އެންޑްރޮއިޑް ޑިވައިސްތަކުގެ އެޕްލިކޭޝަންތައް އަޕްޑޭޓްވެފައިވާ ކަމުގެ ނޮޓިފިކޭޝަނެއް ދެނެއް ނުލިބޭނެ ކަމަށް ގޫގަލް އިން ބުނެފި އެވެ.
މިދިޔަ ޑިސެމްބަރުގެ މަހުގެ ކުރީކޮޅުން ފެށިގެން އެންޑްރޮއިޑް ބައެއް ޔޫޒަރުން ވަނީ ޕްލޭސްޓޯއިން އެޕްލިކޭޝަން އަޕްޑޭޓުކުރުމުން ނޮޓިފިކޭޝަން ނުފެންނަ ކަމަށް ބުނެ މައްސަލަތަކެއް ޖައްސައިފަ އެވެ. ދުވަސްކޮޅަކު އެ މައްސަލަ ހައްލުކުރުމަށް ފަހު އަނެއްކާ ވެސް މީގެ ދުވަސްކޮޅެއް ކުރީން ވަނީ އެ މައްސަލަ އަލުން ފެންމަތިވެފަ އެވެ.
ގިނަ އެންޑްރޮއިޑް ޔޫޒަރުން ފޯރަމްތަކުގައި އެ މައްސަލަ ޖައްސަމުން ދިޔަ އިރު ބައެއް ފަރާތްތަކުން ހީކުރީ އެއީ އެޕް ސްޓޯގެ ބަގް އެއް ކަމަށެވެ. ނަމަވެސް ގޫގަލް އިން ދާދި ފަހުން ބުނެފައި ވަނީ އެއީ ބަގެއް ނޫން ކަމަށެވެ.
އެކުންފުނިން ބުނި ގޮތުގައި އެޕްލިކޭޝަން އަޕްޑޭޓް ނޮޓިފިކޭޝަން ކުރިއަށް އޮތް ތަނުގައި ނުފެންނާނެ އެވެ. އެޕްލިކޭޝަން އޮޓޯ އަޕްޑޭޓަށް ޖެއްސުމުން އެ އެޕްލިކޭޝަންތައް އަމިއްލައަށް އަޕްޑޭޓް ވާނެ އެވެ. އެހެންނަމަވެސް އެޕްލިކޭޝަން އަޕްޑޭޓްވެފައިވާ ކަމުގެ ނޮޓިފިކޭޝަންއެއް ދެނެއް ނުލިބޭނެ ކަމަށް ގޫގަލް އިން ބުންޏެވެ.
ގޫގަލް އިން ބުނީ އަޕްޑޭޓްވުމުން ނޮޓިފިކޭޝަން ނުލިބުނު ނަމަވެސް އާ އަޕްޑޭޓެއް އައިސްފައި އިން ނަމަ އެނގޭނެ ކަމަށެވެ.