ދުވަހުގެ ބާކީ ވަގުތުތައް ދިންމާ ހޭދަކުރީ ނުތަނަވަސްކަން މަތީގައެވެ. ޓެސްޓްތަކުގެ ނަތީޖާ އަންނާނެ ގޮތާ މެދު ނުވިސްނޭ އެންމެ ސިކުންތެއް ވެސް ނުދެޔޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އެއްތަނެއްގައި ހަމަޖެހިލައިގެން ގިނަ އިރު ވަންދެން އިނދެވޭ ކަމަކަށް ވެސް ނުވިއެވެ. ކުރިއަށް އޮތް ތަނުގައި ކަންތައް ވެދާނެ ގޮތަކާ މެދު މެދުކެނޑުމެއް ނެތި ވިސްނެމުން ދިޔަ އެވެ. ލިބިފައިވާ ނުތަނަވަސްކަމާ ހުރެ ހަމަ ނޭވާލާން ވެސް އޭނައަށް އުނދަގޫ ކަމަކަށް ވެއްޖެއެވެ. ސިކުނޑީގެ ނާރުތަކަށް ވާންކަން ވެރިވެ އެންމެ ފަހުން ބޮލުގައި ރިއްސަން ފެށިއެވެ.

*****

ނަތީޖާ ލިބުމުގެ އިރުކޮޅެއް ކުރިން ދިމްނާ ހޮސްޕިޓަލަށް ދިޔަ އެވެ. އޭރު އޭނަގެ ހިތުގެ ތެޅުން އަވަސްވެ މުޅި މީހާ ހާސްވެފައި ވިއެވެ. އަތްފައި ފިނިވެ މޭގަނޑު ނެގިނެގިފައި ޖެހެންފެށިއެވެ. ކައުންޓަރާއި ހަމައަށް ދެވުނު އިރު އެމޫނުގެ ކުލަވަރު ވަނީ ބަދަލުވެފައެވެ.

ކައުންޓަރު ދޮށުގައި އިން އަންހެންކުއްޖާއަށް އަވަސް ހިނިތުންވުމެއް ދިމްނާ ދިނެވެ. އަދި ލިޔެކިޔުންތައް ދިއްކޮށްލިއެވެ. އޭރު އޭނަގެ އަތުގައި މަޑު ތުރުތުރުލުމެއް ވިއެވެ. ކައުންޓަރު ދޮށުގައި އިން އަންހެންކުއްޖާއަށް ދިމްނާއަށް އައިސްފައިވި ބަދަލުތައް ފާހަގަ ކުރެވުމުން ބަލާލީ ހައިރާންކަން ކަމާއެކުގައެވެ. އެއާއެކު ދިމްނާ ގަދަކަމުން ހިނިތުންވުންވާން މަސައްކަތްކުރިއެވެ. ހިތުގެ ނުތަނަސްކަން ވަންހަނާކުރަން މަސައްކަތްކުރިއެވެ.

ޓެސްޓްތަކުގެ ނަތީޖާ ލިބުމުން އަވަސް ނަޒަރެއް އެއަށް ދެމުން ކަންއުންޓަރުގައި އިން އަންހެންކުއްޖާ، ދިމްނާގެ އަތަށް ނަތީގެ ކަރުދާސްތައް ދިއްކޮށްލިއެވެ. ކަންބޮޑުވާންޖެހޭ ފަދަ ކަމެއް އޭނައަށް ފާހަގަ ނުކުރެވުމުން ދިމްނާއަށް ހިނިތުންވުމެއް ރައްދުކޮށްލިއެވެ. އަވަސްއަވަހަށް ނަތީޖާތައް އަތުލަމުން އަތްދަބަހުގެ ތެރެއަށް ދިމްނާ ލިޔެކިޔުންތައް ލިއެވެ. ކައުންޓަރު ދޮށުގައި ހުރެގެން ނަތީޖާ ބަލަން ބޭނުން ނުވީތީއެވެ. މީހުން މަދު ހިސާބަކަށް ދާން އޭނަ ބޭނުން ވީތީ އެވެ. އޭރު އޭނަގެ ހިތް އޮބިނޯންނަ ވަރަށް ތެޅެމުން ދިޔަ އެވެ. މީހާއަށް ހާސްކަން ނެގުވަމުން ދިޔަ އެވެ.

އަތްދަބަސް ގެނެސް މޭގައި ޖައްސާލަމުން ދިމްނާ ހިނގައިގަތީ ބޭރުގައި ހުންނަ ކެންޓީނާ ދިމާއަށެވެ. ވަގުތުގެ ގޮތުން އެތާނގައި މީހުން މަދުވާނެކަން އެނގޭތީއެވެ.

ދިމްނާ ހީކުރި ފަދައިން ކެންޓީނުގައި ތިބީ މަދު ބައެކެވެ. އެއިން އެއްވެސް މީހަކަށް ސަމާލުކަން ދިނުމެއް ނެތި ދިމްނާ ގޮސް އިށީނީ މީހުންނާ އެންމެ ދުރުގައި ހުރި އެކަހެރި މޭޒެއްގެ ދޮށުގައެވެ. ގޮނޑީގައި އިށީން ވަގުތު ކައިރިއަށް އައިސް ހުއްޓުނު ވެއިޓަރު ގާތު އެއްވެސް އެއްޗެއް ބޭނުންނުވާ ވާހަކަ ބުނެލަމުން ދިމްނާ އޭނަގެ އަތްދަބަސް ހުޅުވާލިއެވެ. ވެއިޓަރު އެތަނުން ދިއުމާއެކު ތެޅިތެޅި އޮތް ހިތަކާއެކު ޓެސްޓްތަކުގެ ނަތީޖާގެ ގަނޑުތައް ނެގިއެވެ. އަދި އެއަށް އަވަސް ނަޒަރެއް ދިނީ ނޭވާ ހިފަހައްޓާލަމުންނެވެ.

ހުއްޓުން އަރާފައި އިރުކޮޅެއް ވަންދެން ދިމްނާއަށް އިދެވުނެވެ. އޭރު މޭގެ ތެރޭގައި ހިތް ފިތި ބާރުވަމުން ދިޔަކަމުގެ އިހުސާސް ދިމްނާއަށް ކުރެވުނެވެ. ހިކުނދުކޮޅަކަށް ވިޔަސް ނޭވާލާން އޭނަ ހަނދާން ނެތުނެވެ. ލޮލަށް ކަރުނަ ޖަމާވެގެން ދިޔައީ ބަސްބުނާހާ މަދު ސިކުންތުކޮޅެއްގެ ތެރޭގައެވެ. އޭނަގެ މުޅި ވުޖޫދު އެނބުރިގަތް ކަހަލައެވެ.

އަތުގެ އިނގިލިތަކުގެ ތެރެއަށް ގަނޑުތައް ބޮޑިކޮށްލެވުނު ހިނދު އެސްފިޔަތައް ފޫއަޅުވާލާފައި ކަރުނަތައް ފައިބައިގަތެވެ. ބަލިވެއިންކަމުގެ ޚަބަރުން ދިމްނާއަށް ލިބުނީ ހިތްދަތިކަމެވެ. އުފާވެރިކަމެއް ހާސިލެއް ނުވިއެވެ. ދިރިއުޅުން ގޮސްފައި އޮތް މިސްރާބުގެ ސަބަބުން އެޚަބަރު ވެގެން ދިޔައީ އޭނަގެ ޚަޔާތަށް އިތުރު ހިތްދަތިކަމެއް ގެނެސް ދިން ކަމަކަށެވެ. އެޚަބަރު ނަގައިގަންނަންވީ ކިހިނެއްކަމެއް އޭނައަކަށް ނޭގުނެވެ. ސިކުނޑީގެ އެނބުރެމުން ދިޔައީ ތަފާތު ޚިޔާލުތަކެކެވެ.

އުދާސްދަކަމާއި ހިތްދަތިކަމުގެ ކަނޑުގައި ގެނބެމުން ދަނިކޮށް މުޅި މީހާއަށް ސިހުން ގެނުވީ މީހަކު އޭނަގެ ކޮނޑުގައި އަތް ބާއްވާލިކަމުގެ އިހުސާސާއެކުގައެވެ. އެއާއެކު މީހާ ދިޔައީ ސިއްސައިގެންނެވެ. އިދެވުނު ތަނާއި މީހާ އިން ހާލަތު ދިމްނާއަށް ރޭކާލީ ދެނެވެ. އަވަސްއަވަހަށް އަތުގެ ނުފުށުން ކަރުނަ ފޮހެލަމުން ދިމްނާ އިސް އުފުލާލިއެވެ. އެއާއެކު އޭނަގެ ނަޒަރު ހުއްޓިގެން ދިޔައީ ކައްޔިސްގެ މޫނަށެވެ. އެމޫނުން އޭނައަށް ފުނުނީ ކަންބޮޑުވުމެވެ. ސުވާލުތަކެވެ.

''ސޮރީ...''

އޭނަގެ ހަރަކާތުން ދިމްނާ ސިއްސައިގެން ދިއުމުން ކައްޔިސް މަޢާފަށް އެދުނެވެ. އަދި ވަށައިގެންވި މާހައުލަށް ނަޒަރެއް ދިނެވެ. އޭރު އެތާނގައި ތިބި މީހުންގެ ސިއްރު ނަޒަރުތައް ދިމްނާއަށް ހުއްޓެމުން ދިޔަކަން އޭނައަށް ފާހަގަ ކުރެވުނެވެ. އޭނައަށް ވެސް ދިމްނާ ފެނުނީ ކޮފީއަކަށް އެތަނަށް އައުމުންނެވެ. ދިމްނާ ރޮމުން ދިޔަ މަންޒަރު ފެނުމުން ލިބުނު ހައިރާންކަމާއި، ކަންބޮޑުވުމާއެކު ވެގެން އުޅޭ ގޮތެއް ސާފުކޮށްލަން ދިމްނާގެ ގާތަށް އާދެވުނީ އެވެ.

ކައްޔިސް ފެނުމާއެކު ދިމްނާ އަވަސްއަވަހަށް އޭނަގެ އަތުގައިވި ނަތީޖާގެ ކަރުދާސްތައް އަތްދަބަސް ތެރެއަށް ލާން މަސައްކަތްކުރިއެވެ. އެހެނަސް ކައްޔިސްގެ ސަމާލުކަން އެކަމަށް ހުއްޓުނެވެ. ހިތުގައި އެތައް ސުވާލެއް އުފެދިގެން ދިޔަކަމުގައި ވިޔަސް، މީހުންގެ ނަޒަރުތަކުން ދިމްނާ ސަލާމަތްކުރަން ބޭނުންވީތީ އެތަން ދޫކޮށް އެހެން ތަނަކަށް ދާން ކައްޔިސް ދަޢުވަތު ދިނެވެ. ސާފު ވައި ފޮދަކަށް ބޭނުން ވެފައިވީތީ ކައްޔިސްގެ ހުށަހެޅުމާ ދިމްނާއަށް ދެކޮޅެއް ނުހެދުނެވެ. ހަމައެއާއެކު ކައްޔިސް ދިއްކޮށްލި މަދުވެރިކަމަށް ވެސް އިންކާރެއް ނުކުރެވުނެވެ. އިތުރަށް މީހާ އެކަނިވެރިވެ ބިކަވެގެން ހިނގައިދާނެތީއެވެ. އިތުރު މީހެއްގެ މަދަދުވެރިކަމަށް އޭނަ ވަނީ އިންތިހާއަށް ބޭނުން ވެފައެވެ.

*****

އެކުއެކީގައި ރަސްފަންނުގައި ހިނގަމުން ދިޔަކަމުގައި ވިޔަސް އިސްވެ އެކަކުވެސް ވާހަކައެއް ނުދެއްކިއެވެ. އެދެމެދުގައި ވަނީ ހަމަހިމޭންކަމެވެ. އެކަމާ ދިމްނާ ހުރީ ހިތްހަމަޖެހިފައެވެ. ނަމަވެސް މީގެ އިރުކޮޅެއް ކުރިން އޭނަ ހުރި ހާލަތުގެ ސަބަބުން ކައްޔިސްގެ ހިތުގައި ސުވާލުތަކެއް ވާނެކަން ދިމްނާއަށް ޔަޤީންކުރެވުނެވެ. އެސުވާލުތައް އޭނައާއި ކުރިމަތިވާނެކަން ވެސް ދިމްނާއަށް އެނގުނެވެ. ދޮގު ހެދުމުގެ ފުރުސަތެއް ވެސް ނެތެވެ. އެއީ ސިއްރުކުރެވޭނެ ކަމަކަށް ނުވާނެތީއެވެ. އޭނަގެ ހަށިގަނޑަށް ކުރިއަށް އޮތް ދުވަސްތަކުގައި އަންނަ ބަދަލުތަކުން އެހަޤީޤަތް ދުނިޔެއަށް ޢިއުލާން ކުރާނެތީއެވެ. އޭރުން ފިލަން ވަންނާނެ ތަނެއް ވެސް ނޯންނާނެއެވެ.

ދިމްނާއާއި ކައްޔިސް ގޮސް އިށީނީ ރާޅުފަށާ ކައިރީގައި ހުރި ފިނިއަށްޓެއްގައެވެ. ހަށިފުރާ ދޫކޮށްލި ނޭވާއަށްފަހު ދިމްނާގެ ނަޒަރު ހުއްޓާލީ ކުރިމަތިން ފެންނަމުން ދިޔަ މޫދަށެވެ. ހަވީރުގެ ވަގުތުކަމުން އެކި އުމުރުފުރައިގެ ކުޑަކުދިންތައް އެދިމާލުގައި ހޭލަމޭލަވަމުން ދިޔައެވެ. އެކުދިންގެ މޫނުމަތިން ފެންނަމުން ދިޔަ ހިނިތުންވުމާއި އުފާވެރިކަމުން ދިމްނާގެ ހިތަށް އިލްހާމެއް ވެގެން ދިޔައެވެ. ހިތާމައާއި އުދާސްކަމުގެ ތެރެއިން އޭނަގެ ހިތަށް ރާހަތެއް އޭގެ ސަބަބުން ގެނެސްދިނެވެ. ހަށިފުރާ ދޫކޮށްލި ނޭވާއަށް ފަހު ދިމްނާ ގޮތެއް ނިންމިއެވެ. ސާބިތުކަމާއެކުގައެވެ.

''އައެމް ޕްރެގްނެންޓް...''

ހިމޭންކަމުގެ ސުކޫތަކަށްފަހު ދިމްނާ ބުނެލިއެވެ. ދިމްނާގެ ޖުމްލައާއެކު ކައްޔިސްގެ ނަޒަރު އެމޫނަށް ހުއްޓުނެވެ. އެދެލޮލުން އޭނައަށް ހިތްދަތިކަމާ އެކުވެ ފަނޑު އުފާވެރިކަމެއް ވެސް ފެނުނެވެ. ދިމްނާގެ ދިރިއުޅުމުގެ ހުރިހާ ހަޤީޤަތެއް އެނގޭތީ ފިނި ނޭވާއެއް ކައްޔިސް ދޫކޮށްލިއެވެ. އަދި ދިމްނާއަށް ހިތްވަރުދޭން މަސައްކަތްކުރިއެވެ. ހިތާމަތަކާއި ހިތްވަރާއެކު ކުރިމަތިލުމުން އުފާވެރިކަން ހާސިލުކުރެވޭނެކަން އަންގައިދޭން އޭނަ މަސައްކަތްކުރިއެވެ.

''މިހާރު ތިއީ ދިމްނާގެ ހަޔާތުގެ އައު ފެށުމެއް، ހިތްވަރާއެކު ދިރިއުޅުމާއި ކުރިމަތިލާން ލިބުނު އުއްމީދެއް، މިއަދުން ފެށިގެން މާޒީއާ މެދު ފިކުރު ހިންގުން ހުއްޓާލާ، ހިތާމައާއި އުދާސްކަން ގެނެސްދޭ ހުރިހާ ކަމަކާ ވަކިވެ އަމިއްލައަށް ދިރިއުޅުމުގެ މިސްރާބު ނިންމާ، އަމިއްލައަށް ދިރުއުޅުމުގެ ނިންމުންތައް ނިންމުމުން ހިތްހަމަޖެހުން ވެސް ލިބޭނެ... އިރާދަކުރެއްވިއްޔާ ހުރިހާކަމެއް ވެސް ރަގަޅުވެގެން ދާނެ...''

ދިމްނާއަށް ބަލާލަމުން ކައްޔިސް ބުނެލިއެވެ. އެވަގުތު ދިމްނާގެ ދެލޯ ފެންކަޅިވެގެން ދިޔައެވެ. އެތެރެއަށް ނޭފަތް ދަމާލަމުން ލޮލުން ފައިބަން އުޅުނު ކަރުނަތައް އޭނަ ފޮހެލިއެވެ.

''އުސައިދު ބޭނުންވަނީ ދިމްނާ ހިތާމައިގައި އުޅޭ މަންޒަރު ދެކެން، އެހިތްހަމަޖެހުން އޭނަ ނުދޭތި، ހިތްވަރާއެކު ކުރިއަށް ދިއުމުން އޭނައަށް އެއްޗެއް ވިސްނޭނީ ވެސް، ލިބެން ތިއުޅޭ ދަރިފުޅުގެ އެއްވެސް ކުށެއް ނުވޭ، އެއީ މައުސޫމް ފުރާނައެއް، އުސައިދު ދެކެ އަންނަ ރުޅި އެދަރިފުޅަށް އަމާޒުކުރުމުން ދިމްނާއަށް އިތުރު ހިތިކަމެއް ލިބުން ނޫންކަމެއް ނުވާނެ، އެއީ އުސައިދު ބޭނުންވާ ގޮތަކީ ވެސް، ދުވަހަކު ދިމްނާއަށް ހިތްހަމަޖެހުމެއް ނުލިބުން......'' ކައްޔިސް ބުނެލިއެވެ.

''އަހަރެން މި ދަރިފުޅު ބޭނުން... މިއީ ހަމައެކަނި އުސައިދުގެ ކުއްޖެއް ނޫން، އަހަރެންގެ ލޭވެސް އެކުއްޖާގެ ގައިގައި ދައުރުވާނެ... އޭނަގެ ނުބައި ހިޔަނިވެސް މި ދަރިފުޅުގެ މުސްތަޤުބަލަށް އެޅުމުގެ ފުރުސަތެއް ނުދޭނަން...''

ހަށިފުރާ ދޫކޮށްލި ނޭވާއަށްފަހު ސާބިތުކަމާއެކުގައި ދިމްނާ ބުނެލިއެވެ. ކައްޔިސްގެ ވާހަކަތަކުން އޭނައަށް އުއްމީދެއް ލިބުނެވެ. ފުރަތަމަ ފަހަރަށް އުސައިދުއާ ކުރިމަތިލާން ފައިތިލަ ސާބިތުކުރުމުގެ ހިތްވަރު ލިބިގެން ދިޔައެވެ. އެކަމާ ހުރެ ޝުކުރުވެރިކަމުގެ ނަޒަރަކުން ކައްޔިސްއަށް އޭނަ ބަލާލިއެވެ.

''އެއްވެސްކަމެއް ބޭނުންވާ ނަމަ އަހަރެން އަބަދުވެސް ހުންނާނަން، ވާހަކަދައްކަން ބޭނުންވާނަމަ ވެސް އަހަރެން އަބަދު ހުންނާނަން، އެކަނިވެރިކަން ވަށާލުމުގެ ފުރުސަތު ދެން ނުދޭތި!، އަބަދުވެސް އަހަންނާއި އަޝްކާން ދިމްނާއާއެކުގައި ތިބިކަން ހަނދާން ނައްތާނުލާތި......''

މަދަދުވެރިވުމަށް ކައްޔިސް ދިއްކުރި އަތުގައި ދިމްނާ ހިފިއެވެ. އެކަނިވެރިކަމާއި ހިތްދަތިކަމާއި ކުރިމަތިލާން ދިމްނާ ބޭނުން ވެއެވެ. އޭނަގެ ބަނޑުގައި އަށަގަންނަމުން ދިޔަ ދަރިފުޅަށްޓަކައެވެ. އެދަރިފުޅުގެ އެއްވެސް ކުށެއް ނުވެއެވެ. އެމައުސޫމް ފުރާނައަށް ލޯތްބާއި އޯގާތެރިކަމާއި ހިމާޔަތް ދޭން އޭނަ ބޭނުމެވެ. އެކަމަށް އޭނަ ކޮންމެފަދަ ޤުރުބާނީއެއް ވެސް ވެދާނެއެވެ.

*****

ރޭގަނޑުގެ ވަގުތެވެ. ދެޚިޔާލެއްގައި ހުރި ދިމްނާ އޭނަގެ އަތުގައި އޮތް ފޯނުން އުސައިދުއަށް ގުޅާލިއެވެ. އޭރު އޭނަގެ ހިތުގައި ނުތަނަވަސްކަން ވިއެވެ. ނަމަވެސް ޖެހިލުންވެ ބިރުގަތުމުގެ ބަދަލުގައި އޭނަ ކުރިއަށް ނެރުނީ ސާބިތުކަމެވެ. ފިނޑިކަން ޚިޔާރުކޮށްފިނަމަ އުސައިދުގެ ޖެއްސުމާއި ފުރައްސާރައަށް ނިމުމެއް ނާންނާނެއެވެ. އުސައިދުއަށް އެއްޗެއް ވިސްނައިދޭން އޭނަ ބޭނުމެވެ. އޭނަގެ ނިކަމެތިކަމުގެ ފައިދާ އިތުރަށް ނެގުމުގެ ފުރުސަތު އުސައިދުއަށް ދޭން އޭނަގެ ޒަމީރު ދެކޮޅު ހެދިއެވެ.

ރިންގާއެކުއު އުސައިދު ފޯނު ނަގައިފިއެވެ. އަދި ޖަހާލީ މަލާމާތުގެ ހުނުމެކެވެ. އޭގެ ސަބަބުން ދިމްނާގެ ހިތުގައި އުފެދިގެން އައީ ފޫހިކަމެވެ. ރުޅިވެރިކަމެވެ.

''ދުރުގަ ނުހުރެވުނު ދޯ... ޚިޔާލު ބަދަލު ވީ ދޯ؟...'' އުސައިދުގެ އަޑުގައި ވަނީ މަލާމާތެވެ. ''ދިމްނާ ކުރި ކަންތަކަށް ފަހުގައި ވެސް އަހަރެންގެ ހިތްހެޔޮކަމުގެ ސަބަބުން މިހިރީ ދިމްނާ ޤަބޫލުކުރަން ތައްޔާރަށް!...''

''އަހަރެން ބޭނުން ބައްދަލުކޮށްލަން...'' އުސައިދުގެ އެއްވެސް ވާހަކައަކަށް ސަމާލުކަމެއް ދިނުމެއް ނެތި ދިމްނާ ބުނެލިއެވެ.

''ހެހެހެ، އަހަރެންގެ ހަދިޔާ ލިބުނީތަ؟...'' ޖެއްސުމުގެ ރާގަކަށް ހެމުން އުސައިދު ބުނެލިއެވެ. އޭގެ ސަބަބުން ދިމްނާ ގާތަށް ރުޅިއައެވެ. އެއާއެކު ބައްދަލުކުރަންވީ ތަނާއި ގަޑި ބުނެލަމުން އޭނަ ފޯނު ކަނޑާލިއެވެ. އޭރު އޭނައަށް ލިބުނު ހިތްވަރާ މެދު ހައިރާންކަން އުފެދުނެވެ. ޤަބޫލުކުރަން ދަތިވިއެވެ.

އުސައިދު ދެވަނަ ފަހަރަށް ގުޅުމުން ދިމްނާ ފޯނު ކަނޑާލިއެވެ. އޭގެ ސަބަބުން އުސައިދު ރުޅިއަންނާނެ ވަރު އެނގި ހުރެއެވެ. ވަރަށް ގިނަ ދުވަސް ވަންދެން އެރުޅިވެރިކަމަށް ބިރުން ސިހެމުން ދުވަސްތައް ހޭދަކޮށްފިއެވެ. އިތުރަށް އެބިރުވެރިކަމުގެ އަޅުވެތިކަމު ދަށުގައި ހައްޔަރުވެގެން ހުންނާކަށް އޭނަ ބޭނުމެއް ނޫނެވެ. ދިރިއުޅުން ކޮންމެ ހިސާބަކަށް ގެންދިޔަ ކަމުގައި ވިޔަސް، ބަނޑުގައިވި ދަރިފުޅަށްޓަކައި ސާބިތުކަމައެކު ކުރިއަށްދާން އޭނަ އަޒުމު ކަނޑައެޅިއެވެ.

*****

ވިސްނުންތެރިކަމާއެކު މަޅިފަތި އަތުރަމުން ދިޔަ ޖަމީލާއަށް ފުރުސަތެއް ފަހި ވުމާއެކު އޭނަގެ މަކަރުވެރިކަމުގެ ދަލުގައި މަލްސާ ހައްޔަރުކުރަން މަސައްކަތްކުރިއެވެ. ވަގުތަކީ ރޭގަނޑުގެ ކެއުމަށް ފަހު އެންމެން ކާ މޭޒު ދޫކޮށް ދިޔަ ވަގުތެވެ. އޭނައާއި މަލްސާ ފިޔަވާ އިތުރު މީހަކު އެތާނގައި ނަތެވެ. ތަށިތައް ނެގުމުގައި މަލްސާއަށް އެހީވުމުގެ ފަހަތުގައި ޖަމީލާގެ ހީލަތްތެރި އެދުމެއް ވިއެވެ. ހިތްހެޔޮކަމުގެ ތަމުސީލު ކުޅެމުން މަލްސާއާއި ގާތަށް އޭނަ ޖެހިލިއެވެ.

''ރަށުން އަހަރެންގެ ރައްޓެއްސަކު އައިސްގެން އެބައުޅޭ، އޭނަ ގެނައި ހަދިޔާތައް ބަލަން އަހަންނާއެކު މަލްސާއަށް ދެވިދާނެތަ؟...'' ސިންކު ދޮށުގައި ތަށި ދޮންނަން ހުރި މަލްސާއާއި ކައިރިވެލަމުން ޖަމީލާ އެހިއެވެ. އެއާއެކު މަލްސާގެ ހަރަކާތްތަކަށް ހުއްޓުމެއް އަތުވެއްޖެއެވެ. އަދި ޖަމީލާއަށް އަވަސް ނަޒަރެއް ދެވުނެވެ. އެތުންފަތުގައި ވި ހިނިތުންވުމުން އޭނައަށް މުޅިން އެހެން ވާހަކަތަކެއް ކިޔައިދޭން އުޅޭ ކަހަލައެވެ. މިހާރަކަށް އައިސް އޭނައަށް ހެޔޮވުމުގެ ފަހަތުގައި ކޮންމެވެސް ކަމެއް ވާނެޔޭ މަލްސަގެ ހިތް އަބަދުމެ ބުންޏެވެ. ޝުއައިބުގެ އުނދަގުލެއް ވެސް ނުފޯރާތާ ލައްކަ ދުވަސް ވެއްޖެއެވެ. އެއާއެކު ގިޔާންގެ އިންޒާރުތައް މަލްސާގެ ކަންފަތުގައި ތަކުރާރުވެގެން ދިޔައެވެ. ޖަމީލާގެ ހުށަހެޅުމަށް ނޫނެކޭ ބުނާނެ ގޮތެއް ނޭގުމުން މަލްސާއަށް ހިމޭންކަން ޚިޔާރުކުރެވުނެވެ.

''ކީއްވެގެންތަ އަބަދު ދޮންތަ ގާތު ތަންތަނަށް ދާން ތި އަހަނީ؟، ނިކަން އަހަރެން ގާތު ވެސް އަހާބަލަ، ހަދިޔާ ބަލަން ދާއިރު ފިރިހެނަކު ގެންދިއުން ދޯ ރަގަޅު ވާނީ!، އެހެން ނޫނީ ބައްޕަ ނޫނީ ނޫރާލް ގޮވައިގެން ދިއުން ކިހިނެއް ވާނެ؟...''

ޖަމީލާގެ މަކަރުވެރިކަމުގެ ދަލުން މަލްސާ ސަލާމަތްވެގެން ދިޔައީ ގިޔާންގެ އަޑަށެވެ. އެއާއެކު ޖަމީލާ ދިޔައީ ސިއްސައިގެންނެވެ. ފަސްއެނބުރި އޭނަ ގިޔާންއަށް ބަލާލީ ރުޅިވެރިކަމާއެކުގައެވެ. ދަތްކުނޑިވެސް ވިކާލެވުނެވެ.

''އެބުނާހެން، ގިޔާން ނޫނީ ބައްޕައާ އެކު ދިއުން ކިހިނެއް ވާނެ؟، އެހެންނޫނަސް މިރޭ ވަރަށް ބޮޑަށް ވަރުބަލިވެފަ މިހުރީ ވެސް...''

ގިޔާންއަށް ޝުކުރުގެ ނަޒަރަކުން ބަލާލަމުން މަލްސާ ބުނެލިއެވެ. ރުޅިއައިސް ރަތް ވިޔަސް ޖަމީލާއަށް ކުރެވޭނެ އިތުރު އެއްވެސް ކަމެއް ނެތެވެ. ހިނިތުންވެލުން ފިޔަވާއެވެ. އޭރު އެތެރެއިން ހުޅުރޯވެ މީހާ އަނދަމުން ދިޔަ އެވެ. ނަފުރަތުގެ ނަޒަރަކުން އޭނަ ގިޔާންއަށް ބަލާލިއެވެ. އެފިރިހެން އެއްޗަކާ ހެދި އޭނަގެ ހުރިހާ ރޭވުމެއް ފެނަށްވެގެން އެބަ ދެއެވެ. ހަމައެއާއެކު ޝުއައިބުގެ ރުޅިވެރިކަމާ ކުރިމަތިލާން ޖެހެއެވެ.

*****

''ޝުއައިބު، އަހަންނަށް މަޢާފްކޮށްދީ، ދެން ފަހަރަކުން...''

''ދެން ފަހަރަކުންނޭ!، ކަލޭ ތިއުޅެނީ މަ މޮޔަ ހައްދަންތަ!، ކަލޭގެ ހުރި ނުބައިކަން ބަލާބަލަ!!!، މަގޭ އަތުން ފައިސާ އަތުލަމުން މަ މޮޔަ ހައްދަންތަ ކަލޭ އުޅެނީ؟، ކަލޭ ހީކުރީ އަހަރެން މީ ސިކުނޑި ހަމަ ނުޖެހޭ މޮޔައެއް ކަމަށްތަ؟، ޑަކައިތު އަންހެނާ!!!، ކަލެއަށް ކުޅި ދައްކަލާނަން މިފަހަރު، ކޮންމެ ފަހަރަކު ވަގުތާއި ގަޑި ކިޔާފައި ކަލޭ އަހަންނަށް ދެނީ ދޯކާ....''

ރުޅިވެރިކަމާއެކު ޖަމީލާގެ ވާހަކަތައް މެދުކަނޑާލަމުން ޝުއައިބު ބުނެލިއެވެ. އެއާއެކު ފޯނުގެ ޒަރިއްޔާއިން ވިޔަސް ޝުއައިބު އައިސްފައި ހުރި ގަދަ ރުޅިގަނޑު ޖަމީލާއަށް އަންދާޒާ ކުރެވުނެވެ. ހިންދިރުވާލެވުނީ ދެން ކަންތައް ވެދާނެ ގޮތަކާ މެދު ވިސްނާލެވުމުންނެވެ. ނަތީޖާ ނުނެރެވޭ ތާނގައި އިތުރު ހުރަސްތަކެއް ކުރިމަތިވުން ނޫންކަމެއް ނުވެއެވެ.

''އަހަރެން މަސައްކަތް އެބަ ކުރަމޭ، އެކަމަކު އެ ފިރިހެން އެއްޗަކާ ހެދި ކުރިއެއްރުމެއް ނުލިބެނީ، އޭނަ ހީވަނީ އަހަންނަށް ފާރަލާހެން...'' ޖެހިލުންވުމާއެކު ޖަމީލާ ބުނެލިއެވެ. ޝުއައިބު ރުއްސަން އޭނަ ހުރީ ނުހަނު ބޭނުން ވެފައެވެ.

''ބަހަނާ ދައްކަން އުޅޭނެ ކަމެއް ނެތް!...''

ޝުއައިބުގެ ހަރުކަށި އަޑު އިވުނެވެ.

''ޝުއައިބު ރުޅި ގަދަ ނުވެބަލަ، އަހަރެން ބުނި ކަންތައް ކޮށްދޭނަމޭ، ހަމައެކަނި ބޭނުންވަނީ ދުވަސް ކޮޅެއް... މިހުރިހާ ކަމެއް ނިމޭ އިރު މަލްސާ އާއި ޝުއައިބުގެ ކައިވެނި ވެސް ކޮށްދޭނަން...''

އާދޭހުގެ ރާގަކަށް ޖަމީލާ ބުނެލިއެވެ. އެތައް ވާހަކައެއް ދައްކައިގެން އަދި އެހާމެ އުނދަގުލުން ޝުއައިބު ރުއްސުމުގައި ޖަމީލާ ކާމިޔާބު ހޯދިއެވެ. ޝުއައިބު ފޯނު ކަނޑާލުމުން އިރުކޮޅެއް ވަންދެން އަތުގައި އޮތް ފޯނަށް އޭނަ ނަޒަރު ހުއްޓާލައިގެން ހުރެވުނެވެ. އެއަށްފަހު ހަށިފުރާ ފުން ނޭވާއެއް ދޫކޮށްލެވުނީ މީހާއަށް ލިބިފައިވި ނުތަނަވަސްކަމާ އެކަހެރިވެލުމުގެ ބޭނުމުގައެވެ.

''އެ ފިރިހެން އެތީގެ ބަލާއިން ސަލާމަތް ވާނެ ނަމަ ކިހާ ރަގަޅު، އެންމެ ރަގަޅީ މަރު ވެއްޖެއްޔާ، އޭރުން އޭތީގެ ބަލާވެރިކަމެއް ވެސް ނުޖެހޭނެތާ...''

ބެލްކަނީގައި ހުރެގެން ހިތާހިތާ ކުދިކިޔަމުން ދިޔަ ޖަމީލާ އެންމެ ފަހުން ރުންކުރު ވިއެވެ. ހަމައެއާއެކު މީހާގެ ހަމަޖެހުން ވެސް ގެއްލިއްޖެއެވެ.

*****

މިއަދު އޮފީހުގައި ވެދިޔަ ކަންތަކާ މެދު ވިސްނަމުން ދިޔަ މަލްސާގެ ތުންފަތުގައި ވަނީ ފުން ހިނިތުންވުމެކެވެ. އިރުއިރުކޮޅާ އޭނައަށް އަތްތިލައަށް ނަޒަރު ހިންގާލެވެއެވެ. އަދިވެސް އަޝްކާންގެ ބީހުން އޭނައަށް އިހުސާސްކުރެވޭ ކަހަލައެވެ. އެއަތުގެ ހޫނުކަން ވެސް މެއެވެ. ތަފާތު ޚިޔާލުތައް ވެރިވެ ހުވަފެނީ ޢާލެމެއްގެ ތެރެއަށް މަލްސާ ގެނބެމުން ދިޔަ އެވެ. އަޝްކާންގެ ދެލޮލުން މިއަދު ފެނުނު ޝުޢޫރުތަކުން މަލްސާގެ ހިތަށް އައު އުއްމީދެއް ގެނެސްދީފިއެވެ. އުފާވެރިކަން ވެސް މެއެވެ. މިއަދަކީ ޔަޤީނުން ވެސް އޭނައާއި އަޝްކާންގެ ގުޅުން މުޅިން އައު ފައްތަރަކަށް ގެނެސްދިން ތާރީހީ ދުވަހެކެވެ. ލަސްލަހުން ވިޔަސް އިތުރު ފައްތަރުތަކެއް ގިރާކޮށް ކުރިއަށް ދާން މަލްސާ ބޭނުން ވެއެވެ.

''އާރ ޔޫ އޯކޭ؟...''

ޖަޒުބާތުތަކުގެ ތެރޭގައި ބަނދެވެމުން ދިޔަ މަލްސާ ސިއްސައިގެން ދިޔައީ ގިޔާންގެ އަޑަށެވެ. އެއާއެކު ހުވަފެނުން ހޭލެވި ހަޤީޤަތާ ކުރިމަތިލާން މަޖުބޫރު ވެއްޖެއެވެ. އޭނަ ގިޔާންއަށް ބަލާލި އިރު ގިޔާން ހުރީ މޫނަށް ގޮތެއް ހަދާލައިގެންނެވެ. އޭގެ ސަބަބުން މަލްސާ ގާތަށް ހިނިއަންނ ގޮތް ވިއެވެ. އެކަމާ ހުރެ ގިޔާންއަށް އިތުރު ހައިރާންކަމެއް ލިބުނެވެ.

''ސީރިޔަސްލީ، އާރ ޔޫ އޯކޭ...'' ގިޔާން ތަކުރާރުކޮށްލިއެވެ.

''ހޫމްމްމް...'' ކޮއްކޮއަށް ހިނިތުންވުމެއް ދެމުން މަލްސާ ބުނެލިއެވެ. އަދި އެނދުން ތެދުވެލަމުން ގިޔާން އައި ބޭނުމެއް އޮޅުން ފިލުވިއެވެ.

''ދޮންމަންމަ ހީވަނީ ކޮންމެވެސް ނުބައި އެޖެންޑާއެއް ގެންގުޅޭހެން. މިހާރު އަބަދުމެ މަސައްކަތްކުރަނީ ދޮންތަ އެކަނި ތަންތަނަށް ގެންދެވޭތޯ، އަދި ނުވީތާކަށް މާ ހިތްހެޔޮ މީހަކަށް ވެގެން އުޅެނީ، ދޮންތަ ވެސް އެއިން ކަމަކާ ނުވިސްނާ ހަމަ ދާން ބުނާ އިރަށް ތިހުންނަނީ ހޭވައްލާ ތައްޔާރުވެގެން... އައި ޑޯންޓް ޓްރަސްޓް ހާރ...''

މަލްސާއަށް ބަލާލަމުން ގިޔާން ބުނެލިއެވެ.

''ގިޔާ އަހަރެންގެ ބޮޑީގާޑަކަށް ހުންނަނަމަ އަހަންނަށް އެއްވެސް ކަމެއް ނުވޭނެ...'' މަލްސާ ބުނެލިއެވެ.

''އައެމް ސީރިޔަސް، އޭނައަށް ދޮންތަ ދުވަހަކު އިތުބާރު ނުކުރާތި...'' މަލްސާގެ އަޑުގައިވި ސަމާސާގެ ރާގު ގިޔާންއަށް ކަމަކު ނުދިޔައެވެ. އޭނަ ސީރިޔަސްކަމާއެކު ވާހަކަ ދެއްކީ މަލްސާގެ ސަމާލުކަން އޭނަގެ ވާހަކަތަކަށް އަނބުރާލުމަށެވެ.

''ފައިން، އަހަރެން ދޮންމަންމައާއެކު އެއްވެސް ތަނަކަށް އެކަނި ނުދާނަން، ހެޕީ؟...''

ދިމްނާ ހިނިތުންވުމަކާއެކުގައި ބުނެލިއެވެ. އެއާއެކު މަލްސާއަށް ބަލަން ހުރި ގިޔަސް ބޯޖަހާލިއެވެ.

''ގިޔާގެ ރިޒަލްޓް ލިބެން ދެން ގިނަ ދުވަހެއް ވެސް ނެތް ދޯ... އޭރަށް ދޮންތަ ސެލަރީ ވެސް ލިބޭނެ، ގިޔާ ބުނި ކޮންމެ ތާކަށް ކާން ގެންގޮސް ދޭނަން، މައި ސްވީޓް ލިޓްލް ބްރަދާރ، ގިޔާ ޑޮކްޓަރަކަށް ވާނެ ދުވަސް ދެން ކުޑާ ދެކެން ބޭނުން ވަނީ، އެދުވަހަކުން މަންމަގެ ހުވަފެންތައްވެސް ސީދާވެގެން ދާނެ...'' ގިޔާންއަށް ބަލާލަމުން ދިމްނާ ބުނެލިއިރު އެދެލޮލުގައި ކަރުނައިގެ ތެތްކަން ވެސް ވިއެވެ. އެދަނޑިވަޅުގައި ޖަޒުބާތީ ނުވާންވެގެން މަލްސާ ހިނިގަނޑެއް ޖަހާލިއެވެ.

*****

ގަނޑިން ރޭގަނޑު ނުވައެއް ޖެހިއިރު ދިމްނާ ހުރީ އުސައިދުއާއި ބައްދަލުކުރަން ގަޑި ކިޔާފައިވި ރެސްޓޯރެންޓްގައެވެ. ވަގުތުގެ ގޮތުން އެތާނގައި ގިނަ އަދަދެއްގެ މީހުންތައް ހޭލަމޭލަވަމުން ދިޔަ އެވެ. ކޮޅުކޮޅަށް ހަރަކާތްތެރިވަމުން ދިޔަ މީހުންތަކަށް ދިމްނާ ނަޒަރު ހިންގަމުން ދިޔަ އެވެ. މާހައުލުގެ ހަލަބޮލިކަމާމެދު ދިމްނާ އިނީ ހިތްހަމަޖެހިފައެވެ. އޭނަ ހާމަކުރާ ވާހަތަކުން ކިތަންމެ ވަރަކަށް ރުޅިއައިކަމުގައި ވިޔަސް މީހުންގަނޑުގެ ތެރޭގައި އޭނަގެ ގަޔަށް އަތް އިސްކުރަން އުސައިދު ޖެހިލުންވާނެކަން އޭނައަށް އެނގެއެވެ. މީހުންގެ ލޮލުގައި އަނދުން އެޅުވުމަކީ އުސައިދު އެންމެ ގަޔާވާ ކަންތަކެވެ. އުސައިދުގެ ޝަހުސިއްޔަތަށް ކުޑަމީސް ގެއްލުމެއް ލިބެނެ ފަދަ ކަމެއް ކުރަން އުސައިދު ޖެހިލުން ވާނެއެވެ. އޭގެ ސަބަބުން ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ދިމްނާގެ ހިތަށް ލިބިފައި ވިއެވެ. ހަމައެއާއެކު ވަށައިގެންވި މާހައުލުގެ ހަލަބޮލިކަމުގެ ސަބަބުން ރައްކާތެރިކަން ވެސް އިހުސާސްކުރެވެމުން ދިޔައެވެ.

ވެއިޓަރު ގެނެސްދިން ފެންތަށިން ކޯވަރެއް ބޯލަމުން ދިމްނާ ގަޑިއަށް ނަޒަރެއް ހިންގާލިއެވެ. އެއަށްފަހު އިސްއުފުލާލި ވަގުތު ރެސްޓޯރެންޓަށް ވަދެގެން އައި އުސައިދު އޭނަގެ ލޮލުގައި އަޅައިގަތެވެ. އެއާއެކު ދިމްނާގެ ހިތަށް ނުތަނަވަސްކަން ވެރިވެގެން ދިޔައެވެ. ނަމަވެސް މޫނުމަތިން އެކަމުގެ ލިސާންތައް ސިއްރުކުރަމުން ކަށިން އޭނަ ހިތްވަރު ނެރުނެވެ. އަނދިރީގެ ތެރޭގައި ކަސްތޮޅުއެޅި ނެތިގެން ހިނގައިދާކަށް ދިމްނާ މިހާރު ބޭނުމެއް ނުވެއެވެ. ހިތްވަރާއެކު ދުނިޔެއާއި ކުރިމަތިލުމަށް އޭނައަށް ވަނީ އައު އުއްމީދެއް ލިބިފައެވެ. ދަރިފުޅަށްޓަކައި ކޮންމެ ފަދަ އިމްތިހާނަކާއި ކުރިމަތިލާން ޖެހުނަސް އޭނައަށް ހެވެވެ. ސާބިތުކަމާއެކުގައި ކޮންމެ ކަމަކާ އޭނަ ކުރިމަތިލާނެއެވެ.

ފިރިހެންވަންތަ ހިންގުމެއްގައި އައިސް އުސައިދު ދިމްނާއާއި ކުރިމައްޗަށް ވާނެހެން ހުރި ގޮނޑި ދަމާލަމުން އިށީނެވެ. އުސައިދުއަށް ބަލާލި ދިމްނާގެ ފަރާތުން ފެނުނީ ފޫހިކަމެވެ. ލިބިފައިވާ ރީތިކަމުގެ ސަބަބުން އުސައިދު ވަނީ މަގު އޮޅި ޖައްބާރު މީހަކަށް ވެފައެވެ. ރީތި ކަމަކީ ވިހައެކޭ މީހުން ބުނެއުޅެނީ ސަބަބެއް ނެތިއެއް ނޫނެވެ.

އުސައިދުގެ ތުންފަތުގައިވި މަލާމާތުގެ ހިނިތުންވުން ފާހަގަ ކުރެވި ދިމްނާގެ ހިތުގައި ފޫހިކަން އުފެދުނެވެ. ހަށަން ބަނދެލަމުން އޭނަ އުސައިދުއަށް ބަލާލިއެވެ. އެދެލޮލުގައި ނުރުހުންވުން ވިއެވެ.

''ޚިޔާލު ބަދަލުވީތަ؟...''

ކުރިއަށް ޖެހިލަމުން އުސައިދު އެހި އެވެ. އުސައިދު ބޭނުންކޮށްފައި ހުރި ސެންޓްގެ ވަސް ނޭފަތުގައި ޖެހުމުން ދިމްނާގެ މޭނުބައިކުރާ ކަހަލަ ގޮތެއް ވިއެވެ. ނޭފަތަށް ގޮތެއް ހަދާލެވުނީ ވެސް އެހެންވެއެވެ.

''އަހަރެންގެ ޚިޔާލެއް ބަދަލެއް ނުވޭ، ނުވެސް ވާނެ، އުސައިދުއަށް އެއްޗެއް ވިސްނައިދޭން ބޭނުންވާތީ ބައްދަލުކުރަން އެދުނީ، ކޮންމެހެން އުސައިދުގެ އަނިޔާވެރިކަމުގެ ދަށަށް އެނބުރި ދާކަށެއް ނޫން، އަހަރެން ވާނީ އުސައިދުގެ ގާތުން ވަރިވާން ކޯޓަށް ހުށަހަޅާފައި، މާދަމާ އެކަން އަންގަން ރަސްމީ ލިޔުންތައް ލިބޭނެ...''

ހިތުގައިވި ޖެހިލުންވުމާއި ސިހުންވެރިކަމުގެ މައްޗަށް ކުރި ހޯދަމުން ދިމްނާ ބުނެލިއެވެ. އަދި އުސައިދުގެ މޫނަށް އަވަސް ނަޒަރެއް ދިނެވެ. އޭރުވެސް ދިމްނާގެ ހިތުގައި ބިރުވެރިކަން ވިއެވެ. ނަމަވެސް މޫނުމަތިން އެކަން ހާމަވިޔަކަ ނުދިނެވެ.

ދިމްނާގެ ޖުމްލަ ޤަބޫލުކުރަން ދަތިވެފައިވާ ހާލު ދިމްނާއަށް ބަލަން އުސައިދުއަށް އިދެވުނެވެ. އޭނަގެ މޫނުމަތިން ހައިރާންކަމާއި ސިހުން ފެންނަމުން ދިޔަ އެވެ. ކުއްލިޔަކަށް އެފަދަ ހިތްވަރެއް ދިމްނާއަށް ލިބުމުން އެކަން ހަޖަމުކުރަން ދަތިވެފައިވާ މިންވަރު އެމޫނަށް އަރާފައިބަމުން ދިޔަ ކުލަވަރުތަކުން ހާމަކޮށްދެއެވެ. ބަސްހުއްޓިފައި އިން އުސައިދުގެ މޫނަށް ރުޅިވެރިކަން ސަވާރުވެގެން ދިޔައީ ދިމްނާގެ ސާބިތުކަން ފެނިފައެވެ. ނަމަވެސް ރުޅިވެރިކަން ވަންހަނާ ކުރަން ނުތަނަވަސްކަމުގެ ހިނިގަނޑެއް ޖަހާލީ މާހައުލަށް އޭނަ ދިން އަވަސް ނަޒަރާއެކުގައެވެ. ރުޅިވެރިކަން އޭނަގެ ކޮންޓްރޯލުގެ ދަށުން ދޫވެގެން ދާން އުސައިދު ބޭނުމެއް ނުވިއެވެ.

''ކީކޭތަ ތިކިޔަނީ؟...''

ހުނުމުގެ ތެރޭން އުސައިދު ބުނެލިއެވެ. އޭނަގެ ދެލޮލުން ދިމްނާއަށް އިންޒާރުތައް ދެމުން ދިޔަ އެވެ. އެކަމަށް ދިމްނާ ސަމާލުކަމެއް ނުދިނެވެ.

''އަހަރެން ބުނި އެއްޗެއް ސާފު ނުވާނަމަ މާދަމާ އުސައިދުއަށް ކޯޓުން ފޮނުވާ ލިޔުންތަކުން ރަގަޅަށް ސާފުވާނެ ކަމަށް އުއްމީދުކުރަން، އަހަރެން ބުނަން އައި ވާހަކަތައް މި ނިމުނީ، އުސައިދުގެ ޚިޔާލެއް އަހަރެން ބޭނުމެއް ނޫން...''

ގޮނޑިން ތެދުވަމުން ދިމްނާ ބުނެލިއެވެ. އޭރު އުސައިދު އިނީ އާގަމަ ވެފައެވެ. ލޯކުރިމަތިން ފެންނަމުން ދިޔަ މަންޒަރުތައް ޤަބޫލުކުރަން އޭނަ އިނީ ދަތިވެފައެވެ. އެއީ އޭނަ ފެނުމުން ސިހިސިހި ހުންނަ ދިމްނާ ބާވައޭ އޭނަގެ ހިތަށް އެރިއެވެ. ރުއިމާއި ކަރުނައިގެ ތެރޭގައި ދުވަސްތައް ހޭދަކުރި ދިމްނާ ހެއްޔެވެ؟ ކުއްލިޔަކަށް އެހާ ބޮޑު ބަދަލެއް ދިމްނާއަށް އައި ގޮތެއް ވިސްނައިގަންނަން އުސައިދުގެ ސިކުނޑިއަށް ނުކުޅެދުނެވެ. ދުލުން ބަސްހުއްޓުނީ ވެސް އެސަބަބާ ހުރެއެވެ.

''ދިއުމުގެ ކުރިން އަދި ވާހަކައެއް ބުނެލާނަން، އަހަރެން މި އިނީ އުސައިދުގެ ދަރިއަކަށް ބަލިވެ... އެކަމަކު މިހާރުން ފެށިގެން މިއީ ހަމައެކަނި އަހަރެންގެ ކުއްޖެއް، އަހަންނާއި އަހަރެންގެ ދަރިފުޅަށް އުސައިދުގެ އެހީއެއް ދުވަހަކު ބޭނުމެއް ނުވާނެ...'' ކުރިއަށް ހިނގައިގަތުމުގެ ކުރިން ދިމްނާ ބުނެލިއެވެ. އަދި ފަސްބެލުމެއް ނެތި ހަލުވި ފިޔަވަޅުތަކެއްގައި ގޮސް ނިކުމެއްޖެއެވެ. އެހުރިހާ އިރު ވަންދެން އުސައިދުއަށް އިދެވުނީ ލޯކުރިމަތިން ފެނުނު މަންޒަރު ޤަބޫލުކުރަން ދަތި ވެފައެވެ. ދިމްނާ ނިކުމެގެން ދިޔަތާ އިރުކޮޅެއް ފަހުން ހަމަހޭވެރިކަން ވެރިވުމުން ރުޅިވެރިކަމާއެކު އޭނަ ގޮނޑިން ތެދުވިއެވެ. އަދި ރެސްޓޯރެންޓުން ނިކުންނަން ހިނގައިގަތެވެ.

އުސައިދުއަށް ނިކުމެވުނު އިރު ދިމްނާ ގޮސް ކާރަށް އަރަނީއެވެ. އެއާއެކު އުސައިދު ދުއްވައިގަތީ ކާރާއި ދިމާއަށެވެ. ނަމަވެސް އޭނައަށް ދެވުމުގެ ކުރިން ކާރު ދުއްވާލައިފިއެވެ. އެއާއެކު ރުޅިވެރިކަމާއެކު އުސައިދުއަށް މުށްކަވާލެވުނެވެ. ކަތުރުކަށިގަނޑަށް ބާރުކޮށްލެވުނު ހިނދު ދަތްދޮޅީގައި މަޑު ތުރުތުރުލުމެއްގެ އަސަރު ވިއެވެ. އެދެލޮލުން ފާޅުވަނީ މީހަކު ޖެހިލުންވާނެ ކަހަލަ ވިދުވަރެކެވެ.

އުސައިދު ފަސްދީ ކާރު ދުއްވާލުމާއެކު ދިމްނާއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. ޒަމާންތަކަކަށް ފަހު ހަމަނޭވާއެއް ލެވުނު ކަމުގެ އިހުސާސް ދިމްނާއަށް ކުރެވުނީ އެދަނޑިވަޅުގައެވެ. ރުޅީގެ މައްޗަށް ބުރަވެ ހުރެ އުސައިދު ކަންތައް ކޮށްފާނެ ކަމުގެ ބިރު ދިމްނާގެ ހިތުގައި އޮތެވެ. ނަމަވެސް އެންމެ ތަންފުކެއް ވިޔަސް އުސައިދުއަށް ދޫނުދޭން ދިމްނާ އަޒުމު ކަނޑައެޅިއެވެ. މިރޭ އުސައިދުގެ މޫނުމަތިން ފެނުނު ސިހުމުން ދިމްނާއަށް ހަމަޖެހުން ގެނެސްދިނެވެ.

(ނުނިމޭ...)

https://sun.mv/128337

comment ކޮމެންޓް