އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ފުލުހުންގެ ވެރިންތަކެއް ހިމެނޭ މައްސަލަވެސް ބަލަނީ

ފުލުހުން: އެމްއެމްޕީއަރު މައްސަލައެއްގައި ފުލުހުންތަކެއްގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތު ކުރެވޭ --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

އެމްއެމްޕީއާރުސީގެ ބޮޑު ހިިޔާނާތުގެ މައްސަލައިގައި ފުލުހުންގެ އިސްފަރާތްތަކަކާއި އެހެން ވެސް ބައެއް ފުލުހުންގެ ބައިވެރިވުން ވެސް އޮތް ކަމަށް ތުހުމަތުކުރެވޭތީ އެ މައްސަލަ ތަހުގީގު ކުރަން ފަށައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައާ ގުޅުންހުރި މައްސަލައެއްގައި ފުލުހުންތަކެއްގެ ބައިވެރިވުމުގެ ތުހުމަތުގައި މި މަހު 13 ވަނަ ދުވަހު ފެށިގެން ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާސް ކޮމާންޑުން އެ މައްސަލަ ތަހުގީގު ކުރަމުންދާކަމަށެވެ.

"މި މައްސަލައިގެ ތަހުގީގު މިހާރު ކުރިއަށް ދާތީ، މި މައްސަލައިގައި ޝާމިލުވާ ފުލުހުންގެ ސީދާ އަދަދު މިވަގުތު ހާމަ ކުރަނ ދަތި،" މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

މީޑިއާ އޮފިޝަލް ވިދާޅުވީ، ތަހުގީގު ކުރެވޭ ފުލުހުންގެ ތެރޭގައި އެކި ގިންތީގެ ފުލުހުން ހިމެނޭ ކަމަށާއި އެކަމާ ގުޅޭ މައުލޫމާތު ފަހުގެ ތާރީހެއްގައި ހާމަ ކުރައްވާނެ ކަމަށެވެ.

"މީގެ ތެރޭގައި ފުލުހުންގެ ނޮން-ކޮމިޝަންޑް އޮފިސަރުންނާއި ކޮމިޝަންޑް އޮފިސަރުން އަދި އެގްޒެކުޓިވް ލެވެލްގެ ފުލުހުންވެސް ހިމެނޭ،" މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ފުލުހުންގެ އިސްވެރިންގެ މައްސަލަތަކެއް ބަލަމުންދާކަމަށް ފުލުހުން ބުނި އިރު، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތުހުމަތު ކުރެވޭ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބް އަބްދުލް ގަފޫރުގެ އަތުން ފައިސާ ނެގި މައްސަލައެއްގައި ދެ ފުލުހަކު މިދިޔަ މަސް ތެރޭ ވަނީ ވަކިކޮށްފަ އެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ހިޔާނާތުގައި 60 އަށް ވުރެ ގިނަ ރަށް ނުއަގުގައި ވިއްކާ، އެ ރަށްތަކުގެ އެކުއިޒިޝަން ކޮސްޓު 220 މިލިއަން ޑޮލަރު (3.3 ބިލިއަން ރުފިޔާ) އަށް އަރަ އެވެ.

comment ކޮމެންޓް