އިލްމުވެރިން ރޭގަނޑު ބޭރަށް ނުނިކުންނަން އިލްތިމާސްކޮށްފި

އެމްޑީއެންގެ ރިޕޯޓްއާ ގުޅިގެން އިލްމުވެރިންގެ ގުޅުމުން ބޭއްވި ޕްރެސްއެއްގެ ތެރެއިން---- ސަން ފޮޓޯ: ފަޔާޒު މޫސާ

ރާއްޖޭގެ ދީނީ އިލްމުވެރިން ސަމާލުވެ ތިބުމަށާއި ރޭގަނޑު ބޭރަށް ނުނިކުތުމަށް އިލްމުވެރިންގެ ގުޅުމުން ގޮވާލައިފި އެވެ.

އިލްމުވެރިންގެ ގުޅުމަކީ ދާދި ފަހުން ރާއްޖޭގެ ޖަމިއްޔާއެއް ކަމަށްވާ އެމްޑީއެންއިން އިސްލާމްދީނަް ބަދުބަސް ބުނެ ޝާއިއުކުރި ރިޕޯޓާ ގުޅިގެން އެކަމާ ދެކޮޅަށް ރާއްޖޭގެ އިލްމުވެރިން ގުޅިގެން އުފައްދައިފައިވާ ޖަމިއްޔާއެކެވެ.

އިލްމުވެރިން ސަމާލުވުމަށް އެދި އިލްމުވެރިންގެ ގުޅުމުން ވަނީ މައިގަނޑު ފަސްކަމެއް ފާހަގަކޮށްފައެވެ.

އޭގެ ތެރޭގައި :

  • ކޮންމެހެން ނުކުންނަން ޖެހިގެން މެނުވީ މަގު މައްޗަށް ނުނިކުތުން، ހާއްސަކޮށް ރޭގަނޑުގެ ދަން ވަގުތުގައި. އެގަޑިތަކުގައި ބޭރަށް ދުރުވާނަމަ އެކަނި ބޭރަށް ވަޑައި ނުގަތުން.
  • އެއްވެސް ކަަހަލަ ގޮތަކަށް ކިތަންމެ ކުޑަ ހާނިކައެއް ލިބިއްޖެނަމަވެސް އެކަމާ އިހުމާލުނުވެ ފަރުވާކުޑަނުކޮށް އަވަސް ފަރުވާ ހޯއްދެވުން.
  • އަމިއްލަ ކާރު ނުވަތަ ސައިކަލް ޕާކްކޮށްފައި ހުއްޓާ ގެއްލުމެއް ދީފައިހުރިކަން ފާހަގަކުރެވިއްޖެނަމަ ކަމާ ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުން
  • އެއްވެސް ބާވަތެއްގެ ޝައްކެއް ނުވަތަ އެފަދަ ކަމެއް ފާހަގަވާނަމަ ލަސްނުކޮށް ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުން.
  • ބޭނުންވެއްޖެނަމަ ސަލާމަތީ ކަންކަން ބަލަހައްޓަވައި ދެއްވުމަށްއެދި ކަމާބެހޭ ފަރާތްތަކުގެ ކިބައިން އެދުން.

އެމްޑީއެންގެ ރިޕޯޓަކާ ގުޅިގެން އެ ޖަމިއްޔާ އުވާލައި އަދި ރިޕޯޓް ލިޔުން ފަރާތްތަކާމެދު ފިޔަވަޅު އެޅުން އަވަސްކުރުމަށްވެސް އިލްމުވެރިންގެ ގުޅުމުނ ދާދި ފަހުން ވަނީ ގޮވާލައިފައެވެ.

އެމްޑީއެން ވަގުތީ ގޮތުން ސަސްޕެންޑްކޮށްފައިވާއިރު އެ ރިޕޯޓް އިލްމުވެރިންގެ ކޮމެޓީއަކުން މިހާރު ދަނީ ދިރާސާ ކުރަމުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް