އދގައި ރާއްޖެއިން ވޯޓުލާނީ ފަލަސްތީނާ އެއްކޮޅަށް: ފޮރިން މިނިސްޓަރު

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ---

މި މަހުގެ ތެރޭގައި އޮންނަ އދ.ގެ އާންމު މަޖިލީހުގައި ފަލަސްތީނާ ގުޅުންހުރި މައްސަލަތަކުގައި އެ މަޖިލީހަށް ހުށަހެޅޭ ގަރާރުތަކުގައި ރާއްޖެއިން ވޯޓު ލާނީ ފަލަސްތީނާ އެއްކޮޅަށް ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އިސްރާއީލުގައި އަންނަ ހަފްތާގައި ބާއްވާ އާންމު އިންތިހާބު ކާމިޔާބުވެއްޖެނަމަ، އިސްރާއީލުން ހުޅަނގު އައްސޭރީގައި ވެރިވެގެންފައިވާ ފަލަސްތީނުގެ ބިންތަކަށް އިސްރާއީލުގެ ބައެއްގެ ގޮތުގައި ހަދާނެކަމަށް އެގައުމުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވައުދުވެވަޑައިގެންފައި ވާތީ އެކަމާ ގުޅޭގޮތުން އޯގަނައިޒޭޝަން ފޯރ އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ކުއްލި ބައްދަލުވުމެއް ޖިއްދާގައި މިހާރު ދަނީ ބާއްވަމުންނެވެ.

އޯއައިސީގެ ފޮރިން މިނިސްޓަރުންގެ ކުއްލި ބައްދަލުވުމުގައި ފޮރިން މިނިސްޓަރު ޝާހިދު މިއަދު ވިދާޅުވީ ފަލަސތީނުގެ މައްސަލައިގައި ދިވެހީން ތިބީ އެގައުމާއެކު ކަމަށާއި، އެކަމަށް ބަދަލެއް ނާންނާނެ ކަމަށެވެ.

އަދި އިސްރާއީލުގެ ބޮޑުވަޒީރު ވެވަޑައިގެންފައިވާ ވައުދު، ފޮރިން މިނިސްޓަރު ޝާހިދު ވަނީ ކުށްވެރިވެސް ކުރައްވާފައެވެ.

ނަތަންޔާހޫ އެ ވައުދު އިއުލާނުކުރެއްވުމާއެކު ދިވެހި ސަރުކާރުން މިދިޔަ ހަފްތާގައި ވަނީ ބަޔާނެއްގެ ޒަރިއްޔާއިންވެސް އެކަން ކުށްވެރިކޮށްފައެވެ.

ފޮރިން މިނިސްޓަރު ވިދާޅުވީ މިނިވަން ދައުލަތެއް ގާއިމުކުރުމަށް ފަލަސްތީނުގެ ރައްޔިތުންނަށް ލިބޭ ހައްގަށް ރާއްޖެއިން ފުރިހަމައަށް ތާއީދުކުރާ ކަމަށެވެ. އަދި އިސްރާއީލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި އެގައުމުގެ ރައްޔިތުން އާބާދުކުރުމާއި، ގުދުސަށް އެގައުމުގެ ޑިޕްލޮމެޓިކް މިޝަންތައް ބަދަލުކުރުމާ މެދުވެސް ރާއްޖެއިން ދެކޮޅުހަދާކަން ޝާހިދު ފާހަގަކުރެއްވިއެވެ.

http://sun.mv/124264

އިސްރާއީލުން ވަނީ 1967 އިން ފެށިގެން، ހުޅަނގު އައްސޭރީގައި 100 އަށް ވުރެ ގިނަ އާބާދުތައް ގާއިމުކޮށްފައެވެ. އެތަންތަނުގައި 650،000 އެއްހާ އިސްރާއީލު ރައްޔިތުން ދަނީ ދިރިއުޅެމުންނެވެ. ބައިނަލްއަގުވާމީ ގާނޫނުތައް ބުނާ ގޮތުގައި މިތަންތަނުގައި އިސްރާއީލުން މީހުން އާބާދުކުރުމަކީ ގާނޫނާ ހިލާފުކަމެކެވެ.

އިސްރާއީލުން ހުޅަނގު އައްސޭރީގައި ކޮންޓްރޯލުކުރާ ސަރަހައްދުތަކުގެ ތެރޭގައި ފަލަސްތީނުގެ ވެރިރަށް ކަމުގައި ކަނޑައަޅާފައިވާ އިރުމަތީ ގުދުސް (އީސްޓް ޖެރޫސަލެމް)ވެސް ހިމެނެއެވެ.

comment ކޮމެންޓް