ކިހާދޫއަށް ގެނެސްދިނީ ބޮޑު ހިނިތުންވުމެއް!

ކިހާދޫ ކުޑަކުދިންތަކެއް: ބީއެމްއެލްގެ ކޮމިޔުނިޓީ ފަންޑުން އެ ރަށު ކުޑަކުދިންނަށް ވަނީ ޕާކެއް ތަރައްގީކޮށްދީފައި -- ފޮޓޯ/ ބީއެމްއެލް

ފައްސަތޭކައެއްހާ މީހުން ދިރިއުޅޭ، ބ. ކިހާދޫގެ ޖަމްއިއްޔާއެއް ކަމަށްވާ، ކިހާދޫ ޑިވަލޮޕްމަންޓް ސޮސައިޓީ (ކިޑްސް ޖަމްްއިއްޔާ) އާއި ރަށު ކައުންސިލުން ގުޅިގެން ރަށުގެ ބަނދަރުމަތީ ކުޑަކުދިންގެ ޕާކެއް ތަރައްގީ ކުރަން ފެށީ މީގެ އަހަރެއްހާ ދުވަސް ކުރިންނެވެ. އެ މަސައްކަތުގެ ފެށުމަކަށްވީ، ކުޑަކުދިން ކުޅެލައި މަޖާކޮށްލަން ދާނެ ރައްކާތެރި ތަނެއް ރަށުގައި ނެތުން ބޮޑު ޝަކުވާއަށް ހައްލު ހޯދައިދިނުމެވެ.

އެހެން ނަމަވެސް، ފައިސާއަށް ޖެހި އެ މަސައްކަތް އެންމެ ފަހުން ހުއްޓުނީ އެވެ. މަސައްކަތް ހުއްޓުނުތާ، ދުވަސްގަނޑަކަށް ފަހު ކިރިޔާ ވެސް އުންމީދެއް ލިބުނީ، ބީއެމްއެލް ކޮމިޔުނިޓީ ފަންޑުގެ ދެވަނަ ބުރުގެ ޕްރޮޕޯސަލްތަކަށް ހުޅުވާލުމާ އެކު އެވެ. އެ ހިސާބަށް ދިޔަ އިރު، ކައުންސިލުން ވެސް ވަނީ ބޮޑެތި ހަރަދުތަކެއްކޮށްފަ އެވެ.

އަމިއްލަ ފަރާތްތަކުން ކުރާ އިޖުތިމާއީ އެކި ކަންކަމަށް އެހީވުމަށް ބީއެމްއެލްއިން ހުޅުވާލި ކޮމިޔުނިޓީ ފަންޑަށް ކިހާދޫ ކިޑްސް ޖަމްއިއްޔާއިން ހުށަހެޅި ޕްރޮޕޯސަލަކީ ރަށުގެ ބަނދަރު ސަރަހަައްދުގައި ހަދަން ފަށާފައިވާ ކުޑަކުދިންގެ ކޮމިޔުނިޓީ ޕާކު ނިންމާލަން ބޭނުންވާ ސާމާނު ގަނެ، އެ ޕާކް ހުޅުވުމެވެ. ރަށުގެ އާންމުންގެ ބޮޑު އުންމީދަކަށްވެފައި އޮތް ޕާކްގެ މަސައްކަތް ހަގީގަތަކަށް ވާނެ ކަމުގެ ޔަގީންކަން ލިބުނީ ކިޑްސް ޖަމްއިއްޔާގެ ޕްރޮޕޯސަލް ބީއެމްއެލްއިން ބަލައިގަނެ، ފަންޑު ދޭން އެއްބަސްވުމުން އެވެ.

ޕާކް ތަރައްގީ ކުރުމަށް ކިހާދޫ ކިޑްސް ޖަމްއިއްޔާގެ މެންބަރުން މަސައްކަތް ކުރަނީ. -- ފޮޓޯ/ ބީއެމްއެލް

"ޕާކް ހުޅުވަން ބޭނުންވާ، ފިނިޝިންއަށް އަޅުގަނޑުމެންނަށް އެހީއެއް ވާނެ މީހަކު ނެތިފައި ތިބީ. ރައްޔިތުން އެދެމުން ދިޔަ މި ޕާކް އަވަހަށް ނިންމައި ދޭން. އަޅުގަނޑުމެން ބީއެމްއެލްއަށް ޕްރޮޕޯސަލް ހުށަހެޅީއިރުވެސް އަނެއްހެން މާ ބޮޑު އުންމީދެއް ވެސް ނުކުރަން. އެކަމަކު ބީއެމްއެލްއިން ޕްރޮޕޯސަލް އެޕްރޫވް ވީމާ އަޅުގަނޑުމެންނަށް މި ޕާކް ހުޅުވޭ ހިސާބަށް މިދެވުނީ. އެ އެހީ ނުލިބުނު ނަމަ ނުވީސް،" ކިޑްސް ޖަމްއިއްޔާގެ ރައީސް އިބްރާހިމް ވަސީމް "ސަން"އަށް ވިދާޅުވި އެވެ.

ބީއެމްއެލްއިން ދިން އެހީއާ އެކު، ޕާކްކުގައި ބަހައްޓަން ޖެހޭ ކުޑަކުދިން ކުޅޭ ސާމާނު ގަނެ، މިހާރު ވަނީ ބަހައްޓައިފަ އެވެ. އަދި ލޭންޑްސްކޭޕިންގެ މަސައްކަތާއި ޕާކް އަލިކުރުމަށް ބޮކި ހަރުމުގެ މަސައްކަތް ވެސް، ވަނީ އެ އެހީގެ ތެރެއިން ކޮށް ނިއްމާލައިފަ އެވެ.

ބީއެމްއެލް ކޮމިޔުނިޓީ ފަންޑުން އެހީވެގެން ކިހާދޫގައި ހަދާފައިވާ ކޮމިޔުނިޓީ ޕާކް. -- ފޮޓޯ/ ބީއެމްއެލް

ވަސީމް ވިދާޅުވި ގޮތުގައި، އެ ޕާކްގައި ހަރުކޮށްފައިވާ ބޮކިތައް ދިއްލަން ބޭނުން ކުރަނީ، ސޯލާ ހަކަތަ އެވެ. އެހެންވެ، ޕާކް ދިއްލައި އަލިކުރަން ކަރަންޓް ބޭނުމެއް ނުވެ އެވެ. އެ ޕާކަކީ ތިމާވެއްޓާ ރަށްޓެހި ގޮތަކަށް ޑިޒައިންކޮށްފައިވާ "އިކޯ ޕާކެއް" ކަމަށް ވެސް ވަސީމް ވިދާޅުވި އެވެ. އޭނާ ސިފަކުރެއްވި ގޮތުގައި، މި ޕާކް ވެގެން ދާނީ އެ ރަށުގެ ކުދިންނަށް ލިބޭނެ ބޮޑު ހިނިތުންވުމަކަށެވެ. މިއީ ބެލެނިވެރިންނަށް ގެނެސްދޭ ހިތްހަމަ ޖެހުމެކެވެ.

"ކުދިން ކުޅެލާނެ ރައްކާތެރި މާހައުލެއް މި ރަށުގައި މި ގާއިމްކޮށްދެވުނީ. މިއީ ހަމަ ޒަމާނީ ކުޑަކުދިންނާ އެންމެ ގުޅޭނެ އިކޯ ޕާކެއް. ރަށުގެ ކުދިންގެ ދުޅަހެޔޮކަމާ ގުޅިފައިވާ މަސައްކަތެއް ބީއެމްއެލްގެ އެހީތެރިކަމާ އެކު އަޅުގަނޑުމެންނަށް މި ނިންމާލެވުނީ،" ވަސީމް ވިދާޅުވި އެވެ.

މިއީ އެހެން ރަށްރަށަށް ނަމޫނާ މަސައްކަތަކަށްވާނެ އެވެ.

ކިހާދޫ ޕާކް ތަރައްގީ ކުރަން އިސްނެގި، ކިޑްސް ޖަމްއިއްޔާގެ ބައެއް އިސް މެންބަރުން -- ފޮޓޯ/ ބީއެމްއެލް

ބީއެމްއެލްގެ ކޮމިޔުނިޓީ ފަންޑުގެ އެހީއިން މިކުޑަކުޑަ އާބާދީއަށް މި ގެނެސްދިނީ ހިތްހަމަ ޖެހުމާއި ހިނިތުންވުމެވެ. ރައްޔިތުން ޒަމާނުއްސުރެ ދެކެމުން އައި ހުވަފެނެއް ހަގީގަތަކަށް ވުމުގެ ބައިވެރިއަކަށްވީ، ގައުމީ ބޭންކް، ބީއެމްއެލް އެވެ. ކިހާދޫގެ ކިޑްސް ޖަމްއިއްޔާއިން ތިބީ ކިހާދޫގެ ކުދިންގެ މުސްތަގުބަލާއި ރަށުގެ ތަރައްގީއަށް އެ މީހުންނަށް ކަމެއް ކޮށްދެވުމުގެ ހިތްހަމަ ޖެހުމުގަ އެވެ.

"ކޮންމެ ރަށަކަށް ވެސް ބައިވަރު މައްސަލަތައް ހުންނާނެ. ބަނދަރުގެ ކަންކަމާ މިހެން ގޮސް ބޮޑު ލިސްޓެއް އޮންނާނެ. އެކަމަކު އަޅުގަނޑުމެންގެ ވަރުން މި ކޮށްދެވުނީ މި މުޖުތަމައަށް ބޮޑުކަމެއް. މިއީ ރަށުގެ ކުދިންގެ މުސްތަގުބަލަށް އެޅުނު ބިންގަލެއް. މިއީ ޝައްކުވާތަކެއްގެ ނިމުން،" ވަސީމް ވިދާޅުވި އެވެ. "މި ޕާކް އަދިވެސް އިތުރަށް ތަރައްގީކޮށް މިއީ ހުރިހާ އުމުރުފުރާއެއްގެ މީހުންނަށް އެއްވެލައި އުޅެވޭނެ ތަނަކަށް ހަދައިދިނުން އަޅުގަނޑުމެންގެ އުންމީދަކީ."

comment ކޮމެންޓް