ޗައިނާގެ ބިންގާ ގުޑުވާލެވޭނެ އެއްވެސް ގައުމެއް ނެތް: ރައީސް ޝީ

ޗައިނާގެ 70 ވަނަ ގައުމީ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ޕެރޭޑު ރައީސް ޝީ ޖިންޕިން ބައްލަވަނީ -- ފޮޓޯ: ރޮއިޓާސް

ބެއިޖިން (އޮކްޓޯބަރު 1): ޗައިނާގެ ބިންގާ ގުޑުވާލެވޭނެ އެއްވެސް ބާރެއް ނެތް ކަމަށް އެގައުމުގެ ރައީސް ޝީ ޖިންޕިން މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް ޝީ އެފަދައިން ވިދާޅުވީ ޗައިނާގެ 70 ވަނަ ގައުމީ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެރަސްމިއްޔާތު ބޭއްވީ 1949ގައި ޗެއާމަން މާއޯ ޒެޑޯންގް، ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އުފެދުނުކަން އިއުލާން ކުރެއްވި ޓިއެނަންމެން ސްކޮޔާގަ އެވެ.

"މިގައުމުގެ ބިންގާ ގުޑުވާލާނެ އެއްވެސް ބާރެއް ނެތް. ޗައިނާގެ ރައްޔިތުންނާއި މިގައުމުގެ ކުރިއެރުން ހުއްޓުވޭނެ އެއްވެސް ބާރެއް ނެތް. ޗައިނާގެ މާޒީ ވަނީ ތާރީހުގައި ލިޔެވިފަ، އަދި ޗައިނާގެ މުސްތަގުބަލު މާ ބޮޑަށްވެސް ރަނގަޅުވާނެ،" ޝީ ވިދާޅުވި އެވެ.

ޝީގެ ތަގުރީރަށް ފަހު އެމައިދާނުގައި ވަނީ 15،000 ސިފައިން ބައިވެރިވި އަސްކަރީ ޕެރޭޑެއް ބާއްވާ، އެގައުމުގެ އެންމެ ފަހުގެ ހަތިޔާރުތައް ދައްކާލާފަ އެވެ. އޭގެ ތެރޭގައި މިސައިލް ޑިފެންސް ސިސްޓަމްތަކުން ނުހުއްޓުވޭނެ ނިއުކްލިއާ މިސައިލެއްވެސް ހިމެނުނެވެ.

ޗައިނާގެ އިންޓަކޮންޓިނެންޓަލް ބެލިސްޓިކް މިސައިލްތައް ދައްކާލާ އުޅަނދުތަކެއް -- ފޮޓޯ: ރޮއިޓާސް

އެރަސްމިއްޔާތުގައި ހޮންކޮންގެ ލީޑަރު ކެރީ ލާމްވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

ޗައިނާގެ ގައުމީ ދުވަހާ ދިމާކޮށް، މިއަދުވެސް ހޮންކޮންގައި ވަނީ މުޒާހަރާތައް ބާއްވަން ހަމަޖައްސާފަ އެވެ. އެސަރަހައްދުގައި ޑިމޮކްރަސީ އަށް ތާއިދު ކުރާ ގިނަ އަދަދެއްގެ މީހުން ދަނީ މިދިޔަ އޭޕްރިލް މަހުން ފެށިގެން މުޒާހަރާތައް ބާއްވަމުންނެވެ.

އިނގިރޭސިންގެ އަތްދަށުގައި ގިނަ އަހަރުތަކެއް ވަންދެން އޮތް ހޮންކޮން 1997 ވަނަ އަހަރު ޗައިނާގެ ބަޔަކަށް ހެދީ "ވަން ކަންޓްރީ، ޓޫ ސިސްޓަމްސް" ނިޒާމުގެ ދަށުންނެވެ. އޭގެ ސަބަބުން ޗައިނާގެ ރައްޔިތުންނާ އަޅާ ބަލާއިރު ހޮންކޮންގެ ރައްޔިތުންނަށް ލިބޭ ސިޔާސީ އަދި ޝަރުއީ މިނިވަންކަން ބޮޑެވެ.

ނަމަވެސް ފަހަކަށް އައިސް ހޮންކޮންގައި ޗައިނާގެ ނުފޫޒު އިތުރުވެ، އެސަރަހައްދުގެ މިނިވަންކަން ގެއްލެމުންދާ ކަމަށް ބުނެ ހޮންކޮންގެ ބައެއް ރައްޔިތުން ވަނީ ނުރުހުން ފާޅުކޮށްފަ އެވެ.

ޗެއާމަން މާއޯއަށް ފަހު ޗައިނާގެ އެންމެ ބާރުގަދަ ލީޑަރުގެ ގޮތުގައި ފާހަގަ ކުރެވިފައިވާ ޝީގެ ވެރިކަމުގައި އެގައުމުން ވަނީ ރައީސްކަން ކުރެވޭ ދައުރު ކަނޑައަޅާފައިވާ މާއްދާ އުވާލާ، ރައީސް ޝީއަށް އުމުރު ދުވަހަށް ވެރިކަން ކުރެވޭ ބިލެއް ފާސްކޮށްފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް