އިންޑިއާއިން ޕާމްތެޔޮ ގަތުން ހުއްޓާލިޔަސް ހައްގު ބަސް ބުނާނަން: މަހާތީރު

މެލޭޝިއާގެ ބޮޑުވަޒީރު މަހާތީރު މުހައްމަދު---

އިންޑިއާއިން މެލޭޝިއާގެ ޕާމްތެޔޮ ގަތުން ހުއްޓާލިޔަސް ހައްގު ބަސް ބުނުމުގައި ދެމި ހުންނަވާނެކަމަށް މެލޭޝިއާގެ ބޮޑުވަޒީރު މަހާތީރު މުހައްމަދު ވިދާޅުވެއްޖެއެވެ.

އިންޑޮނީޝިއާއަށްފަހު ދުނިޔޭގައި އެންމެ ގިނައިން ޕާމްތޮޔު އެކްސްޕޯޓްކުރަނީ މެލޭޝިއާއިންނެވެ. ނަމަވެސް ދާދި ފަހުން އިންޑިއާއިން މުސްލިމުންގެ މެޖޯރިޓީ އޮންނަ ކަޝްމީރަށް ދީފަ އޮންނަ "އޮޓޯނަމީ" އުވާލައި އަދި ބައެއް މުސްލިމުންގެ ރައްޔިތުކަން ގެއްލޭގޮތަށް "ސިޓިޒަންޝިޕް" އަށް ނެގައި ބަދަލާގުޅިގެން މަހާތީރު ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

މެލޭޝިއާގެ މާކެޓުން ޕާމްތެޔޮ ގަތުން އިންޑިއާގެ ވިޔަފާރިވެރިންނަށް މިދިޔަ ހަފްތާއިން ފެށިގެން ވަނީ މަނާކޮށްފައެވެ.

އެކަމާ ކަންބޮޑުވެފައި ތިބި މެލޭޝިއާގެ ވިޔަފާރިވެރިންނަށް އެހެން ގޮތްތަކެއް ހޯއްދަވައިދެއްވާނެކަމަށް މަހާތީރު ވިދާޅުވިއެވެ.

"އެެހެން ނަމަވެސް ކަމެއް ގޯސްކޮށް ހިނގަންޔާ އެކަމާ ދެކޮޅަށް ބަސްބުނަން ޖެހޭ. ފައިސާގެ ނުފޫޒާހުރެ ކަންތައްތައް ގޯހުންދާ ދޫކޮށްލައިފިނަމަ އެތައް ގޯސްކަމެއް ކުރާނެ." މަހާތީރު ވިދާޅުވިއެވެ.

މެލޭޝިއާގެ ޕާމް ތެޔޮ އެންމެ ގިނައިން ގަންނަނީ އިންޑިއާއިންއެވެ. މިދިޔަ އަހަރު އެކަނިވެސް އިންޑިއާއިން 4.4 މިލިއަން ޓަނުގެ ޕާމްތެޔޮ މެލޭޝިއާއިން އިމްޕޯޓް ކުރިއެވެ.

އިންޑިއާގެ ބަދަލުގައި ސައުދީ އަރަބިއްޔާ، މިސްރު އަދި ޕާކިސްތާނު ފަދަ ގައުމުތަކަށް ޕާމްތެތޮ އެކްސްޕޯޓްކުރުމަށް މެލޭޝިއާއިން މަސައްކަތް ކުރަމުންދާ ކަަމަށް އެގައުމުގެ ބައެއް އޮފިޝަލުން ވަނީ ބުނެފައެވެ.

comment ކޮމެންޓް