ޑީއާރްޕީގެ ލީޑަރަކަށް ޖާބިރު ހަމަޖައްސައިފި

ޖާބިރު ޑީއާރްޕީއަށް ސޮއިކުރެއްވުމަށްފަހު ފޯމް ހަވާލު ކުރަނީ ---

ދިވެހިރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) ގެ ލީޑަރު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ހަމަޖައްސައިފިއެވެ.

އެ ޕާޓީގެ ލީޑަރު ކަމަށް ޖާބިރު ހަމަޖެއްސީ މިރޭ ބޭއްވި އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުންނެވެ. އެކަން އެ ޕާޓީގެ ކުރީގެ ލީޑަރު މުހައްމަދު ނަޝީދު (ކާނަލް) ވަނީ 'ސަން' އަށް ކަށަވަރުކޮށްދެއްވައިފައެވެ.

ޖާބިރު މިރޭ 'ސަން' އަށް ވިދާޅުވީ މިހާރު ޑީއާރްޕީއަށް ސޮއިކޮށްފައިވާ ކަމަށާއި، ޕާޓީގެ ލީޑަރަކީ މިހާރު އޭނާ ކަމަށެވެ.

"އަޅުގަނޑު މިހާރު ޑީއާރްޕީއަށް ސޮއިކޮށްފިން. ޑީއާރްޕީގެ ލީޑަރަކީ މިހާރު އަބްދުﷲ ޖާބިރު،" ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ކުރިން 'ސަން' އަށް ވިދާޅުވީ ޑިއާރްޕީއަށް ސޮއިކުރަން ނިންމެވީ މަޖިލީހުގައި އަމިއްލަ މެމްބަރެއްގެ ގޮތުގައި އިނދެ މަސައްކަތް ކުރުމުގައި ދަތިތަކެއް ހުރުމުން ކަމަށެވެ.

އަދި އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި އެތައް ދުވަހެއް ވީއިރު އެ ޕާޓީއަށް ވަރަށް ބޮޑަށް އިންވެސްޓު ވެސް ކޮށްފައިވާނެ ކަމަށާއި ނަމަވެސް އެ ޕާޓީގެ ޕީޖީ ގްރޫޕުގައި ވެސް އޭނާ ހިމަނާފައި ނުވާތީ ޖާބިރު ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.

ޕާޓީގެ ލީޑަރު ކަމަށް ޖާބިރު ހަމަޖައްސައިފައި ވާއިރު، ޕާޓީގެ ރަޖިސްޓްރާ އަކަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ޕީޕީއެމް މެމްބަރު އަބްދުﷲ ރިފާއު (ބޮޗޭ)، އަދި ސްޕޯކްސް ޕާސަނަކަށް، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކުރީގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ވަނީ ހަމަޖައްސައިފައެވެ.

ކާނަލް ވިދާޅުވީ ކުރިއަށް އޮތް ތިން މަސް ތެރޭގައި ޕާޓީގެ ކޮންގްރެސް ބާއްވަން ނިންމައިފައިވާ ކަމަށާއި، މާދަމާ ޕާޓީގެ ހުރިހާ ލިޔެކިޔުންތަކެއް އިލްކްޝަންސް ކޮމިޝަނަށް ފޮނުވާނެ ކަމަށެވެ.

ޑީއާރްޕީ އުފެދިގެން އައީ 2005 ވަނަ އަހަރުގެ ޖުލައި 21 ވަނަ ދުވަހުއެވެ. ޑީއާރްޕީ އަކީ ރާއްޖޭގައި އުފެދުނު ދެވަނަ ސިޔާސީ ޕާޓީއެވެ. ޕާޓީގެ އެންމެ ފުރަތަމަ ލީޑަރަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމެވެ.

ގިނަ ޕާޓީތަކަށް ބައިވެރިވެވޭ ގޮތަށް 2009 ވަނަ އަހަރު ކުރިއަށް ގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެންމެ ގިނަ ގޮނޑި ކާމިޔާބު ކުރި ޕާޓީ އަކީ ވެސް ޑީއާރްޕީ އެވެ. އެއީ 28 ގޮނޑި އެވެ.

ނަމަވެސް މިހާރު ކުރިއަށްދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި މިއަދާ ޖެހެންދެން ޑިއާރްޕީ ތަމްސީލު ކުރާ އެއްވެސް މެމްބަރަކު ނެތެވެ. ޖާބިރު ވެގެންދާނީ މަޖިލީހުގައި ޑީއާރްޕީ ތަމްސީލު ކުރައްވާ ހަމައެކަނި މެމްބަރަށެވެ.

ޖާބިރު ވަނީ އޭނާ އާއެކު މަޖިލީހުގެ އެހެން ބައެއް މެމްބަރުން ވެސް ޑީއާރްޕީ އާ ގުޅޭނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެއީ ކޮން މެމްބަރުންނެއް ކަން ހާމަކޮށްފައެއް ނުވެއެވެ.

comment ކޮމެންޓް