އެލިއާގެ ބޯޓު އޮޕަރޭޓާސް ތަމްރީނު ޕްރޮގްރާމް ފަށައިފި

ބޯޓު އޮޕަރޭޓާސް ޓްރެއިނިންގް ޕްރޮގްރާމް ފެށުން -- ފޮޓޯ: އެލިއާ

އެލިއާ އިންވެސްޓްމަންޓްސް އާއި މޯލްޑިވްސް އިންސްޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ) ގުޅިގެން ކޮންމެ އަހަރަކު ކުރިއަށް ގެންދާ ބޯޓު އޮޕަރޭޓާސް ޓްރެއިނިންގް ޕްރޮގްރާމް މިއަދު ފަށައިފި އެވެ.

މި ތަމްރީނު ޕްރޮގްރާމް އިފްތިތާހުކޮށްފައި ވަނީ 2014 ވަނަ އަހަރު އެވެ. މިއަދު ފަށާފައި ވަނީ ބޯޓު އޮޕަރޭޓާސް ޓްރެއިނިންގް ޕްރޮގްރާމްގެ ހަ ވަނަ ޕްރޮގްރާމެވެ.

މިއަދު ފެށި ތަމްރީނު ޕްރޮގްރާމް ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ. މި ސެޝަންތަކުގައި ރިސޯޓްތަކުންނާއި ކަނޑު އުޅަނދުފަހަރު ގެންގުޅޭ ކުންފުނިތަކުގެ އިތުރުން ސަރުކާރުގެ ބައެއް އިދާރާތަކުން ވެސް ބައިވެރިވެ އެވެ.

އޭގެ އިތުރުން ޔަމަހާގެ އޯވަސީސް މާކެޓް ޑިވެލޮޕްމަންޓް އޮޕަރޭޝަންސް ގްރޫޕް މެނޭޖަރު، އުމިނޯ ޓޮމޮހީރޯ ވެސް މި ތަމްރީނު ސެޝަންތަކުގައި ބައިވެރިވުމަށްޓަކައި ރާއްޖެ ވަޑައިގެންފައިވާ ކަމަށް އެލިޔާ އިން މައުލޫމާތުދެ އެވެ.

ބޯޓު އޮޕަރޭޓާސް ޓްރެއިނިންގް ޕްރޮގްރާމަކީ ލޯންޗްތަކުގެ ކެޕްޓަނުންނާއި ފަޅުވެރިންނަށް އަމާޒު ކޮށްގެން ބާއްވާ ތަމްރީނު ސެޝަންތަކެކެވެ.

މި ޕްރޮގްރާމުގައި ބައިވެރީންނަށް ފަސްޓް އެއިޑާއި، ފަޔާ ފައިޓިންގެ އިތުރުން އައުޓްބޯޑް އިންޖީނާ ބެހޭ އާންމު މައުލުމާތުތަކާއި، ކަނޑުމަތީ ދިމާވެދާނެ ނުރައްކާތަކާއި ދިމާވާ ކުއްލި ހާލަތްތަކުގައި އަޅަން ޖެހޭ ސަލާމަތީ ފިޔަވަޅުތައް ކިޔާދޭނެ އެވެ.

އޭގެ އިތުރުން ތިމާވެށި ރައްކާތެރި ކުރުމަށް އެޅިދާނެ ފިޔަވަޅުތަކަށް ބައިވެރީން އަހަލުވެރި ކުރުވުމާ ދަތުރުފަތުރު ކުރުމުގައި ތިމާވެއްޓަށް ގެންލުން ނުވާގޮތަށް އަމަލުތައް ބެހެއްޓުމަށް އިލްތިމާޒް ކުރާނެ އެވެ.

އެލިއާއިން ޔަމަހާ އައުޓްބޯޑް އިންޖީނު ރާއްޖޭގައި ވިއްކާތާ މިއީ 45 ވަނަ އަހަރެވެ. އަދި އެލިއާގެ އަމާޒަކީ ޔަމަހާގެ މޮޅު އުފެއްދުންތަކުން ދިވެހީގެ ދިރިއުޅުން އިތުރަށް ފަސޭހަ ކޮށްދިނުން ކަމަށް އެ ކުންފުނިން ބުނެއެވެ.

comment ކޮމެންޓް