ސީޕްލޭން ޓާމިނަލް ވަރަށް އަވަހަށް ޓީއެމްއޭއާ ހަވާލުކުރާނެ: ޔައުގޫބް

ސީޕްލޭން ޓާމިނަލް --

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ތަރައްގީކުރާ އާ ސީޕްލޭން ޓާމިނަލް ވަރަށް އަވަހަށް ޓީއެމްއޭއާ ހަވާލުކުރާނެ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ދައުލަތަށް ގެއްލުންވާ ގޮތަށް އަލަށް އަޅާ ސީޕްލޭން ޓާމިނަލް ހިންގަން ޓީއެމްއޭ އަށް ހަވާލުކުރަން އުޅޭ ކަމަށް ބުނެ އެންޓިކޮރަޕްޝަން ކޮމިޝަނަށް ވަނީ މައްސަލައެއް ހުށަހަޅައިފަ އެވެ. އަދި އޭސީސީން މިހާރު އެ މައްސަލަ ބަލަމުން އަންނަ އިރު މީގެ ކުރިން ރައްޔިތުންގެ މަޖިލީހުން ވެސް އެކަން ވަނީ ބަލައިފަ އެވެ. މަޖިލީހުގެ އެދުމަކަށް އޮޑިޓް އޮފީހުން ވަނީ ސީޕްލޭން ޓާމިނަލްގެ އޮޑިޓެއް ވެސް ހަދައިފަ އެވެ.

ޓާމިނަލްގެ މައްސަލާގައި މެމްބަރު ޔައުގޫބު ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސީޕްލޭން ޓާމިނަލް ވަރަށް އަވަހަށް ޓީއެމްއޭއާ ހަވާލުކުރާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށާއި، ދައުލަތަށް ގެއްލުންވާ ގޮތަށް ޓާމިނަލް ދީފި ނަމަ އެބަޔަކު ޖަވާބުދާރީ ކުރަން ފަސްނުޖެހޭނެ ކަމަށެވެ.

"މާލިއްޔަތު ކޮމިޓީން މިކަން ބަލައި ފިޔަވަޅު އަޅާނަން،" އެ ކޮމިޓީގެ މެމްބަރުކަން ވެސް ކުރައްވާ ޔައުގޫބް ވިދާޅުވި އެވެ.

ޗައިނާގެ ބީޔޫސީޖީ ކުންފުންޏަށް ދީގެން 40 މިލިއަން ޑޮލަރު ހަރަދުކޮށްގެން ތަރައްގީކުރާ އާ ސީޕްލޭން ޓާމިނަލްގެ އޮޑިޓުން ދަައްކާ ގޮތުން ސީޕްލޭން ޓާމިނަލް އެމްއޭސީއެލް އިން ހިންގައިފި ނަމަ އެ ކުންފުންޏަށް ލިބޭ ފައިދާ ބޮޑުވާނެ އެވެ. އެގޮތުން އެ ޓާމިނަލް ހިންގައިގެން އެމްއޭސީއެލްގެ އާމްދަނީ 300 ގުނަ އިތުރުވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

އަދި ޓީއެމްއޭއަށް ޓާމިނަލް ދޫކޮށްފި ނަމަ އެމްއޭސީއެލްއަށް އަހަރަކު 41 މިލިއަން ޑޮލަރުގެ ގެއްލުން ވާނެ ކަމަށް ރިޕޯޓުގައިވެ އެވެ.

ސީޕްލެން ޓާމިނަލް ހިންގުމާ ގުޅޭ ގޮތުން އެމްއޭސީއެލްގެ އެކްޓިން އެމްޑީ މޫސާ ސޯލިހު މީގެ ކުރިން ވިދާޅުވީ އާ ސީޕްލޭން ޓާމިނަލް ހިންގާނީ އެމްއޭސީއެލް އިން ކަމަށެވެ. ނަމަވެސް މިހާރު ސީޕްލޭންގެ ހިދުމަތްދޭ ކުންފުނިތަކުންދޭ ހިދުމަތްތައް މެދުކެނޑޭނެ ގޮތަކަށް އާ ސީޕްލޭން ޓާމިނަލް އަށް އޮޕަރޭޝަންސް ބަދަލު ނުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އަދި ސީޕްލޭން ޓާމިނަލްގެ މަސައްކަތް ނިމޭ ގޮތަށް އެތަން އެމްއޭސީއެލް އިން ހިންގިޔަސް، މިހާރު ޓީއެމްއޭ އިން ހިދުމަތްދޭން ބޭނުންކުރާ ޓާމިނަލްތައް އެކުންފުނީގެ އަތުން އަތުނުލެވޭނެ ކަމަށާއި އަދި ޓީއެމްއޭއާ އެކު ހަދާފައިވާ އެގްރިމަންޓް ވެސް ހަމަނުވާ ކަމަށް ވެސް ވިދާޅުވި އެވެ.

ސީޕްލޭން ޓާމިނަމް ހިންގުމުގެ ގާބިލްކަން އެމްއޭސީއެލްގައި އެބަހުރި ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވެސް ވަނީ ވިދާޅުވެފަ އެވެ.

މިހާރު ރާއްޖޭގައި ސީޕްލޭންގެ ހިދުމަތް ދެނީ ޓީއެމްއޭ އާއި މޯލްޑިވިއަން އަދި މަންޓާ އިންނެވެ. ފްލައިމީ އިން ވެސް ސީޕްލޭންގެ ހިދުމަތް ދޭން ފަށަން އުޅޭ ކަމަށް ވަނީ ވާހަކަ ދެކެވިފަ އެވެ.

comment ކޮމެންޓް