ލުތުފީ ފިލި މައްސަލައިގައި ދައުވާ ކުރަން ޕީޖީއަށް ފޮނުވައިފި

ހާޖަރާގޭ ލުތުފީ ލަންކާއިން ރާއްޖެ ގެނެސް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ނޮވެމްބަރު ތިނެއްގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާއާ ގުޅިގެން ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ 25 އަހަރަށް ޖަލަށްލާން ހުކުމްކޮށްފައި ވަނިކޮށް، ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމުން ފިލައިގެން އުޅުނު މައްސަލަ ތަހުގީގުކޮށް ދައުވާ ކުރަން ޕީޖީ އޮފީހަށް ފޮނުވައިފިއެވެ.

ބޭސްފަރުވާއަށް ފޮނުވުމުން ލުތުފީ ފިލީ 2010 ވަނަ އަހުރު އެވެ. ނުވަ ވަރަކަށް އަހަރު ފިލައިގެން އުޅުމަށް ފަހު، ލަންކާގައި މި އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި ދިން އީސްޓާ ބޮމުގެ ހަމަލާތަކަށް ފަހު ލުތުފީ ވަނީ އަމިއްލައަށް އެގައުމުގައި ހުންނަ ދިވެހި އެމްބަސީއާ ހަވާލުވެފަ އެވެ.

އޭނާ އެމްބަސީގައި އުޅޭކަން ހާމަވިތާ ދެ ވަރަކަށް މަސް ފަހުން ވަނީ އަނބުރާ މާލެ ގެނެސް ހުކުމް ތަންފީޒު ކުރަން މާފުށީ ޖަލަށް ބަދަލުކޮށްފައެވެ.

މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ، ލުތުފީ ފިލި މައްސަލައިގެ ތަހުގީގު ނިންމައި، އޭނާގެ މައްޗަށް ދައުވާ ކުރަން ފުލުހުން ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަަމަށެވެ.

ތަމަޅައިންގެ ޕްލޯޓް ޖަމާއަތުގެ ޓެރަރިސްޓުންނާ ގުޅިގެން ތިނެއް ނޮވެމްބަރުގައި ލުތުފީ އިސްވެހުރެ ދިން އުދުވާނީ ހަމަލާގައި 19 ދިވެއްސަކު ޝަހީދުވި އެވެ. އޭގެ ތެރޭގައި އާންމުންގެ 11 މީހުންނާއި ސިފައިންގެ އަށް މީހަކު ހިމެނެ އެވެ. އަދި އެތައް ބަޔަކަށް ބޮޑެތި ޒަހަމުތައްވެ އަނިޔާވި އެވެ.

އެ މައްސަލަ އޭނާގެ މައްޗަށް ސާބިތުވެ، އެންމެ ފުރަތަމަ ހުކުމް ކުރީ އޭނާ މެރުމަށެވެ. ނަމަވެސް ރައީސް މައުމޫން އަބްދުލްގައްޔޫމް ވަނީ އެ އަދަބު ލުއިކޮށްދެއްވައި 25 އަހަރުގެ ޖަލު ހުކުމަކަށް ބަދަލުކޮށްދެއްވައިފަ އެވެ. އެ ހުކުމް ތަންފީޒުކޮށް ނިމެން އަދި ހަތަރު ވަރަކަށް އަހަރު އެބަ އޮތެވެ.

comment ކޮމެންޓް