ނޭމާއާ މެދު ޔަގީންކަން ނެތުމުން ޕީއެސްޖީގެ މިސްރާބު ޑިބާލާއަށް

ބްރެޒިލްގެ ފޯވާޑް ނޭމާ ޖޫނިއާ --- ފޮޓޯ/ޖޭމީ ސްމިތް

ޕީއެސްޖީއަށް ކުޅެމުން އަންނަ ބްރެޒިލްގެ ހުނަރުވެރި ފޯވާޑް ނޭމާ ޖޫނިއާ އެކުލަބުގައި މަޑު ކުރާނެ ކަމުގެ ޔަގީންކަން ނެތުމުން ޔުވެންޓަސްގެ ތަރި ޕައޮލޯ ޑިބާލާ ހޯދުމުގެ މަސައްކަތް ޕީއެސްޖީން ފަށައިފި އެވެ.

ޔޫރޮޕުގެ "ސަމާ ޓްރާންސްފާ" އެންމެ ހަލަބޮލިވެފައިވާ މި ދަނޑިވަޅުގައި ނަން މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް ކުލަބު ބަދަލު ކުރަން އުޅޭ ކަމުގެ ވާހަތައް ދަނީ ފެތުރެމުންނެވެ. އެގޮތުން ވެސް އެންމެ ގިނަ ދުވަސްތަކެއް ވަންދެން އެންމެ ގިނަ ބަޔަކު ދައްކަމުން އައި އެއް ވާހަކަ އަކީ ޕީއެސްޖީ ދޫކޮށް އެނބުރި ބާސެލޯނާއަށް އޭނާ ދާން ބޭނުންވާ ވާހަކަ އެވެ. މިކަމަށް ބާރު ލިބޭ ގިނަ ހެކިތަކަކާ އެކު ގިނަ ރިޕޯޓްތަކެއް ކޮންމެ ދުވަހަކު ވެސް ނޭމާއޭ ކިޔައިގެން އެކި އެކި ނޫސްތަކުން ފަތުރަ އެވެ.

ޔުވެންޓަސްގެ ޒުވާން ފޯވަޑް ޕައުލޯ ޑިބާލާ --- ފޮޓޯ/ އޭޕީ

ކަން މިހެން އޮތުމާ އެކު ޕީއެސްޖީއަށް ވެސް ވަނީ ނޭމާ އެކުލަބުގައި މަޑު ކުރާނެ ކަމުގެ ޔަގީންކަން ގެއްލިފަ އެވެ. ދީފައިވާ ތާރީހަށް ޕްރި ސީޒަނަށް ހާޒިރުނުވުމާ އެންމެ ފަހުން ދިން އިންޓަވިއުގައި ބާސެލޯނާ މޮޅުކޮށް ދެއްކި ވާހަކަތަކުން ޕީއެސްޖީއިން ވަނީ ނޭމާއާ ނުލައި އެ ކުލަބުގެ ސްކޮޑު އިތުރަށް ވަރުގަދަ ކުރުމަށް ޔުވެންޓަސްއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ފޯވާޑް ޕައޮލޯ ޑިބާލާ ހޯދުމުގެ މަސައްކަތް ފަށައިފަ އެވެ.

ކުރިސްޓިއާނޯ ރޮނާލްޑޯ ރެއާލް މެޑްރިޑް ދޫކޮށް ޔުވެންޓަސް އާ ގުޅުނު ހަމައިން ޑިބާލާއަށް ކުޅެން ލިބޭ ވަގުތު މަދުވުމުން އޭނަގެ މާޔޫސްކަން މިދިޔަ ސީޒަނުގައި ވަރަށް ބޮޑަށް ވަނީ ފެނިފަ އެވެ. ނަމަވެސް ލިބޭ ފުރުސަތުގެ ބޭނުން ހިފައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ޑިބާލާއަށް އަންނަ ސީޒަނުގައި ވެސް ފުރަތަމަ އެގާރައިން ޖާގަ ލިބުމުގެ ފުރުސަތު ކުޑަ އެވެ. އެހެން ކަމުން އޭނާ ވެސް އެ ކުލަބު ދޫކޮށްލަފާނެ ކަމަށް ބެލެވެ އެވެ.

ނަމަވެސް ބާސެލޯނާއިން ނޭމާ ގެންދިއުމަށް މިހާތަނަށް އެއްވެސް ހުށައެޅުމެއް ނާޅާ ކަމަށް ޕީއެސްޖީއިން ވަނީ ބުނެފަ އެވެ. އަނެއް ކޮޅުން އޭނާގެ ބައްޕަ ވެސް ވަނޫ ބާސެލޯނާއަށް ދާން އުޅޭ ކަމުގެ ވާހަކަ ދޮގުކޮށް އޭނާގެ ދަރިފުޅު ކުޅޭނީ ޕީއެސްޖީއަށް ކަމަށް ބުނެފަ އެވެ.

ޓްރާންސްފާ ސީޒަނުގައި އަދި ތިން ހަފްތާ ބާކީ އޮތް އިރު ކުރިއަށް އޮތް ދުވަސްތަކަކީ ކުލަބުތަކުގެ މެދުގައި ވިޔަފާރީގެ ގޮތުން ފޯރިހިފާލާނެ ދުވަސްވަރެކެވެ. ޔޫރޮޕުގެ ގިނަ ކުލަބުތައް މިހާރު ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ފަރިތަކުރުންތައް ފަށާފައިވާ އިރު އެ ޓީމުތައް އަންނަނީ ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރުކޮށް ޓުއާތައް ކުރަމުންނެވެ.

comment ކޮމެންޓް