އެމާ ވޮޓްސަން ހުރީ ސިންގަލްކޮށް!

އެމާ ވޮޓްސަން --- ފޮޓޯ : ދަ ގާޑިއަން

ހޮލީވުޑްގެ މަޝްހޫރު ބަތަލާ ކަމަށްވާ އެމާ ވޮޓްސަން ހުރީ ހިތްހަމަ ޖެހިގެން ހަމަ ސިންގަލްކޮށް ކަމަށް އޭނާ ބުނެފި އެވެ.

އުމުރުން 29 އަހަރުގެ އެމާ، ދާދި ފަހުން "ޕީޕަލް މެގަޒިން" އަށް ދިން އިންޓަވިއުއެއްގައި ބުނެފައި ވަނީ އޭނާ ހުރީ ސިންގަލްކޮށް ކަމަށެވެ. އަދި އެކަމަށް އޭނާ ވަނީ ހާއްސަ ނަމެއް ވެސް ދީފަ އެވެ. އެމާ ބުނާ ގޮތުގައި އޭނާ ހުރީ "ސެލްފް ޕާޓްނާ"އެއްގެ ގޮތުގަ އެވެ.

އެކުވެރިކަމާއި ކައިވެންޏާ ގުޅޭ ގޮތުން އެމާ ވާހަކަ ދައްކަމުން ބުނީ ވަކި އުމުރެއް ވާން ވާއިރު މީހުން ތިބެން ޖެހޭނީ ކައިވެނިކޮށްގެން ނުވަތަ ކާމިޔާބު ވަޒީފާއެއްގައި ކަމަށް ބައެއް ފަރާތުން އުއްމީދު ކުރާ ކަމަށެވެ.

"އަސްލު ވަރަށް ހިތް ނުތަނަވަސް ވާ ކަމެއް އެއީ. އުމުރުން 30 އަހަރު ވާން ވާއިރަށް ވަރަށް ކަންތައްތައް ކޮށްފައި ހުންނަން ޖެހޭ ކަމަށް މީހުން ބުނޭ. މިސާލަކަށް ކައިވެންޏެއް ކުރަން ޖެހޭނެ ކަމާ. ހަރުދަނާ ވަޒީފާއެއްގައި ހުރުމާ،" އޭނާ ބުންޏެވެ.

އެހެންނަމަވެސް އަމިއްލަ ހިތް ހަމަ ޖެހޭ ވަގުތެއްގައި ބޭނުން ލަނޑުދަނޑިތަކަށް ވާސިލުވުން މުހިއްމު ކަމަށް އެމާ ވަނީ ބުނެފަ އެވެ.

އެމާ ސިންގަލް ކަމަށް ބުނެފައިވާ އިރު އޭނާ އާއެކު ހެރީ ޕޮޓާ ފްރެންޗައިޒްގައި މަސައްކަތްކުރި ޓޮމް ފެލްޓަން ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމުގެ ވާހަކަތައް ވަނީ ދާދި ފަހުން ފެތުރިފަ އެވެ.

comment ކޮމެންޓް