ދަންޖެހިފައި ހުއްޓާ ފެނުނު ކުއްޖާގެ މަރުގައި ޝައްކު ކުރެވޭ ކަމެއް ނެތް: ފުލުހުން

މަރުގެ ސީނެއް -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

މިއަދު ހެނދުނު މާލޭ ގެއްގެ ތެރޭގައި ދަންޖެހިފައި ހުއްޓާ ފެނުނު ކުއްޖާގެ މަރުގައި ޝައްކު ކުރެވޭ ކަމެއް ނެތް ކަމަށާއި އެހެން މީހެއްގެ ބައިވެރިވުމެއް ވެސް ނެތް ކަމަށް ފުލުހުން ބުނެފި އެވެ.

ދަންޖެހިފައި ހުއްޓާ ފެނިފައިވަނީ، އުމުރުން 18 އަހަރުން ދަށުގެ ކުއްޖެކެވެ.

ފުލުހުން މިއަދު ބުނީ، ފުލުހުންގެ ފޮރެންސިކް ޕެތަލޮޖިސްޓެއް މަރުވެފައިވާ ކުއްޖާގެ ހަށިގަނޑު ބަލާފައިވާ ކަމަށެވެ. އަދި އެކުއްޖާގެ މަރުގައި އެހެން މީހެއްގެ ފަރާތުން އަނިޔާއެއް ނުވަތަ ގެއްލުމެއް ލިބިފައިވާ ކަމަށް ޝައްކު ކުރެވޭ ފަދަ ކަމެއް ނެތް ކަމަށް ފާހަގަ ކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

"މީގެ އިތުރުން ތަހުގީގަށް މިހާތަނަށް ބެލި ބެލުމުން މި ހާދިސާގައި އެހެން ފަރާތެއްގެ އަމަލެއް އެކުލެވޭ ކަމަށް ޝައްކު ކުރެވޭ ކަމެއް ފާހަގަ ކުރެވިފައި ނުވޭ،" ފުލުހުން ބުންޏެވެ.

ފުލުހުން މިހެން ބުނެފައި މިވަނީ، ރާއްޖޭގެ މީޑިއާ އަކުން އެ ކުއްޖާގެ އާއިލާއާ ހަވާލާދީ ކުއްޖާގެ މަރުގައި ސުވާލު އުފެދޭ ކަންތައްތަކެއް ހުރި ކަމަށް ރިޕޯޓުކޮށްފައި ވަނިކޮށެވެ.

ފުލުހުން ބުނީ، މަރުގެ މައްސަލައިގައި އާއިލާއިން ބުނެފައިވާ ގޮތުގައި އެއްވެސް މީޑިއާއަކަށް މައުލޫމަތު ހާމަ ކޮށްފައި ނުވާ ކަމަށެވެ. އަދި އާއިލާއިން އެ މަރުގައި އެއްވެސް ޝައްކެއް އުފައްދާފައި ނުވާނެ ބުނެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

"ވީ މާ ހަބަރު ފަތުރާއިރު، އާއިލާ މީހެއް ކަމަށް ބުނާ ފަރާތްތައް ވޭރިފައި ކުރުމަކީ މުހިންމު ކަމެއް ކަމުގައި ދެކެން،" ފުލުހުން ބުންޏެވެ.

ފުލުހުން ވަނީ، އެފަދަ ހާދިސާތަކުގައި ނޫސްވެރިން އަމިއްލައަށް މައުލޫމަތު ހޯދާ ރިޕޯޓު ކުރާ އިރު، ޒިންމާދާރު ކަމާއެކު ރިޕޯޓު ކުރުމަށް ސަމާލުކަން ދިނުމަށް އިލްތިމާސްކޮށްފަ އެވެ.

ދަންޖެހިގެން މަރުވާ މައްސަލަތަކުގައި ފުލުހުން އާންމު ގޮތެއްގައި މައުލޫމަތު ހާމައެއް ނުކުރެވެ. އަދި އެފަދަ މަރުތައް ގިނަ ނޫސްތަކުގައި ރިޕޯޓުވެސް ނުކުރެވެ. އެއީ އެފަދަ ކަންކަމަށް ހިތްވަރު ނުދިނުމުގެ ގޮތުންނެވެ.

comment ކޮމެންޓް