ދިވެހިން ޕަބްޖީއިން ނުކުމެ ސީއޯޑީގެ ފޯރިއަށް

ކޯލް އޮފް ޑިއުޓީ (ސީއޯޑީ) ގެ މޯބައިލް ވާޝަން ދިވެހިންގެ ތެރޭ ވައިގައި ހިފަނީ ---

ގޫގުލް ޕްލޭގެ މިއަހަރުގެ އެންމެ ކަމުދާ ގޭމް އެވޯޑް ހޯދި، ޕްލޭޔާއަންނޯންސް ބެޓަލް ގްރައުންޑް ނުވަތަ ކޯލް އޮފް ޑިއުޓީ (ސީއޯޑީ) ގެ މޯބައިލް ވާޝަންގެ ފޯރި ދިވެހިންގެ ތެރޭގައި ގަދަވާން ފަށައިފި އެވެ.

މީގެ ކުރިން ދިވެހިންގެ ގިނަ ބަޔަކު ދެވިހިފައި މަރުދިނީ ޕަބްޖީ ކުޅޭށެވެ. މިދިޔަ އަހަރުގެ އެންމެ މޮޅު ގޭމްގެ އިތުރުން “މޯސްޓް ކޮމްޕެޓިޓިވް ޓައިޓަލް” ގެ އެވޯޑާއި “ފޭން ފޭވަރިޓް” އެވޯޑް ކެޓަގަރީގެ ވެސް އެއްވަނަ ހޯދީ ޕަބްޖީ އެވެ. ގޫގުލް ޕްލޭ ސްޓޯރަށް ފުރަތަމަ ތައާރަފްވި ދުވަހުން ފެށިގެން ވެސް މަގުބޫލުކަން ހޯދާފައިވާ ޕަބްޖީ އަކީ މިއަދު 240 މިލިއަން ފަހަރު ޑައުންލޯޑް ކޮށްފައިވާ ގޭމެކެވެ.

ނަމަވެސް މި ގޭމާއި ދާދި އެއް ގޭމްޕްލޭއަކަށް ފަރުމާ ކޮށްފައިވާ ސީއޯޑީއިން މިހާރު އަންނަނީ ޕަބްޖީއަށް ދެވިހިފާފައި ތިބި ދިވެހިންގެ ޝައުގުރެވިކަން ހޯދަމުންނެވެ. ޕަބްޖީއަށް ވުރެން ރީތި ގްރެފިކްސްއަަކާއި ގިނަ ވެޕަންތަކާއި އެކު ސީއޯޑީ އައުމުން ދިވެހިންނަށް އެ ގޭމް ވަނީ މާ ކަމުދާން ފަށައިފަ އެވެ.

ޕަބްޖީއާއި ސީއޯޑީގެ އެންމެ ތަފާތު އެއް ކަމަކީ ޕަބްޖީގައި ކުޅޭ މެޕަކަށް އަރާނީ ހަމައެކަނި ކުޅޭ މީހުން އެކަންޏެވެ. އެހެން ކަމުން ފޯރި ގަދަވާނީ ސްކޮޑެއް ނުވަތަ އެނެމީއަކާއި ދިމާވުމުންނެވެ. އެހެން ނޫނީ ގެތަކާއި މަގުތައް އޮންނާނީ އެކީ އެކަށް ފަޅުކޮށެވެ. ނަމަވެސް ސީއޯޑީގައި މަގުތައް މަތީ އާންމުން ހަރަކާތްތެރިވާނެ އެވެ. އެހެން ކަމުން މެޕްގެ ބިޒީކަން ކުޅެމުން ދާ އިރު އިހުސާސްވާނެ އެވެ.

ގިނަ ބަޔަކު ބުނާ ގޮތުގައި އާކޭޑް ގޭމުތައް ކުޅުމަށް އެންމެ ރަނގަޅީ ސީއޯޑީ އެވެ. އެއީ އެ ގޭމުތަކުގައި ލިބޭ ވެޕަންތައް މެޗުގެ ތެރެއިން އަޕްގްރޭޑް ކުރެވޭތީ އާއި ޕަބްޖީގެ އާކޭޑް މޯޑުގައި ނުހުންނަ އެތައް ކަމެއް އޭގައި ހުންނާތީ އެވެ. ނަމަވެސް ގޭމްޕްލޭއަށް ބަލާއިރު ޕަބްޖީ މާ ރަނގަޅު ކަމަށް މީހުން ބުނެ އެވެ.

މީގެ ކުރިން ޕަބްޖީއާ އެންމެ ވާދަވެރި ގޭމަކީ ބެޓަލް ރޯޔަލް ގޭމެއް ކަމަށްވާ “ފޯޓްނައިޓް” އެވެ. ނަމަވެސް ދުވަސްކޮޅެއްގެ ތެރޭގައި ފޯޓްނައިޓް ކިހިލިޖަހާލައިގެން ޕަބްޖީ ވަނީ ކުރިއަރައިގެން ގޮސްފަ އެވެ. ސަބަބުތައް ކިތަންމެހާ ވެސް ގިނަ އެވެ.

"ޕަބްޖީއަށް އަރައި އުޅޭ އިރު ހީވަނީ އަސްލު ހަނގުރާމައަކަށް ވަދެވިގެން އުޅެވޭހެން. ވަރަށް ސަޅި ގްރެފިކްސް. ރައްޓެހިންނާ އެކީ އެ ކުޅޭ އިރު ލިބޭ ހިތްހަމަ ޖެހުމަކީ ބުނެދެން ނޭންގޭ ކަހަލަ އިހުސާސެއް. އޭގެ ސަބަބުން ރަހްމަތްތެރިންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވޭ. އަދި އިތުރު ރައްޓެހިން ވެސް ލިބޭ." ޕަބްޖީ ކުޅޭ ޒުވާނަކު ބުންޏެވެ.

ރާއްޖޭގައި ފަހަކަށް އައިސް އަންނަނީ ޕަބްޖީގެ މުބާރާތްތައް ވެސް ބާއްވަމުންނެވެ. އެގޮތުން ދާދި ފަހުން ބޭއްވި މުބާރާތެއްގައި ރާއްޖެ އާއި އިންޑިއާގެ އިތުރުން ލަންކާ، ނޭޕާލް އަދި މިޔަންމާގެ ޕަބްޖީ ޓީމުތައް ބައިވެރިވި އެވެ. ރާއްޖެ ޓީމުން ވަނީ ސްރީ ލަންކާ އަދި މިޔަންމާ ބަލިކޮށްފަ އެވެ. މޮޅު ނުވީ ނޭޕާލު އަތުން އެކަންޏެވެ. ކޮންމެ ޓީމެއް ދޭއް ނުވަތަ ތިން މެޗު ކުޅުނެވެ. އަދި ކޮންމެ ޓީމެއްގައި ހަތަރު ބައިވެރިން ތިއްބެވެ.

comment ކޮމެންޓް