ހައްދުންމަތި ވިޔަފާރީގެ ހަބަކަށް ހަދަނީ

ލ. އަތޮޅު ވިޔަފާރީގެ ހަބަކަށް ހެދުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ ލ. ގަމުގައި އޮތް ކެމްޕެއިނުގައި --- ފޮޓޯ : އެމްޑީޕީ

ލ. އަތޮޅު ހިމެނޭ ސަރަހައްދު ނުވަތަ ހައްދުންމަތި ސަރަހައްދު، ވިޔަފާރި ހަބެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ލ. ގަމުގައި އެމްޑީޕީގެ ފަރާތުން ކުރިއަަށް ގެންދިޔަ "އެޖެންޑާ 19 ހައްދުންނަތީ ކޮންފަރެންސް"ގައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު މިއަދު ވިދާޅުވީ ހައްދުންމައްޗަކީ އެންމެ އަވަހަށް އެންމެ ބޮޑަށް ތަރައްގީ ކުރަން އޮތް ދާއިރާ ކަމަށެވެ.

"މި ދާއިރާއަކީ ބިން ބޮޑު، ގުދުރަތީ ވަސީލަތްތައް ގިނަ، ބޭނުންތެރި އެކި މަސައްކަތްތައް ކުރުމުގެ ފުރުސަތު އަޅުގަނޑުމެނަށް ލިބިފައިވާ ދާއިރާއެއް،" ރައީސް ސޯލިހު ވިދާޅުވިއެވެ

އެގޮތުން ހައްދުންމަތީ ސަރަހައްދު ވިޔަފާރީގެ ހަބަކަށް ތަރައްގީކުރާއިރު އެއާޕޯޓުވެސް ތަރައްގީކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ކައްދޫ އެއާޕޯޓު ބައިނަލްއަގުވާމީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ކުރީގެ އެމްޑީޕީ ސަރުކާރުން ފަށާފައިވާ "އައްސޭރި ޓުއަރިޒަމް ޒޯން" އަލުން ތަރައްގީކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

އެގޮތުން ސަރުކާރުން ކުރަން ޖެހޭ ކަންތައް މިހާރު ނިންމާފައިވާ ކަމަށާއި މިހާރު އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަަށް ތައްޔާރުވެފައިވާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

comment ކޮމެންޓް