ވޫހާންގައި ތިބި ދިވެހިންގެ ހާލު ރަނގަޅު: މިނިސްޓްރީ

ވޫހާންގެ ޓާމިނަލްއެއްގައި ގިނަ ބަޔަކު މަޑުކޮށްލައިގެން --- ފޮޓޯ : ބިޒްނަސް އިންސައިޑާ

ކޮރޯނާ ވައިރަސް އޮރިޖިނޭޓުވެ ފެތުރެމުންދާ ޗައިނާގެ ވޫހާންގައި ތިބި ދިވެހީންގެ ހާލު ރަނގަޅުކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ފޮރިން މިނިސްޓްރީން މިއަދު ބުނެފައިވަނީ ޗައިނާގެ ފޮރިން މިނިސްޓްރީއާ ކޯޑިނޭޓުކޮށް ދިވެހިންގެ ހާލު ބެލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ޗައިނާގައި ދިރިއުޅޭ އެހެން ގައުމުތަކަށް ނިސްބަތްވާ ހުރިހާ ރައްޔިތުންގެވެސް ރައްކާތެރިކަން ކަށަވަރުކުރުމަށް ޗައިނާގެ ސަރުކާރުން މަސައްކަތްކުރާނެކަމުގެ ޔަގީންކަން އެގައުމުގެ ފޮރިން މިނިސްޓްރީން ދޭކަމަށް ރާއްޖޭގެ ޚާރިޖިއްޔާއިން ބުނެއެވެ.

ވޫހާންގައި މިވަގުތު ތިބި ދިވެހީންގެ ސީދާ އަދަދު ނޭނގޭކަމަށާއި ނަމަަވެސް އެ އަދަދު ހޯދައި، އެންމެންގެ ހާލު ބެލުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

ވޫހާންއިން ފެތުރެން ފެށި ކޮރޯނާ ވައިރަސް ހަލުއިކަމާއެކު ފެތުރެމުންދާތީ އެ ސިޓީއަށް ވަދެ ނުކުމެ އުޅުން ވަގުތީ ގޮތުން މަނާކޮށް، އެ ސިޓީގެ ދަތުރުފަތުރުގެ ކަންކަން އޮތީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ.

ވޫހާން ވައިރަހޭ ކިޔާ މި ވައިރަސް މިހާތަނަށް 571 މީހަކަށް ޖެހިފައިވާ އިރު، މިހާތަނަށް މަދުވެގެން 17 މީހަކު އެ ވައިރަސްގެ ސަބަބުން މަރުވެފައިވާކަމަށް ޗައިނާގެ ނޫސްތަކުން ބުނެއެވެ.

ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރަނީ ޗައިނާއިން ކަމަށް ވާ އިރު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މިހާރު ވަނީ ރާއްޖެ އެތެރެވާ މީހުން މި ވައިރަހަށް ސްކްރީންކުރުމުގެ މަސައްކަތް ފަށާފައެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީން މިއަދު ބުނި ގޮތުގައި މިހާތަނަށް އެ ބަލި ޖެހިފައިވާ މީހަކު ފާހަގަވެފައި ނުވާ ކަމަށެވެ.

comment ކޮމެންޓް