މިދިޔަ ސެޕްޓެމްބަރު މަހު ދައުލަތުގެ ޓެކްސް އިދާރާ މީރާ މެދުވެރިކޮށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކޮށްފައިވާ އާމްދަނީ އަށްވުރެ، ޓެކުހުން ލިބުނު އާމްދަނީ 13 ޕަސެންޓް ދަށަށް ހިނގައްޖެ އެވެ.
މީރާއިން މިއަދު އާންމު ކުރި ސެޕްޓެމްބަރު މަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ މަހު ޓެކުހުގެ ގޮތުގައި އެ އިދާރާއަށް 1.2 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅާ ބަލާއިރު 3.2 ޕަސެންޓް ދަށް އަދަދެކެވެ. މީރާ އިން ބުނީ ލަފާކުރި އަދަދަށްވުރެ ޓެކުހުގެ އާމްދަނީ ދަށްވީ ޓެކްސް ނުދައްކާ ފަރާތްތައް އިތުރުވުމުން ކަމަށެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު 1.3 ބިލިއަން ރުފިޔާ މީރާއަށް ލިބިފައިވެ އެވެ.
މީރާ އަށް މިދިޔަ މަހު ލިބުނު އާމްދަނީގެ 42.6 ޕަސެންޓަކީ ޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ އެވެ. ޖީއެސްޓީގެ ގޮތުގައި 519 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.
މިދިޔަ މަހުގެ އާމްދަނީގެ 26.9 ޕަސެންޓަކީ ޓޫރިޒަމަށް ދޫކުރާ ބިންތަކުން ލިބުނު އާމްދަނީ އެވެ. ޓޫރިޒަމަށް ދޫކުރާ ބިމުގެ ކުލީގެ ގޮތުގައި 328 މިލިއަން ރުފިޔާ މިދިޔަ މަހު މީރާ އަށް ލިިބުނެވެ.
ދެން އެންމެ ބޮޑު އާމްދަނީ އެއް ލިބިފައިވަނީ ގްރީން ޓެކުހުންނެވެ. ގްރީން ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ އަކީ މިދިޔަ މަހުގެ ޖުމްލަ އާމްދަނީގެ 6.1 ޕަސެންޓެވެ. އެއީ ޖުމްލަ 74.3 މިލިއަން ރުފިޔާ އެވެ.
މިދިޔަ މަހު އެއާޕޯޓު ސާވިސް ޗާޖުގެ ގޮޮތުގައި 65 މިލިއަން ރުފިޔާ ލިބުނުއިރު ބީޕީޓީގެ ގޮތުގައި 68 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވެ އެވެ.