ފަލަސްތީނު މިނިވަން ދައުލަތަކަށްވެ ހައްގުތައް ލިބުން ލަސްވާތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެކަމުގެ ކަންބޮޑުން ފާޅުކުރައްވައިފިއެވެ.
ރައީސް ސޯލިހު ކަންބޮޑުވުން ފާޅުކުރެއްވީ، މިއަދު ފާހަގަ ކުރާ އެއްބައިވަންތަ ކަމުގެ ދުވަހުގެ މުނާސަބަތުގައި ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްއަށް މިއަދު ފޮނުއްވެވި މެސެޖުގައެވެ.
ރައީސް ސޯލިހުގެ މެސެޖުގައި ވިދާޅުވީ، ނިގުޅައިގަނެފައިވާ ފަލަސްތީނު ރައްޔިތުންގެ ހައްގުތައް އަނބުރައި ހޯދައިދެވޭނީ އދ އިން ކަނޑައަޅާފައިވާ ގޮތަށް އެގައުމަކީ މިނިވަން ދައުލަތެއް ގާއިމުކުރެވިގެންކަމަށެވެ. އަދި އެ މަސައްކަތް އަވަސްކުރުމަށް ރައީސްގެ މެސެޖުގައި ގޮވާލައްވާފައިވެއެވެ.
ސުލްހައަށް ކުރެވޭ މަސައްކަތްތައް ކުރިއަށް ދާންވާނީ އދ ގެ ސަލާމަތީ މަޖުލީހާއި އދ ގެ އާންމު މަޖުލީހުގެ ޤަރާރުތަކާއި ޤާނޫނުތަކާ އަދި އެނޫންވެސް ބައިނަލްއަގްވާމީ ޤާނޫނުތަކާއި މިންތަކާ އެއްގޮތްވާ ގޮތުގެމަތިންކަންވެސް ރައީސްގެ މެސެޖްގައި ވަނީ ފާހަގަ ކުރައްވާފަެވެ.
ދިވެހި ސަރުކާރާއި ރައްޔިތުންގެ ޒަމާންވީ އެކުވެރި ގާތްގުޅުމާއި ފަލަސްތީނުގެ ރައްޔިތުންނަށް އޮތް ތާއީދު ދެގޮތެއްނުވެ އެގޮތުގައި ދެމިއޮންނާނެކަމުގެ ޔަގީންކަން ރައީސް އެރުވިއެވެ. މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ.
ރައީސްގެ މެސެޖުގައި ވިދާޅުވީ، މި މައްސަލައަށް ހައްލެއްލިބި ސުލްހަ ގާއިމު ކުރެވޭނީ އދ ގެ ނިންމުމާ އެއްގޮތަށް ފަލަސްތީނުގެ ސަރަހައްދީ ރޮނގު 1967 ގެ ކުރީގައި އޮތްގޮތަށް، އިރުމަތީ ގުދުސްއަކީ ޕަލަސްތީނުގެ ވެރިރަށުގެ ގޮތުގައި ބަލައިގަނެ ގާއިމުކުރެވޭ ފަލަސްޠީނުގެ ދަޢުލަތާއެކުކަމުގައިއެވެ.