މާޒިޔާގެ މެޗަކީ މުބާރާތުގެ އެންމެ އުނދަގޫ މެޗު: ޝާޒް

ޓީސީގެ ކޯޗު މުހައްމަދު ޝާޒްލީ --- ސަން ފޮޓޯ/ ފަޔާޒް މޫސާ

މިފަހަރުގެ ލީގުގެ ޗެމްޕިއަންކަން ކަށަވަރުކޮށްފައިވާ މާޒިޔާއާ ދެކޮޅަށް މިއަދު ކުޅޭ މެޗަކީ މިފަހަރުގެ މުބާރާތުގައި އެންމެ އުނދަގޫވާނެ މެޗު ކަމަށް ޓީސީގެ ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް) ބުނެފިއެވެ.

މިއަދުގެ މެޗަށް ނުކުންނަ އިރު މިދިޔަ އަހަރުގެ ލީގު ކާމިޔާބުކުރި ޓީސީ އޮތީ 19 މެޗުން ލިބުނު 17 ޕޮއިންޓާއެކު ތާވަލުގެ ތިންވަނައިގައެވެ. ލީގުގެ އެއްވަނަ މާޒިޔާއިން ބާކީ ތިން މެޗު އޮއްވާ ޔަގީން ކުރި އިރު ޓީސީއިން މިހާރު މަސައްކަތް ކުރަމުން އަންނަނީ ތާވަލުގެ ދެވަނަ ހޯދުމަށެވެ. އެ ޓީމާއިން އެ މަގާމަށް ދެން ވާދަކުރާ އީގަލްސް މިވަގުތު ދެވަނައިގައި އޮތީ 19 މެޗުން ހޯދީ 39 ޕޮއިންޓާއެކުއެވެ.

އެހެންކަމުން ލީގުގައި ބާކީ އޮތް ދެމެޗަކީ ޓީސީއަށާއި އީގަލްސްއަށް މުހިނުމު ދެ މެޗެވެ. ދެ ޓީމަށް ވެސް ނަތީޖާ ނެރުމަށް ފަސޭހައެއް މެޗު އޮތް އިރު ދެ ޓީމުވެސް ލީގުގެ ޗެމްޕިއަން މާޒިޔާއާ ވާދަކުރަން ޖެހެއެވެ. މާޒިޔާއާ ދެކޮޅަށް މިއަދުގެ މެޗުގައި ޓީސީ ނުކުންނަ އިރު އީގަލްސްގެ ކުރިމަތިލުން އޮންނާނީ އޭއެފްސީ ކަޕުގެ މެޗުތަކަށްފަހު މާޗު ދެވަނަ ދުވަހުއެވެ.

މިއަދުގެ މެޗަށް ނުކުންނަ އިރު ޓީސީއަށް ވަނީ ޕްރެޝަރު ބޮޑުވެފައެވެ. މެޗު ކާމިޔާބު ނުކޮށްފިނަމަ ފުރުސަތު އިންތިހާއަށް ހަނިވާއިރު މާޒިޔާއިން ލީގު ކާމިޔާބުކޮށްފައި އޮތުމުން އެ ޓީމުން މެޗަށް ނުކުންނާނީ އެއްވެސް ޕްރެޝަރެއް ނެތިއެވެ. އެހެންކަމުން ޓީސީއަށް މެޗު އިތުރަށް އުނދަގޫވެގެން ދާނެ ކަމަށް އެ ޓީމުގެ ކޯޗު ޝާޒް ވަނީ ބުނެފައެވެ.

"މި ރައުންޑު ފެށުނީއްސުރެން ބުނީ ޓީސީއަށް އެންމެ ޕޮއިންޓެއްވެސް ގެއްލިގެން ކުރިއަށް ދެވޭކަށް ނީންނާނެ. އެހެންވީމަ މި މެޗަށް ވަރަށް ރަނގަޅަށް ތައްޔާރުވެފައި މީނީ،" ޓީސީއިން އިއްޔެ ކުރިއަށް ގެންދިޔަ ފަރިތަކުރުން ނިންމާލުމަށްފަހު ޝާޒް ބުންޏެވެ.

އޭނާ ބުނީ މިއަދު މާޒިޔާއާ ދެކޮޅަށް ކުޅޭ މެޗަކީ ޓީސީއަށް މުބާރާތުގައި އެންމެ މުހިންމު އަދި އެންމެ އުނދަގޫ މެޗު ކަމަށެވެ.

"މިއީ މުބާރާތުގައި ޓީސީއަށް ދިމާވާނެ އެންމެ އުނދަގޫ މެޗު. މިހާރު އަދި އަމުދުން މާޒިޔާއަށް ލީގު ލިބިފައި އޮތުމުން ޕްރެޝަރު ނެތުމަކީ އިތުރަށް އުނދަގޫވާނެ ކަމެއް."

ލީގުގެ ނިމުމަކާ ގާތްވެފައިވާ އިރު ޓީސީއިން ލީގާއި ކުރިމަތިލީ މުހައްމަދު އާތިފް (އާތީ) ގެ ކޯޗު ކަމުގައެވެ. އެކަމަކު މުސާރަ ނުދެވުމުގެ މައްސަލައިގައި މަގާމާއި ހަވާލުވިތާ ފަސް މަސް ތެރޭ އާތީ ވަނީ ޓީސީގެ ކޯޗުކަމުން އިސްތިއުފާ ދީފައެވެ.

comment ކޮމެންޓް