ކޮރަޕްޝަންގެ ތުހުމަތުގައި ކަސްޓަމްސްގެ އިސްވެރިޔަކު ވަޒީފާ އިން ވަކިކޮށްފި

ކޮރަޕްޝަންގެ ތުހުމަތުގައި މަގާމުން ވަކި ކުރި މުއާޒް---

ކޮރަޕްޝަންގެ ތުހުމަތުގައި ކަސްޓަސްގެ އިސްވެރިޔަކު ވަޒީފާ އިން ވަކިކޮށްފިއެވެ.

"ސަން" އަށް އެނގިފައިވާ ގޮތުގައި ވަޒީފާ އިން ވަކިކޮށްފައިވަނި ސީނިއާ ސުޕްރިންޑެންޓެއްގެ މަގާމުގައި ހުރި މުއާޒް އަލީއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމްގެ ސަރުކާރުގައި މުއާޒް ހުންނެވީ ސީޕޯޓް ޑިވިޝަންގެ ހެޑްގެ މަގާމުގައެވެ. އޭނާ ވަނީ ގިނަ ދުވަސްތަކެއް ވަންދެން ކަސްޓަމްސްގައި ޚިދުމަތްވެސް ކުރައްވައިފައެވެ.

ކަސްޓަމްސްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ކޮރަޕްޝަންގެ މައްސަލައެއްގައި މިއަދު ސީނިއާ މުވައްޒަފަކު މަގާމުން ވަކިކޮށްފައިވާ ކަމަށެވެ. ނަމަވެސް އޭނާގެ ނަމެއް ހާމައެއް ނުކުރެއެވެ. އަދި އޭނާ ވަކިކުރީ ކޮން މައްސަލައެއްގައި ކަމެއްވެސް އޮފިޝަލް ވިދާޅެއް ނުވެއެވެ. ހަމައެކަނި ވިދާޅުވީ ތަހުގީގް ކުރަމުންދާ މައްސަލައަކަށްވާތީ އިތުރު މައުލޫމާތު ދެވެން ނެތް ކަމަށެވެ.

ދާދި ފަހުން އޮޅުވާލައިގެން ގަވައިދާ ހިލާފަށް އެއްގަމު އުޅަނދުތަކެއް އެތެރެކުރަން އުޅުނު މައްސަލާގައި ކަސްޓަމްސްގެ ދެ އޮފިސަރަކު ވަނީ ސަސްޕެންޑްވެސް ކޮށްފައެވެ. ނަމަވެސް އެ މައްސަލައިގައި މުއާޒް ޝާމިލްވާކަމެއް "ސަން" އަށް ކަށަވަރެއް ނުވެއެވެ.

ކަސްޓަމްސް އާއި ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން ތިން ކާރާއި ދެ ޕިކަޕާއި ދެ ވޭނާއި 16 ސައިކަލު ވަނީ ފެނިފަ އެވެ.

ކަސްޓަމްސް އިން ބުނީ އެ އުޅަނދުތަކަކީ ލަކުޑި އެތެރެ ކުރަން ކަމަށް ބުނެ ގެނައި ދެ ކޮންޓެއިނަރެއްގައި ގެނައި އުޅަނދުތަކެއް ކަމަށެވެ.

comment ކޮމެންޓް