ފުރަތަމަ ޑިވިޝަން ކުލަބުތަކުގައި ހަގު ޓީމްތައް އޮތުން ލާޒިމް ކުރަނީ

އެފްއޭއެމް ހައުސްގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން.

އަންނަ އަހަރުން ފެށިގެން ފުރަތަމަ ޑިވިޝަނުގެ ހުރިހާ ކުލަބެއްގައި ވެސް 18 އަހަރާއި 15 އަހަރުން ދަށުގެ ޓީމެއް އޮވެގެން ނޫނީ ލޯކަލް ކުލަބު ލައިސެންސް ދޫ ނުކުރާނެ ކަމަށް އެފްއޭއެމުން ބުނެފި އެވެ.

ރާއްޖޭގެ ހަތް ކުލަބަކަށް އޭއެފްސީގެ ކުލަބު ލައިސެންސް ލިބުނުކަން ހާމަކުރުމަށް އިއްޔެ އެފްއޭއެމް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެ އިދާރައިގެ ޖެނެރަލް ސެކްރެޓަރީ ހަސަން ޖަވާޒް (ޖަވާ) ވިދާޅުވީ އޭއެފްސީ ލައިސެންސް ފުރިހަމަ ކުރުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް އަންނަ އަހަރުން ފެށިގެން އެއްވެސް ދޫ ދިނުމެއް ނެތި ކުރާނެ ކަމަށެވެ. އޭގެ ބޭނުމަކީ ކުލަބުތައް މިހާރަށް ވުރެން ހަރުދަނާ ކުރުމަށް ކަމަށް ޖަވާ ވިދާޅުވި އެވެ.

"މިއަހަރު ހުރި ލީނިއެސްންސީ [ދޫކުރި ދޫކުރުން] އަންނަ އަހަރު އެއްގޮތަކަށް ވެސް ނުދޭން ވަނީ ނިންމާފަ. 2018 ވަނަ އަހަރު ވެސް ދިމާވީ އެ މައްސަލަ. ބައެއް ކަންކަން ފުރިހަމަ ނުވެ ހުރި ނަމަވެސް އޭއެފްސީން އެބަދޭ ލީނިއެންސީ އެކަމަށް. އެހެން ކުލަބުތައް އެކަންކަން ފަސޭހަ ކޮށްލީ،" ޖަވާ ވިދާޅުވި އެވެ.

ޖަވާ ވިދާޅުވީ، މި އަހަރުގެ ލައިސެންސް ދޫކޮށްފައިވަނީ ކުރީ އަހަރާއި ބަލައި ވަރަށް ބޮޑަށް ހަރުކަށި ގޮތަކަށް ކަމަށެވެ. އެހެން ނަމަވެސް އެޑްމިނިސްޓްރޭޓިވް ބައެއ ކަން ކަން ފުރިހަމަ ނުވެ ހުރި ނަމަވެސް ކުލަބުތަކަށް ފުރުސަތު ދީފައިވާ ކަމަށެވެ. އޭގެ މިސާލު ޖައްސަވަމުން ޖަވާ ވަނީ ވިކްޓަރީއަށް ދިމާވެފައިވާ މައްސަލަ ހުލާސާ ކޮށްފަ އެވެ. އެ ކުލަބުގައި ބޮޑެތި މައްސަލަތަކެއް ލީގު ފެށުނު އިރު ވެސް ހުރިކަން ފާހަގަ ކުރަައްވަމުން ޖަވާ ވިދާޅުވީ އެ ކުލަބަށް ފުރުސަތު ދިނީ ހާލަތައް ވިސްނާފައި ކަމަށެވެ. އެހެން ނަމަވެސް ދެން އެ ފުރުސަތު ނުލިބޭނެ ކަމަށެވެ.

އޭއެފްސީގެ ލައިސެންސް ދޭ އިރު ހަތަރު ދާއިރާއަކުން ގިނަ ކަންތައްތަކެއް ފުރިހަމަ ކުރަންޖެހޭ އިރު މިއަހަރު ވެސް ކުރަން ހުރި ބައެއް ކަންތައްތަކަށް އޭއެފްސީން ވަނީ ރާއްޖެއަށް ދޫ ދީފަ އެވެ. އެއީ ކޮންމެ ފުރަތަމަ ޑިވިޝަން ކުލަބެއްގައި ވެސް އުމުރުފުރާ ކެޓަގަރީގެ ޓީމުތަކެއް އޮތުމަށް ލާޒިމް ކުރުމެވެ. ރާއްޖޭގެ ކުލަބުތައް އޮތް ހާލަތުން އެކަން ކުރެވޭނެ ގޮތެއް ނެތުމުން އެފްއޭއެމް އެކަމަށް ދޫ ދިނުމަށް އޭއެފްސީ ގާތުން ވަނީ އެދިފަ އެވެ. އެކަމަކު އޭއެފްސީން އެކަން ކުރުމަށް ދިން އެންމެ ފަހުގެ މުހުލަތަކީ އަންނަ އަހަރު ކަމުން އަންނަ ސީޒަނުގައި ކުލަބުތަކަށް އުމުރުފުރާ ކެޓަގަރީގެ ދެ ޓީމެއް އޮތުން މަޖުބޫރު ވާނެ އެވެ.

އެގޮތުން ކޮންމެ ކުލަބެއްގައި ވެސް 18 އަހަރުން ދަށާއި 15 އަހަރުން ދަށުގެ ޓީމެއް އޮންނަން ޖެހޭނެ ކަމަށާއި އެކަން ފުރިހަމަ ނުވެއްޖެ ނަމަ ލައިސެންސް ދޫނުކުރާނެ ކަމަށް ޖަވާ މިއަަދު ވަނީ ވިދާޅުވެފަ އެވެ.

އަދި އެފްއޭއެމްގެ ޓުވާޑްސް ފިއުޗާރގެ ދަށުން ހިންގާ ޔޫތް ލީގުތަކާއި އެކެޑެމީގެ ސަބަބުން އެކަން ކުރުމަށް މަގުތަނަވަސްވެފައިވާ ކަން ވެސް ޖަވާ ވަނީ ފާހަގަ ކޮށްފަ އެވެ.

މިއަހަރު ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ނުވަ ކުލަބުގެ ތެރެއިން ހަތް ކުލަބަކަށް ވަނީ އޭއެފްސީގެ ލައިސެންސް ލިބިފަ އެވެ. މިއަހަރުގެ ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ކުލަބުތަކުގެ ތެރެއިން އޭއެފްސީ ލައިސެންސް ލިބިފައި ނުވަނީ ނިލަންދޫ އަށާއި ވިކްޓަރީއަށެވެ. ނިލަންދޫއަށް އެފުރުސަތު ލިބިފައި ނުވަނީ އެ ކުލަބު ގައުމީ ލީގުގައި ވާދަކޮށްފައިވާ އަހަރު މަދުވީމަ އެވެ. އެހެން ނަމަވެސް ވިކްޓަރީއަށް އެފުރުސަތު ނުލިބުނީ އެ ކުލަބުގެ އެޑްމިނިސްޓްރޭޓިވް ގިނަ ކަންތައްތަކެއް ފުރިހަމަ ނުކޮށް ހުރުމުންނެވެ.

comment ކޮމެންޓް