މިދިޔަ އަހަރު 36،900 އަށްވުރެ ގިނަ ސްޓިކާ ޖެހި!

މާލޭގެ މަގެއްގައި ފުލުހުން ޓުރެފިކު ބެލެހެއްޓުމުގައި ހަރަކާތްތެރި ވަނީ: ސަން ފައިލް ފޮޓޯ

މިދިޔަ އަހަރު އެއްގަމު އުޅަނދުތަކުގައި 36،900 އަށްވުރެ ގިނަ ވަޔަލޭޝަން ސްޓިކާ ޖަހާފައިވާ ކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ފުލުހުންގެ ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓުން އާންމުކުރި މިދިޔަ އަހަރުގެ ޓްރެފިކް މައްސަލަތަކުގައި ފިޔަވަޅު އެޅުނު ގޮތުގެ ތަފްސީލު ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރު ގަވާއިދާ ހިލާފުވެގެން 36،963 ވަޔަލޭޝަން ސްޓިކާ ވަނީ ޖަހައިފައެވެ.

މީގެ އިތުރުން ދެން އެންމެ ގިނައީ ލައިސަންސް ނެތި ދުއްވުމުގެ މައްސަލަތަކެވެ. މިދިޔަ އަހަރު އެ ގިންތިއެއްގެ އުޅަނދު ދުއްވުމުގެ ލައިސަންސް ނެތި ދުއްވައިގެން 7589 މީހަކާ މެދު ވަނީ ފިޔަވަޅު އަޅައިފައެވެ.

އަދި ލައިސެންސް ހިފަހައްޓާފައި ވަނިކޮށް، ނުވަތަ ވަގުތީ ލައިސެންސް ނެތި ދުއްވި 2857 މީހަކާ މެދު ފިޔަވަޅު އެޅި އިރު ލައިސެންސް މުއްދަތު ހަމަވެފައި ވަނިކޮށް، ލައިސެންސް އާނުކޮށް ދުއްވި 33 މީހަކާ މެދު ވެސް ވަނީ ފިޔަވަޅު އަޅައިފައެވެ.

ހަމަ އެއާއެކު، ލައިސެންސް ގެއްލިފައިވަނިކޮށް، ނުވަތަ ހަލާކުވެފައިވަނިކޮށް ދުއްވި 550 މީހަކާ ލައިސެންސް ލިބިފައިވާ މީހާ ދުއްވި އިރު އަތުގައި ލަސެންސް ނެތި ދުއްވި 1704 މީހަކާ މެދު ފިޔަވަޅު އަޅާފައިވާ ކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

އަދި ޓްރެފިކް ނިޝާންތަކާ ހިލާފުވި 987 މީހަކާއި، ޓްރެފިކް ބައްތިއާ ހިލާފަށް ދުއްވި 82 މީހަކާއި، ހެޑްސެޓް އަޅައިގެން ނުވަތަ ވީޑިއޯ ބަލަމުން ދުއްވި 302 މީހަކާއި ބާރަށް ލަވަޖެހުން ނުވަތަ އަޑުގަދަކުރާ ބޭނުންކުރަމުން ދުއްވި މީހަކާއި މުވާސަލާތީ ވަސީލަތެއް ބޭނުންކުރަމުން ދުއްވި 1875 މީހަކާއި ގާނޫނުގައި ލާޒިމްކޮށްފައިވާ އަލި ނެތި ދުއްވި 188 މީހަކާއި ވަންވޭ އާ ހިލާފަށް ދުއްވި 471 މީހަކާ ދޭތެރޭ ވަނީ ފިޔަވަޅު އަޅައިފައެވެ.

އެކްސިޑެންޓުވުމުން އަންގަން ޖެހޭ ފަރާތަށް ނާންގާ ދިޔަ 23 މީހަކާމެދު މިދިޔަ އަހަރު ފިޔަވަޅު އެޅިއިރު، ވިޔަފާރި އުސޫލުން ބޭނުންކުރާ އުޅަނދެއްގައި އެތެރެ ނުފެންނަ ބިއްލޫރި ހަރުކޮށްގެން ދުއްވި މީހަކާމެދު މިދިޔަ އަހަރު ވަނީ ފިޔަވަޅު އަޅައިފައެވެ.

ފުލުހުންގެ ތަފާސްހިސާބުތައް ދައްކާގޮތުން ރަޖިސްޓްރީ ނަންބަރު ހަރުނުކޮށް، ނުވަތަ ހަލާކުވެފައި ހުރިކަން އެނގިހުރެ ދުއްވައިގެން މިދިޔަ އަހަރު 287 މީހަކާމެދު ފިޔަވަޅު އެޅުނެވެ. އަދި ނަންބަރު ބޯޑު ކަރުދާހުން ހަދައިގެން ދުއްވި 37 މީހަކާ މެދު ވެސް ވަނީ ފިޔަވަޅު އަޅައިފައެވެ.

ދެފުރޮޅުލީ އިންޖީނުލީ އުޅަނދެއްގައި ގަވާއިދާ ހިލާފަށް މުދާ އުފުލައިގެން 81 މީހަކާ ދޭތެރޭ ފިޔަވަޅު އެޅި އިރު ގާނޫނާ ހިލާފަށް މުދާ އުފުލި 345 މުދާ އުފުލާ އުޅަނދަކާ މެދު ވެސް ފިޔަވަޅު އެޅިއެވެ. ބަރުދަން ލިޔެފައި ނެތި މުދާ އުފުލުމަށް ހަދާފައިވާ އުޅަނދަކަށް މުދާ އަރުވައިގެން ދުއްވި 23 މީހަކާއި ކަނޑައެޅިފައިވާ އަދަދަށްވުރެ އިތުރަށް މީހުން އަރުވައިގެން ދުއްވުމުގެ 67 މައްސަލައަކާ ގުޅިގެން ވެސް ފިޔަވަޅު އެޅިއެވެ.

ރަޖިސްޓްރީ ނުކޮށް އެއްގަމު އުޅަނދު ދުއްވި ހަތަރު މީހަކާ މެދު ފިޔަވަޅު އެޅި އިރު، ސޭފްޓީ ކަމަރު ނުބަނދެ ކުޑަކުދިން ގޮވައިގެން ސައިކަލު ދުއްވައިގެން 10 މީހަކާ ދޭތެރޭ ފިޔަވަޅު އެޅިއެވެ.

ގަވާއިދާ ހިލާފަށް ޓެކްސީގެ ހިދުމަތް ދީގެން 30 މީހަކާ މެދު ފިޔަވަޅު އެޅި އިރު، ޓެކްސީ ކުރާ އުޅަނދެއްގައި ހުންނަން ޖެހޭ ސިފަތަކާއި ވަސީލަތްތައް ނެތި ޓެކްސީގެ ހިދުމަތް ދިން ހަ މީހަކާއި، ޓެކްސީ ކުރުމުގެ ލައިސެންސް ނެތި ޓެކްސީގެ ހިދުމަތް ދިން 112 މީހަކާ މެދު ވެސް ވަނީ ފިޔަވަޅު އަޅައިފައެވެ.

ޓެކްސީއެއްގައި ހުންނަންޖެހޭ ހުއްދަތައް ނެތި ޓެކްސީ ކުރި 45 މީހަކާ މެދު ފިޔަވަޅު އެޅިއިރު، ޓެކްސީ ހިދުމަތް ދިނުމުގައި ކަނޑައެޅިފައިވާ އަދަދަށް ވުރެ އިތުރަށް ފައިސާ ނެގި 24 ޑްރައިވަރަކާ ޓެކްސީ ޑްރައިވަރު ކަމުގެ ލައިސެންސް ބާތިލްކޮށްފައި ވަނިކޮށް ޓެކްސީ ހިދުމަތް ދިން މީހަކާ މެދު ވަނީ ފިޔަވަޅު އަޅައިފައެވެ.

ކަނޑައަޅާފައިވާ ދުވެއްޔަށް ވުރެ ބާރަށް ދުއްވައިގެން 2124 މީހަކަށް ފިޔަވަޅު އެޅިއިރު، ދުއްވަން ކަނޑައަޅާފައިވާ ލޭން ނޫން އެހެން ލޭނެއްގައި ދުއްވި 753 މީހަކާއި، ގަވާއިދާ ހިލާފު ހެލްމެޓް ބޭނުންކުރި 1219 މީހަކާއި، ހެލްމެޓް ނާޅާ ސައިކްލަ ދުއްވި 118 މީހަކާއި އެއްގަމު އުޅަނދެއްގައި ދުންފަތުގެ އިސްތިއުމާލު ކުރަމުން ދުއްވި 262 މީހަކާ މެދު ވަނީ ފިޔަވަޅު އަޅައިފައެވެ.

ރޯޑްވާދިނެސް ނުހައްދާ ނުވަތަ މުއްދަތު ހަމަވެފައިވަނިކޮށް ނުވަތަ އުޅަނދުގައި ރޯޑްވާދިނަސް ސްޓިކާ ނެތި ދުއްވި 2050 މީހަކާ މެދު މިދިޔަ އަހަރު ފިޔަވަޅު އެޅި އިރު، އަހަރީފީ ނުދައްކާ ނުވަތަ އަހަރީފީގެ މުއްދަތު ހަމަވެފައިވާ އުޅަނދު ދުއްވި 2684 މީހަކާއި ރޯޑްވާދިނަސް އަށް ނުފެތޭ ގޮތަށް އުޅަނދު ބަހައްޓައިގެން ދުއްވި 467 މީހަކާ މެދު ވެސް ވަނީ ފިޔަވަޅު އަޅައިފައެވެ.

ޓްރާންސްޕޯޓު ގާނޫނާ ހިލާފަށް ނަންބަރު ނުވަތަ ނިޝާނަށް ބަދަލުގެނެސްގެން ބޭނުން ކުރަން ދިން ހަތަރު މީހަކާއި، އެ އުޅަނދަކަށް ދޫކޮށްފައިވާ ނަންބަރު ބޯޑު ނޫން އެހެން ބޯޑެއް ހަރުކޮށްގެން ދުއްވި 12 މީހަކާ
އި ޓްރާންސްޕޯޓު ގާނޫނާ ހިލާފަށް ނަންބަރު ނުވަތަ ނިޝާން ބޭނުންކުރި މީހަކާ މެދު ވެސް ފިޔަވަޅު އަޅާފައިވެއެވެ.

ހިނގާމީހުންނަށާއި ދުއްވާ އެއްޗެއްސަށް ދަތިވާގޮތަށް ހުއްޓައިގެން އޮތުމުގެ 162 މައްސަލައާއި އިންސްޓްރަކްޓަރު ކަމުގެ ހުއްދަނެތި ދުއްވަން ދަސްކޮށްދިން ހަތަރު މީހަކާއި ތާޑް ޕާޓީ އިންޝުއަރެންސް ނުކޮށް ނުވަތަ އިންޝުއަރެންސް ސްޓިކާ އުޅަނދުގައި ނެތި ދުއްވި 1861 މީހަކާ މެދު ވެސް ފުލުހުން މިދިޔަ އަހަރު ފިޔަވަޅު އެޅިއެވެ.

މިދިޔަ އަހަރު ދެން ފިޔަވަޅު އެޅި މީހުންގެ ތެރޭގައި ދުވާރުމަތީ ދުއްވުމާއި، ޕާކްކުރުމާއި މަގުހުރަސްކުރާ މީހާއަށް ޖާގަނުދީ ދުއްވި 124 މީހަކާއި ދުއްވުން މަނާ ގަޑިތަކުގައި ހުއްދަ ނުހޯދާ ދުއްވި 69 މީހަކާއި ވަކި ޒޯނަކަށް ރަޖިސްޓްރީކޮށްފައިވާ އުޅަނދެއް އެހެން ޒޯނެއްގައި ހުއްދަ ނުހޯދާ ދުއްވި 91 މީހުން ހިމެނެއެވެ.

އަހަރީ ފީ ނުދައްކާ ހަ މަސްދުވަސް ފާއިތުވެފައިވާ އުޅަނދެއްގެ ވެރިފަރާތާމެދު ފިޔަވަޅު އެޅިއިރު، މަގުމައްޗަށް ކުނި އެޅޭގޮތަށް ނުވަތަ މީހުންނަށް އުނދަގޫވާގޮތަށް ކުނި އަރުވައިގެން ދިއުމުގެ މައްސަލައަކާ ގުޅިގެން ވެސް ފިޔަވަޅު އެޅިއެވެ.

ޑޮމެއިން ހުއްދަ އަތުގައި ނެތި ދުއްވި ހަތް މީހަކާ މެދު ފިޔަވަޅު އެޅި އިރު ފުލުހުން ބުނީ މިދިޔަ އަހަރު 2840 އުޅަނދެއް ޓޯކޮށްފައިވާ ކަމަށެވެ.

comment ކޮމެންޓް