ހަނިމާދޫއާއި ކޮޗިންއާ ދެމެދު ސީދާ ދަތުރުތައް ފަށަން މޯލްޑިވިއަންއިން ތައްޔާރުވެއްޖެއެވެ.
މޯލްޑިވިއަންއިން ބުނީ ހަނިމާދޫއިން ކޮޗިންއަށް ސީދާ ދަތުރުތައް ފެށުމަށް ވާންޖެހޭ ފަހުގެ ތައްޔާރީތައް ވަމުންދާ ކަމަށެވެ. ކުރިއަށް އޮތް މަހެއްހައި ދުވަސްތެރޭ މި ދަތުރުތަކުގެ ޝެޑިއުލް އިއުލާނު ކުރެވޭނެ ކަމަށްވެސް މޯލްޑިވިއަންއިން ބުންޏެވެ.
މިއީ ބޭސްފަރުވާއަށް ދާ މީހުންނަށާއި އިންޑިއާގެ ފަތުރުވެރިންނަށް ރާއްޖެ އައުމުގެ ފަސޭހަ ފުުރުސަތުތައް ފަހިކޮށްދިނުމުގެ މަގުސަދުގައި ބާއްވާ ފްލައިޓުތަކެއް ކަމަށްވެސް މޯލްޑިވިއަންއިން ބުންޏެވެ.
އެ އެއާލައިނުން ދަނީ ބައިނަލްއަގުވާމީ އިތުރު މަންޒިލުތަކަށްވެސް ދަތުރުތައް ފެށުމަށް ތައްޔާރުވަމުންނެވެ. އެގޮތުން އިންޑިއާގެ އިތުރު ސިޓީތަކަށާއި ލަންކާގެ ކޮލަމްބޯ އަށްވެސް މޯލްޑިވިއަންގެ ދަތުރުތައް ފެށުމަށް ތައްޔާރުވަމުންދާކަމަށް އެ އެއާލައިނުން ބުންޏެވެ.
މޯލްޑިވިއަންއިން މިހާރު ހަނިމާދޫއާއި ޓްރެވިންޑްރަމްއާ ދެމެދު ހަފްތާއަކު ދެ ފްލައިޓު ބާއްވައެވެ.