"ދަރިފުޅާ ހިތްވަރު ކުރާތި، ބައްޕައަށް ދެވޭ ނަމަ ހުންނާނީ ދަރިފުޅު ކައިރީގައި"

މާލޭގައި 20/09/2019 ގައި ހިނގި ބިޔަ އަލިފާނުގެ ހާދިސާގެ ތެރެއިން: މި ހާދިސާގައި ހަތް ގެޔެއްގައި އަލިފާން ހިފި އިރު އެކެއްގެ ފުރާން ވެސް ވަނީ ގޮސްފައި --- ސަން ފޮޓޯ// އަހުމަދު އަވްޝަން އިލްޔާސް

"ދަރިފުޅާ! ހިތްވަރު ކުރާތި. ބައްޕައަށް ދެވޭ ނަމަ ހުންނާނީ ދަރިފުޅު ކައިރީގައި،"

އެއީ ރޭ ހިނގައި ދިޔަ އަލިފާނުގެ ހާދިސާގައި ހ. ރަދުވާނިއާގެ ހަތަރުވަނަ ފަންގިފިލާގައި ތާށިވެފައި ހުރި ދަރިފުޅަށް ގުޅައިގެން ހުރި ބައްޕަ ރޮމުން ރޮމުން ބުނި ވާހަކައިގެ ތަންކޮޅެކެވެ.

އަހަރެންނަށް މާލޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަން އެނގުނީ އިރު އޮއްސި 7:45 އެހާކަންހާއިރު އެވެ. މާލޭގައި ހުރި ކެފޭއެއްތެރޭ ކޮފީއެއް ބޯން އިންދައި ރަހުމަތްތެރިއަކު ވައިބާ ގުރޫޕަކަށް ސައިކަލުތަކެއްގައި ރޯވެފައި ހުރި ފޮޓޯއެއް ލީ ނަމަވެސް މާބޮޑު ކަމަކަށް ނުހަދަމެވެ. އެހެނަސް އޭގެ އިރުކޮޅެއް ފަހުން ފޭސްބުކަށް ވަނުމުން އެނގުނީ ހިނގައިގެން އުޅެނީ އާދައިގެ ކަމެއް ނޫން ކަމެވެ.

މާލޭގައި 20/09/2019 ގައި ހިނގި ބިޔަ އަލިފާނުގެ ހާދިސާގެ ތެރެއިން: މި ހާދިސާގައި ހަތް ގެޔެއްގައި އަލިފާން ހިފި އިރު އެކެއްގެ ފުރާން ވެސް ވަނީ ގޮސްފައި --- ސަން ފޮޓޯ// އަހުމަދު އަވްޝަން އިލްޔާސް

ވަގުތުން ސައިކަލުގައި ބާރު ބާރަށް ދުއްވާފައި ގޮސް ސޯސަންމަގުން އަޅާލި އިރު މުޅި މަގު އޮތީ ފުރި ބާރުވެފަ އެވެ. މޫނުތަކުން ފެންނަމުން ދިޔައީ ހާސް ކަމާއި މާޔޫސް ކަމެވެ. ސައިކަލު ޖެހުނު ތާކަށް ދޫކޮށްލައި އެންމެ ފުރަތަމައިން ވެސް ދުއްވައިގަނެވުނީ މީހުން ގަނޑު ތެރޭން ލާފައި އަލިފާން ރޯވެފައި ހުރި ކަމަށް ބުނި އަޑުއިވުނު ދިމާ އަށެވެ. ކުރިއަށް ދިޔަ ވަރަކަށް ފެނުނީ ބޯ ދުންގަނޑެކެވެ. ދިޔަ ބާރުމިނަށް ގޮސް އޭޑީކޭ ކުރިމަތި ގޯޅިން އަޅާލިތަނުން ދިޔައީ ސިއްސައިގެންނެވެ. ފެނުނީ ފިސާރި ބޮޑު އަލިފާން ގަނޑެކެވެ.

ފުލުހުންނާއި ސިފައިންގެ އިތުރުން އާންމުންގެ ގިނަ ބަޔަކު ދިޔައީ ބާރަށް އަނދަމުން ދިޔަ އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށާއި ގޭގޭގައި ތާށިވެފައި ތިބި މީހުން ސަލާމަތް ކުރުމަށް ހަރަކާތްތެރިވަމުންނެވެ. އެހެނަސް އަހަރެންގެ ލޮލުގައި އަޅައިގަތީ އެތާ އެއް ކައިރީގައި ހުރި ހަރު އުމުރުގެ މީހަކު މައްޗަށް އަތް ދިއްކޮށްގެން ހުރެ ހާސް ކަމާ އެކު ދައްކަމުން ދިޔަ ވާހަކަ އެވެ.

މާލޭގައި 20/09/2019 ގައި ހިނގި ބިޔަ އަލިފާނުގެ ހާދިސާގެ ތެރެއިން: މި ހާދިސާގައި ހަތް ގެޔެއްގައި އަލިފާން ހިފި އިރު އެކެއްގެ ފުރާން ވެސް ވަނީ ގޮސްފައި --- ސަން ފޮޓޯ// އަހުމަދު އަވްޝަން އިލްޔާސް

އަތްދަނޑި މަތީގައްޔާއި ފުރޮޅުލީ ގޮނޑިތަކުގައި ފަހަރަކު މީހަކު ފަހަރަކު މީހަކު ފަރުވާއަށް އޭޑީކޭ ހޮސްޕިޓަލަށް ގެންދަމުން ދިޔަ އިރު ވެސް އޭނާގެ ކުޑަ ފިރިހެން ދަރިފުޅާއި އެކުއްޖާގެ މަންމަ ނުފެނެ އެވެ. އެ ދެމައިން ތިބީ އަލިފާން އެންމެ ބޮޑަށް ރޯވެފައި ހުރި ހ.ރަދުވާނިއާގެ ހަތަރު ވަނަ ފަންގިފިލާގެ ފާހަނާއެއްގައި ތާށިވެފަ އެވެ.

ހުޅުގަނޑު ދިޔައީ ބޮޑުވަމުންނެވެ. ވަގުތު ދިޔައީ ކުޑަތަންވަމުންނެވެ. އަލިފާންގަނޑު ކޮންޓްރޯލް ކުރުމުގެ މަސައްކަތުގައި ޝާމިލުވެ ގިނަ ބަޔަކު އުޅުނު ނަމަވެސް އެ މީހުނަށް އެ ދެމައިން ތާށިވެފައި ތިބި ކަމެއް ނޭނގެ އެވެ.

ހާސްވެ ގޮތް ހުސްވެފައި ހުރި ބައްޕަގެ ޝަކުވާތައް ދިޔައީ މަސައްކަތް ކުރަމުން ދިޔަ ފުލުހުންގެ އެންމެ ބޮޑަށް ތިބި އެންމެނާ ހިއްސާ ކުރަމުންނެވެ. ނަމަވެސް އެއްވެސް ހުއްޓުމެއް ނެތި އަނދަމުން ދިޔަ އަލިފާންގަނޑުގެ ތެރެއިން އެ ދެމައިން ސަލާމަތް ކުރުމަށް ވަގުތު ބޭނުންވާނެ ކަމަށް އޮފިޝަލުން ބުނަމުން ދިޔަ އެވެ. އަލިފާން ނިއްވާ ކެރޭނާއި ލޮރީތަކުގެ ސަމާލުކަން އެންމެ ފަހުން އޭނާއަށް އަމާޒުވެ ހަތަރު ވަނަ ފަންގިފިލާގެ ކުޑަދޮރުތަކަށް ފެންޖަހަން ފެށި އެވެ.

މާލޭގައި 20/09/2019 ގައި ހިނގި ބިޔަ އަލިފާނުގެ ހާދިސާގެ ތެރެއިން: މި ހާދިސާގައި ހަތް ގެޔެއްގައި އަލިފާން ހިފި އިރު އެކެއްގެ ފުރާން ވެސް ވަނީ ގޮސްފައި --- ސަން ފޮޓޯ// އަހުމަދު އަވްޝަން އިލްޔާސް

އަލިފާންގަނޑު ރޯވިތާ ގާތްގަނޑަކަށް ދެ ގަޑިއިރެއްހާ އިރު ވީ އިރުވެސް އެ ދެމައިން ތިބީ ފާހާނާގައި ތާށިވެފަ އެވެ. އެކަން އިނގޭ ގޮތަކީ އެ ދެމައިންގެ ހާލު ބަލަމުން ބައްޕަ ބަރާބަރަށް ދިޔުމުންނެވެ. ފޯނުން ގުޅާލަ ގުޅާލައި ހުރި އެ ބައްޕަ ހާސް ކަމުގައި ހުއްޓައި ދެން ފެނުނީ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އެތަނަށް ވަޑައިގެން ތަނެވެ.

"މިނިސްޓަރު، އަޅުގަނޑުގެ އަންހެނުންނާއި ދަރިފުޅު އެ ގޭގައި [ހ.އިލާއުގެއަށް އިޝާރަތް ކުރަމުން] ތާށިވެފައި ތިބޭތާ ދެ ގަޑިއިރަށްވުރެން ގިނަ އިރު ވެއްޖެ. އަޅުގަނޑު މިދަނީ އެމީހުންގެ ހާލު ބަލަމުން." މިނިސްޓަރާ ވާހަކަ ދައްކަމުން އޭނާ ބުންޏެވެ.

އޭނާގެ ވާހަކައިން މާރިޔާއަށް ކުރި އަސަރާ އެކު ވަގުތުން ވަގުތަށް އެކަމުގެ އެންމެ ފަހުގެ އަޕްޑޭޓް ބަލައި ހާލަތު ރަނގަޅަށް ދެނެގަތެވެ. އަދި ހިތްނުތަނަވަސް ވެފައި ހުރި ބައްޕައަށް ހިތްވަރު ދެއްވަމުން މާރިޔާ ވިދާޅުވީ މިހާރު ރޯވެފައި ހުރި ބިލްޑިންގް ތެރެއަށް އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ޓީމުގެ ހަތަރު މީހަކު ވަދެވައިވާ ކަމަށެވެ.

"ދަރިފުޅާ. ހިތްވަރު ކުރޭ. އެހީ އެބަދޭ. ބައްޕައަށް ދެވޭ ނަމަ ބައްޕަ ހުންނާނީ ދަރިފުޅު ގާތު." ރޮމުން ރޮމުން އެ ބައްޕަ ފޯން ބޭއްވި އެވެ. އޭރު އޭނަގެ އަންހެނުން ގެންގުޅުނު ފޯނު ޗާޖް ގޮސްގެން ނިވެން ގާތް ވެފައި ހުރުމުން އެންމެ ބޭނުންތެރިވާނެ ވަގުތަށް ގުޅުމުގެ އިންތިޒާރުގައި އޭނާ ހުއްޓެވެ.

އޭގެ އިރަކޮޅެއް ފަހުން ރޯވެފައި ހުރި ގޭތެރެއިން ނުކުން މީހާ އަޑުގެ ނެތްތަނަށް ސްޓްރެޗާ ގެނައުމަށް ގޮވާލި އެވެ. އޭރު އޭނަގެ ފަހަތުން ދަރިފުޅާއި ދަރިފުޅުގެ މަންމަ ނަގައިގަނެގެން އިތުރު ތިން މީހަކު ނުކުމެ އެވެ. ހާސްވެފައި ހުރި ބައްޕަ އާއި ދެން ތިބި އެންމެން ވެސް އަވަސްވެގަތީ ދެމައިން ގޮވައިގެން އިތުރު ފަރުވާއަށް އޭޑީކޭ ހޮސްޕިޓަލަށް ގެންދިއުމަށެވެ.

މާލޭގައި 20/09/2019 ގައި ހިނގި ބިޔަ އަލިފާނުގެ ހާދިސާގެ ތެރެއިން: މި ހާދިސާގައި ހަތް ގެޔެއްގައި އަލިފާން ހިފި އިރު އެކެއްގެ ފުރާން ވެސް ވަނީ ގޮސްފައި --- ސަން ފޮޓޯ// އަހުމަދު އަވްޝަން އިލްޔާސް

އޭޑީކޭ ހޮސްޕިޓަލުން ދިން މައުލޫމާތަކުން އަޅުގަނޑަށް ލިބުނީ އުފާވެރި ހަބަރެކެވެ. އެއީ އެވަގުތު ގެންދިޔަ ދެމައިންގެ ހާލު ވެސް ރަނގަޅު ކަމަށް ބުނުމުންނެވެ.

ނަމަވެސް އެ އުފާ އަނބުރާ ހިތާމައަކަށް ބަދަލުވީ އޭގެ އިރަކޮޅެއް ފަހުން އެ އަލިފާނުގެ ހާދިސާގައި އުމުރުން 46 އަހަރުގެ ދެކުދިންގެ މަންމައެއް ކަމަށްވާ އައިޝަތް ޝައުނާ މިދުނިޔެއާއި އަބަދުގެ އަބަދަށް ވަކިވެގެން ދިޔަ ހަބަރާ އެކު އެވެ. މަރުހޫމާގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މެދުވެރިކުރައްވާންދޭވެ.

comment ކޮމެންޓް