ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް މޮބައިލް ތެރެޕިސްޓުންގެ އެހީ ފޯރުކޮށްދެނީ

އެޑިއުކޭޝަން މިނިސްޓަރު ޑރ އައިޝަތު ވާހަކަދައްކަވަނީ-- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ދޭން ޖެހޭ ތެރެޕީތައް ދިނުމަށް މޮބައިލް ތެރެޕިސްޓް ޓީމެއް މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދޭން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ސިޔާސަތުތަކާ ބެހޭގޮތުން މައުލޫމާތު ދިނުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ބޭނުންވާ ތެރަޕިސްޓުންގެ އެހީ ހޯދުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މިނިސްޓްރީގެ އަމާޒަކީ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ބޭނުންވާ ތެރަޕީތައް އެ ސްކޫލްތަކުގައި ދެވޭނެގޮތް ހެދުން ކަމަށެވެ.

" އެގޮތުން ފުރަތަމަ އަޅުގަނޑު ގެންނަން މި އުޅެނީ ތިން ވައްތަރެއްގެ ތެރަޕިސްޓުން، އެއީ ސްޕީޗް ތެރަޕިސްޓުން، އޮކިއުޕޭޝަނަލް ތެރަޕިސްޓުންނާއި ބިހޭވިއާ ތެރެޕިސްޓުން. ތިން މީހަކު ހޯދުމުގެ މަސައްކަތް މިހާރު ކުރިއަށް އެބަދޭ.

މިނިސްޓަރު ވިދާޅުވީ ތެރެޕިސްޓުންގެ ޓީމު އެކުލަވާލުން އެ ޓީމް މޯބައިލް ޓީމެއްގެ ގޮތުގައި ހަރަކާތްތެރިވާނެ ކަަމށެވެ. އަދި އިތުރު ތެރަޕިސްޓުން ހޯދުމުގެ މަސައްކަތް ހެލްތު މިނިސްޓްރީއާއި ޖެންޑާ މިނިސްޓްރީއާ ގުޅިގެން މިހާރު ކުރިއަށް ދާ ކަމަށެވެ.

"އެ އިރެއްގައި ރާއްޖޭގެ ކަންކޮޅުތަކުން އެންމެ ބޭނުން އޮތް ދިމާލަކަށް އަޅުގަނޑުމެން މި ޓީމް ފޮނުވައިގެން އެ ތެރެޕީގެ ދިނުމުގެ މަސައްކަތް ކުރިއަށް ގެންދާނީ." މިނިސްޓަރު ވިދާޅުވި އެވެ.

ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ 24 އިންކްލޫސިވް އެޑިއުކޭޝަން ކޯޗުންވެސް ދާދި ފަހުން ތަމްރީންކޮށްފައެވެ. އެ ކޯޗުން މިހާރުވެސް ދަނީ އެ އިރެއްގައި ރާއްޖޭގައި އެންމެ ބޭނުންތެރި ހިސާބުތަަކަށް ގޮސް ޓީޗަރުންނާއި ބެލެނިވެރިންނާއި އަދި ދަރިވަރުންނަށް ޕްރޮގްރާމްތައް ހިންގަމުންނެވެ.

comment ކޮމެންޓް