ރާއްޖެ އާއި ޗައިނާއާ ދެމެދު، ސީދާ ދަތުރުތައް ފެށުމަށް ގައުމީ އެއާލައިން މޯލްޑިވިއަން އިން ތައްޔާރުވާން ފަށައިފި އެވެ.
މޯލްޑިވިއަން އިން ޗައިނާގެ ހަ މަންޒިލަކަށް މިހާރު ދަތުރުތައް ކުރަނީ، އެ އެއާލައިންގެ ފްލީޓްގައި ހިމެނޭ އެންމެ ބޮޑު ބޯޓް އެެއާބަސް، އޭ-321 މަރުކާގެ ފްލައިޓްގަ އެވެ. އެއީ ވައިޑް-ބޮޑީ އެއާކްރާފްޓަކަށް ނުވާތީ، މޯލްޑިވިއަން އިން އެ ދަތުރުތައް ކުރަނީ ބެންކޮކް މަގުން އެވެ.
އެހެން ނަމަވެސް، މޯލްޑިވިއަން އިން ނިންމާފައި ވަނީ އަންނަ އަހަރުގެ ތެރޭގައި ވައިޑް-ބޮޑީ އެއާކްރާފްޓެއް ކަމަށްވާ، އޭ-330 މަރުކާގެ ބޯޓެއް ފްލީޓަށް އިތުރު ކުރާށެވެ.
ޗައިނާގައި މިހާރު ކުރިއަށްދާ، ޓްއާއޮޕަރޭޓަރުންގެ ކޮންފަރެންސެއްގެ ތެރޭގައި މޯލްޑިވިއަންއިން އިއުލާންކޮށްފައި ވަނީ، އޭ-330 މަރުކާގެ ބޯޓާ އެކު ރާއްޖެ-ޗައިނާއާ ދެމެދު ސީދާ ދަތުރުތައް ފަށާނެ ކަމަށެވެ.
ގައުމީ އެއާލައިންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ "ސަން"އަށް މިއަދު ވިދާޅުވީ ބެންކޮކްގައި މަޑުކޮށްފައި މޯލްޑިވިއަން އިން ޗައިނާއަށް އުދުހެން ޖެހޭތީ އެކަމުގެ ސަބަބުން ޗައިނާ އާއި ރާއްޖެއާ ދެމެދު ކުރާ ދަތުރުތައް ފުޅާ ކުރަން ގޮންޖެހުންތައް ހުރި ކަމަށެވެ. އެހެން ނަމަވެސް އަންނަ އަހަރު އަލަށް އިތުރު ކުރާ، އޭ-330ގެ ބޯޓާ އެކު، ޗައިނާ އާއި ރާއްޖެއާ ދެމެދު ދަތުރު ކުރާ ޕެސެންޖަރުންގެ އަދަދުވެސް އިތުރު ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ދަތުރުތަކުގެ ހަރަދު ކުޑަވުމުގެ އިތުރުން، ޗައިނާގެ އެހެން ސިޓީތަކަށް ދަތުރުތައް ފުޅާކުރުމަށް ވެސް ފުރުސަތު ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް އަލަށް މި ލިބެނީ ވައިޑް-ބޮޑީ އެއާކްރާފްޓެއް. އެއީ، އަޅުގަނޑުމެން މި ވިސްނަނީ އޭ-330 ގެ އެއާކްރާފްޓެއް ގެންނަން. ދެން ބޯޑުން އެޕްރޫވަލްއާ އެއްޗިހި ނެގުމުގެ މަގުމަތީގައި މި އުޅެނީ. މީގެ ސަބަބުން އަޅުގަނޑުމެންގެ އޮޕަރޭޝަންތައް ޗައިނާއަށް އިތުރު ކުރެވޭނެ. އިތުރު ސިޓީތަކަށް މިތާންގެ އެޖެންޓުން އެބަ ޝައުގުވެރިވޭ ސީދާ ދަތުރުތައް ކުރެވެންޏާ،" ރިޒްވީ ވިދާޅުވި އެވެ.
އަންނަ އަހަރު އާ ބޯޓް ގެނެވުމާ އެކު، މޯލްޑިވިއަންއިން ވިސްނަމުން އަންނަނީ ޔޫރަޕަށް ވެސް ޗާޓަރު ދަތުރުތަކެއް ކުރުމަށެވެ. އެހެން ކަމަށް ވެއްޖެ ނަމަ މިއީ ގައުމީ އެއާލައިން މޯލްޑިވިއަންގެ އޮޕަރޭޝަންތައް މިހާ ބޮޑަށް ފުޅާވެގެން ދާނެ ފުރަތަމަ ފަހަރެވެ.
ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ އިތުރުން، މޯލްޑިވިއަން ދެން ދަތުރުތައް ކުރަނީ އިންޑިއާ، ބަންގާޅު އަދި ޗައިނާއަށެވެ. އ