖެނެރަލް، ހުސެއިން ޝަމީމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ މައްސަލައިގައި ގއ. ކަނޑުހުޅުދޫ، ރިހިވެލި، އިބްރާހީމް ދީދީ، 62، އާއި ގއ. ކަނޑުހުޅުދޫ، އަންނާރުމާގެ، ހަސަން މޫސާދީދީ، 82، ގެ މައްޗަށް، ދައުވާ ކުރުމަށް މިއަދު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

އެ ދެމީހުންގެ މައްޗަށް ކުރަނީ، އާއިލާގެ މެންބަރަކު އެ އާއިލާގެ ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި މައްސަލައިގައި އެ ކުޑަ ކުއްޖާގެ ބައްޕަވެސް ހައްޔަރު ކުރި އެވެ. ނަމަވެސް އޭނާގެ މައްޗަށް ދައުވާ ކުރި ކަމަށް އަދި މިހާތަނަށް ޕީޖީންވެސް އަދި ފުލުހުންވެސް ހާމައެއް ނުކުރެ އެވެ.

އެ ކުއްޖާގެ ބައްޕަގެ މައްޗަށް ކުރާ ތުހުމަތަކީ ޖިންސީ ގޯނާ ކުރިކަން އެނގިހުރެ އެ މައުލޫމާތު ފުލުހުންނަށް ރިޕޯޓް ނުކުރި ކަމުގެ ތުހުމަތާއި ކުޑަކުއްޖަކު ބެލުމުގައި އިހުމާލުވި ކަމުގެ ތުހުމަތެވެ.

އެ ތިން މީހުންގެ ބަންދަށްވެސް މިމަހު ކުރީކޮޅު ވަނީ 15 ދުވަސް ޖަހާފަ އެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންނާއި ޖެންޑާ މިނިސްޓްރީން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުުވުމުގައި ފުލުހުން ބުނެފައިވަނީ ކުއްޖާއާ ބެހުނު ކަމުގެ ތުހުމަތު އެންމެ ބޮޑަށް ކުރެވެނީ ކުއްޖާގެ ކާފަ އާއި މުނި ކާފައަށެވެެ. އަދި ބައްޕަގެ މައްޗަށް ކުރެވެނީ އިހުމާލުވިކަމުގެ ތުހުމަތެވެ.

މި މައްސަލައިގައި ހިމެނޭ މުނި ކާފަގެ މައްޗަށް ވަނީ، އެހެން ކުޑަ ކުއްޖަކަށް 2018 ވަނަ އަހަރު ތެރޭ ޖިންސީ ގޯނާ ކުރި މައްސަލައެއްގައި ވެސް ދައުވާ އުފުލައިފަ އެވެ. އެ މައްސަލަ ނުހިނގާތާ ދެއަހަރުވީ އިރު، އޭނާ މިނިވަންވެފައި ހުރުމުން އަނިޔާ ލިބުނު އާއިލާއިން ކަންބޮޑުވުން ފާޅުކުރި އެވެ. އަދި އެ މައްސަލައިގައި ޝަރީއަތް ކުރިއަށް ނުދިޔައީ، އޭރު އެ ކޯޓުގެ މެޖިސްޓްރޭޓަކަށް ހުންނެވި އަދި މިހާރު ސަސްޕެންޑްކޮށްފައިވާ ހަސަން ދީދީގެ ސަބަބުން ކަމަށް އެ އާއިލާއިިން ތުހުމަތު ކުރެ އެވެ.

މައްސަލައިގައި ހައްޔަރުކޮށްފައިވާ ކާފަ އަކީ އެ ރަށު މިސްކިތު މުދިމެވެ. އޭނާގެ މުދިންކަމުގެ ހުއްދަ ވެސް ވަނީ ސަސްޕެންޑްކޮށްފަ އެވެ. އަދި ހައްޔަރު ކުރި ކުއްޖާގެ ބައްޕަ އަކީ މަސްތުވާތަކެތީކެ ރިކޯޑް އޮންނަ މީހެއް ކަމަށް އެރަށު މީހުން ބުނެ އެވެ.

"ސަން"އިން އެ ރަށަށް ކުރި ދަތުރުގައި އެމީހުން ދިރިއުޅެމުން އައި އަންނާރުމާ ގޭގެ ކައިރި، އަވަށްޓެރިން ބުނި ގޮތުގައި، މިކަމުގައި ކުއްޖާގެ މަންމަގެ އިހުމާލުވެސް އެބައޮތެވެ. އެކަން ހިނގަނީ މަންމައަށްވެސް އެނގިގެން ކަމަށް އަވައްޓެރިން ތުހުމަތު ކުރެ އެވެ. އަދި މި މައްސަލައިގައި ހައްޔަރު ކުރި މުނިކާފަ ނިސްބަތްވަނީ ނުފޫޒު ގަދަ އާއިލާއަކުންވުމުން އޭނާއާ ގުޅޭ ގޮތުން ހުށަހެޅޭ އެއްވެސް މައްސަލައެއް މުއައްސަސާއަކުން ނުބެލޭ ކަމަށް އެ މީހުން ބުނެފައިވެ އެވެ.

https://sun.mv/130457

comment ކޮމެންޓް