ނިއޯން ބޭކަރީ: އައްޑޫގައި ޕޭސްޓްރީގެ ރަހަ ހެޔޮވަރުކޮށްދީފި

މީގެ 12 އަހަރު ކުރިން ޕާނާއި ބަނަސް ފިހުމުގެ ވިޔަފާރިއެއް ފެށީ އެތަކެތި އައްޑޫގައި ލިބުމުގެ ދަތިކަމުންނެވެ. ކުޑަ ވިޔަފާރިއެއްގެ ގޮތުގައި އަބްދުﷲ ސައީދު ފެށި މި މަސައްކަތް މިއަދު މިވަނީ މުޅީން އާ ހަރުފަތަކާއި ހިސާބަށް ގެންގޮސްފަ އެވެ. އެ ވިޔަފާރިއަކީ މިއަދު އައްޑޫގައި ހުޅުވިފައިވާ ހަމައެކަނި ޕޭސްޓްރީ އައުޓްލެޓް "ނިއޯން ބޭކަރީ" އެވެ.

ޖުމްލަ ހަތް މުވައްޒަފުންނާއެކު ހިންގަމުން އަންނަ މި ބޭކަރީގައި ޕޭސްޓްރީގެ ތަފާތު އެކި ވައްތަރުތަކާއި، ސޭންޑްވިޗް ފަދަ ތަކެއްޗާއި، ބިސްކަޓް ފަޖްއާއި އެކި ވައްތަރުތަކުގެ ކޭކުތަކާއި، އާންމުކޮށް ދިވެހިން ކައިއުޅޭ ހެދިކާގެ ހުރިހާ ވައްތަރުތަކެއް ނަން ހުސްކޮށް އެބަ ހުއްޓެވެ. އަދި މީގެ އިތުރުން ކޮންމެ ދުވަހަކުވެސް އެހާމެ ތާޒާ ޕާނާއި އެކި ވައްތަރުތަކުގެ ބަނަސްވެސް ތައްޔާރުކޮށް ވިއްކަ އެވެ.

ސ. ހިތަދޫގައި ހިންގާ ނިއޯން ބޭކަރީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އައުޓްލެޓެއްގެ ގޮތުގައި ނިއޯން ބޭކަރީ ހުޅުވީ 2018 ގައެވެ. އައުޓްލެޓް ހިންގުމުގެ އަމަލީ މަސައްކަތް ކުރާ، އަބްދުﷲ ސައީދުގެ ކޮއްކޮ އަހުމަދު ސައީދު ބުނި ގޮތުގައި މި މަސައްކަތް ފެށީއިރު އެންމެ ބޮޑު ސަމާލުކަމެއް ދިނީ ކަސްޓަމަރުންނަށް ކަމުދާނެ ރަހަތަކެއް ނެރެވޭތޯ އެވެ. މި ބޭކަރީގެ އުފެއްދުންތައް ތައްޔާރު ކުރަނީ، ތަޖުރިބާކާރު ދިވެހި ޝެފުންގެ އިތުރަށް ބިދޭސީ ޝެފުން އެވެ.

އެކި ދުވަސްވަރަށް ނިއޯން ބޭކަރީގައި ލިބެން ހުންނަ އައިޓަމްތަކުގެ ވެރައިޓީ ބަދަލުކުރަމުން އަންނައިރު، ކަސްޓަމަރުންނަށް އެންމެ ކަމުދާ އެކައްޗަކީ ނިއޯންގެ ޗީޒްކޭކުތަކެވެ.

ސ. ހިތަދޫގައި ހިންގާ ނިއޯން ބޭކަރީ ވެރިޔާ ސަންއަށް މައުލޫމާތު ދެއްވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މި އައުޓްލެޓުގެ ޕްރޮޑަކްޓްތައް އައްޑޫގެ ގުޅިފައިވާ ހުރިހާ ރަށްތަކާއި ހުޅުމީދޫ އަދި ފުވައްމުލަކުގައިވެސް ލިބެން ހުންނައިރު، މަސައްކަތަށް ދިމާވާ އެންމެ ބޮޑު ދަތިކަމަކީ ބޭނުންވާ ތަކެތި ފަސޭހައިން ލިބެން ނުހުރުމެވެ.

"އަޅުގަނޑުމެންނަށް މި އެއްޗެހި ހަދަން ބޭނުންވާ އިންގްރިޑިއަންޓްސް ލިބޭކަށް ނުހުރޭ. ބައެއްފަހަރު މާލެއިން ބޯޓުތަކުގައި އެއްޗެހި ގެންނައިރު މޫސުން ގޯސްވެއްޖިއްޔާ ވަރަށް އުނދަގޫވޭ" ސައީދު ބުންޏެވެ.

ސ. ހިތަދޫގައި ހިންގާ ނިއޯން ބޭކަރީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކެއްކުމާއި ޕޭސްޓްރީ ހެދުމަކީ ފަހަކަށް އައިސް ގިނަ ޒުވާނުންގެ މެދުގައި މަގުބޫލުވެގެން އަންނަ މަސައްކަތެކެވެ. ޕެޓިސެރީ ކޯސްތައް ހަދައިގެން އުޅޭ ދިވެހީން ބައިވަރެވެ. އެހެން ނަމަވެސް ސައީދު ބުނި ގޮތުގައި ވަޒީފާއަށް ދިވެހީން ހޯދުމަކީ އުނދަގޫ ކަމެކެވެ. އަދި ކައިރި ރިސޯޓުތަކުންވެސް ދިވެހީން ހޯދާ ކަމަށާއި ނަމަވެސް އެމީހުންނަށްވެސް އެކަން ނުވާކަމަށް ސައީދު ބުންޏެވެ. މިއީ މި ކުޑަކުޑަ ބޭކަރީ ވިޔަފާރިއަށް އޮތް އެންމެ ބޮޑު ގޮންޖެހުމެވެ.

އެކަމަކު ނިއޯން ބޭކަރީގެ މީރު ރަހަތަކަށް ނިމުމެއް ނެތެވެ. އެ ބޭކަރީގެ މީރު ރަހަތަކުން އައްޑޫގެ ގޭބިސީތަކުގެ ސުފުރާތައް ދާނީ ފަޅުފިލުވަމުން އެވެ.

comment ކޮމެންޓް