އޭޝިޔާގެ މާލީ ނާރެސް ހުއްޓިފައި، މުޒާހަރާތައް ކުރިއަށް

ހޮންކޮންގް އެއާޕޯޓުގައި މުޒާޙަރާ ކުރަނީ: މިއަދުވެސް ފުލައިޓުތައް ވަނީ ކެންސެލް ކޮށްފައި -- ފޮޓޯ/ އޭޕީ

ހޮންކޮންގް (އޮގަސްޓު 13): އޭޝިޔާގެ މާލީ ނާރެސް އަދި ވިޔަފާރީގެ މައި މަރުކަޒެއްގެ ގޮތުގައި ބެލެވޭ ހޮންކޮންގް އިންޓަނޭޝަނަލް އެއާޕޯޓުގައި ކުރިއަށްދާ މުޒާހަރާތަކާ ގުޅިގެން މިއަދުގެ ދަތުރުތައްވެސް މެދުކަނޑާލުމުގެ ސަބަބުން ހޮންކޮންގު މުޅީން ހެން ހުއްޓުމަކަށް އަތުވެއްޖެއެވެ.

އެއާޕޯޓުގައި ކުރަން ފެށި މުޒާހަރާތަކާ ގުޅިގެން އިއްޔެވެސް ޝެޑިއުލްކޮށްފައިވާ 100 އަށް ވުރެ ގިނަ ފުލައިޓް ކެންސަލް ކުރަން ޖެހި، އޮޕަރޭޝަންތައް މެދުކަނޑާލަން ޖެހުނެވެ.

ހޮންކޮންގް އެއާޕޯޓު އޮތޯރިޓީން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނީ، ސަރުކާރާ ދެކޮޅަށްކުރަން ފެށި މުޒާހަރާތައް އެއާޕޯޓު ގައި ކުރަން ފެށުމާއެކު، އެއާޕޯޓުގެ މަސައްކަތްތަކަށް ވަނީ ވަރަށް ބޮޑަށް ބުރޫ އަރާފައިވާ ކަމަށެވެ. އެގޮތުން މިއަދުވެސް ހުރިހާ ފުލައިޓެއް "ސަސްޕެންޑް" ކޮށްފައިވާ ކަމަށް ބަޔާނުގައި ބުންޏެވެ.

"މުޒަހާރާތަކާ ގުޅިގެން ހޮންކޮންގްގެ ޓާމިނަލް އޮޕަރޭޝަންތަކަށް ވަނީ ވަރަށް ބޮޑަށް އުނދަގޫ ވެފައި،" މިއަދު ޓްރާސްޕޯޓު އޮތޯރިޓީން ނެރުނު ބަޔާނުގައި ބުންޏެވެ. "އަޅުގަނޑުމެން ނަސޭހަތްތެރިވަން އާންމުނަށް އެއާޕޯޓަށް ނައުމަށް،"

މިހާރު ހިނގަމުންދާ މުޒަހާރާތަކާކީ، ގާނޫނާ ހިލާފަށް ކުރާ މުޒާހަރާތަކެއް ކަމަށް ހޮންކޮންގް ލީޑަރު، ކެރީ ލާމް ވަނީ އާންމުކޮށް އަންގައި އިއުލާން ކޮށްފައެވެ.

"އެ ހަރަކާތްތަކަކީ، މިނިވަންކަމުގެ ނަމުގައި، ގާނޫނު މުގުރައިލާން ހިންގާ ހަރަކާތްތަކެއް،" ކެރީ ލާމް ވިދާޅުވިއެވެ. އަދި އެކަންތަކުން އަސަރުކޮށް އޭޝީއާގެ މާލީ ނާރެހުގެ ގޮތުގައި ބެެލެވެމުން އަންނަ ހޮންކޮންގް އަށް އަރައިގަތުމަށް ދުވަސް ނަގާނެ ކަމަށް ކެރީ ލަމް ވިދާޅުވިއެވެ.

މިދިޔަ އޭޕްރިލް މަހު ހޮންކޮންގްގައި ބޮޑެތި މުޒާހަރާތައް ފެށުނީ ސަރުކާރުން ގާނޫނު ހަދާ މަޖިލީހަށް ހުށަހެޅި ބިލަކާ ގުޅިގެންނެވެ. އޭޕްރިލް މަހުގެ 20ގައި ވޯޓަށް އަހަން އޮތް އެބިލު ފާސް ކުރި ނަމަ، ހޮންކޮންގްގައި ތިބި ކުށުގެ ތުހުމަތު ކުރެވޭ މީހުންގެ ޝަރީއަތް ކުރިއަށްގެންދިޔުމަށް އެމީހުން ޗައިނާއާ ހަވާލު ކުރެވޭނެއެވެ.

އެ ބިލް ފާސްވެސްވެއްޖެ ނަމަ ޗައިނާގެ ނުފޫޒު އިތުރުވާނެ ކަމަށާއި އެގައުމުގެ ޝަރުއީ ނިޒާމަށް އިތުބާރު ނުކުރެވޭ ކަމަށް މުޒާހަރާގެ ބައިވެރިން ބުނެއެވެ.

މުޒާހަރާތަކުގެ ސަބަބުން ކެރީ ލާމް ވަނީ އެބިލް ފާސް ކުރުން ފަސް ކުރަން ނިންމަވާފައެވެ. ނަމަވެސް މުޒާހަރާ ކުރާ ފަރާތްތަކުން އަދިވެސް ދަނީ ބިލް އެއްކޮށް އުވާލުމަށާއި ލާމް އިސްތިއުފާ ދެއްވުމަށް ގޮވާމުލަމުންނެވެ. އަދި ފުލުހުން ކުރާ އަނިޔާތަކަށް އެމީހުން ޖަވާބުދާރީ ކުރުވުމަށް މުޒާހަރާގެ ބައިވެރިން ގޮވާލަމުންދެއެވެ.

ހޮންކޮންގް އެއާޕޯޓުގައި މިދިޔަ ހުކުރު ދުވަހު މުޒާހަރާތައް ފެށީ އެސިޓީއަށް އަންނަ މީހުންނަށް މުޒާހަރާތަކާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށާއި މުޒާހަރާތަކަށް އެމީހުންގެ ތާއިދު ހޯދުމަށް ކަމަށް ބުނެއެވެ.

ނަމަވެސް ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވިޑިއޯ ތަކުން ދަތުރުވެރިންގެ ނުުރުހުން މުޒާހަރާގެ ބައިވެރިނަށް ވަނީ އަމާޒުވެފައެވެ. ދަތުރުވެރިން ބުނަނީ، އެއާޕޯޓުގައި މުޒާހަރާ ކޮށްގެން އެ މައްސަލައެއް ހައްލެއް ނުލިބޭނެ ކަމަށާއި އެއާޕޯޓު ފަދަ ތަންތާ މުޒާހަރާ ކުރުމުން ކަމާ ނުބެހޭ މީޙުންނަށް އުދާގޫވެ، އެމީޙުންނަށް އެމީހުންގެ ގައުމަށް ނުދެވި އެއާޕޯޓުގައި ތާށީ ވެފައި ތިބެން ޖެހޭ ކަމަށެވެ.

އިއްޔެއާ މިއަދު އެއާޕޯޓުގެ ފްލައިޓްތައް ކެންސެލްވުމާ ގުޅުގެން ފުރަން ދިޔަ ގިނަ ބަޔަކުވެސް ވަނީ އެއާޕޯޓުތެރޭ ތާށިވެފައެވެ.

ހޮންކޮންގެ ހާލަތާ މެދު އދ. އިންވެސް ވަނީ ކަން ބޮޑުވުން ފާޅުކޮށް މިއަދު ބަޔާނެއް ނެރެފައެވެ. އދ. އިން ވަނީ ސަރުކާރާއި މުޒާހަރާގެ ބައިވެރިން މަޝްވަރާ ކުރުމަށް ގޮވާލާފައެވެ.

އިއްޔެ ބޭއްވި މުޒާހަރާތަކުގައިވެސް ފުލުހުންނާއި މުޒާހަރާގެ ބައިވެރިންނާ ދެމެދު ކުރިމަތިލުންތައް ހިނގައި، ފުލުހުން ވަނީ މުޒާހަރާ ރޫޅާލުމަށް ކަރުނަ ގޭހާއި ނަން-ލީތަލް ހަތިޔާރު ބޭނުންކޮށްފައެވެ. އޭގެ ސަބަބުން މުޒާހަރާގައި ބައިވެރިވި މީހުންނާއި ފުލުހުންނަށްވެސް އަނިޔާވެފައިވެއެވެ.

comment ކޮމެންޓް