ރަން ފާހާނާ ތަށި ހޯދާ މީހަކަށް 124،000 ޑޮލަރު ދެނީ

ބްލެނެމް ޕެލެސްގައި ބެހެއްޓި ރަނުން ހަދާފައިވާ ފާހާނާ ތަށި -- ފޮޓޯ: ގެޓީ

އިނގިރޭސިވިލާތުގެ ބްލެނެމް ޕެލެސްގައި ބަހައްޓާފައި ހުއްޓާ ވަގަށް ނެގި "އެމެރިކާ"ގެ ނަން ދީފައިވާ ރަން ފާހާނާ ތަށި ހޯދާ މީހަކަށް އިނާމެއްގެ ގޮތުން 124،000 (އެއްލައްކަ ސައުވީސް ހާސް) ޑޮލަރު ހުށަހަޅައިފި އެވެ.

އިޓަލީގެ އާޓިސްޓް މަރިޓްޒިއޯ ކަޓަލަންގެ އުފެއްދުމެއް ކަމަށްވާ އެ ފާހާނާ ތަށި މުޅިންވެސް ހަދާފައި ވަނީ 18 ކެރެޓު ރަނުންނެވެ. އަދި ފްލަޝްކޮށް، ބޭނުން ކުރެވޭ ގޮތަށް ހަދާފައިވާ އެތަށީގެ އަގު ހަ މިލިއަން ޑޮލަރަށް އަރައެވެ.

މިދިޔަ މަހުގެ 14އިގައި ބްލެނެމް ޕެލެސްގައި ކަޓަލަންގެ މައުރަޒެއް ބޭއްވި އިރު އެފާހާނަ ތަށި ހުރީ ބޭނުން ކުރެވޭ ގޮތަށް ހަދާފައެވެ. އަދި ގުރޫޕެއްގެ މީހުން ވެގެން އެތަށި ވަގަށް ނެގުމުން ގަނޑުވަރުގެ ތަޅުންގަނޑަށްވެސް ގެއްލުން ލިބުނެވެ.

އެ ވައްކަމާ ގުޅިގެން އިނގިރޭސި ފުލުހުން ވަނީ މިހާތަނަށް ދެ މީހަކު ހައްޔަރުކޮށްފައެވެ. އަދި ފާހާނާ ތަށި ގެންދިޔުމަށް ބޭނުން ކުރި ކަމަށް ބެލެވޭ ކާރެއްގެ ފޮޓޯ އާންމުކޮށްފައެވެ.

އެ ތަށި ހޯދާ މީހަކަށް ފައިސާގެ އިނާމެއް ދޭނެ ކަމަށް ބުނެފައި ވަނީ ބްލެނެމް ޕެލެސްގެ އިންޝުއަރެންސް ކުންފުނި، ފައިން އާޓް ސްޕީޝީ އެޖަސްޓާސްއިންނެވެ.

އެ ފާހާނާ ތަށި މީގެ ކުރިން ބަހައްޓާފައި ހުރީ ނިއުޔޯކްގެ ދާރުލްއާސާރެއްގައެވެ. އަދި 2016 ވަނަ އަހަރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެރިކަމަށް ވަޑައިގެން، ވައިޓްހައުސްއަށް ބަދަލުވުމުން، އެ ފާހާނާ ތަށި ރައީސަށް ހަދިޔާކުރަން ދާރުލްއާސާރުން މަސައްކަތްކުރިއެވެ. ނަމަވެސް ވައިޓްހައުސްއިން އެ ހުށަހެޅުމަށް ޖަވާބެއް ދީފައި ނުވެއެވެ.

comment ކޮމެންޓް