ނަވާޒް ޝަރީފްގެ މައްޗަށް ހުކުމް ކުރި ފަނޑިޔާރު މަގާމުން ވަކިކޮށްފި

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފް ގެންދަވަނީ ހަތް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން -- ފޮޓޯ: ރޮއިޓާސް

އިސްލާމްއާބާދު (ޖުލައި 13): ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފްގެ މައްޗަށް ހަތް އަހަރުގެ ޖަލު ހުކުމް ކުރެއްވި ފަނޑިޔާރު އަރުޝަދު މާލިކް މަގާމުން ވަކިކޮށްފިއެވެ.

ފަނޑިޔާރު މާލިކް މަގާމުން ވަކިކުރިކަން ޕާކިސްތާނުގެ ގާނޫނުތަކާ ބެހޭ މިނިސްޓްރީން އެންގީ، އޭނާ ޝަރީފްގެ މައްޗަށް ހުކުމް ކުރެއްވީ ބަޔަކު ބްލެކްމެއިލް ކުރުމުގެ ސަބަބުން ކަމަށް ނަވާޒް ޝަރީފްގެ ދަރިކަނބަލުން މަރިޔަމް ނަވާޒް ތުހުމަތު ކުރެއްވި ފަހުންންވެ.

ޕާކިސްތާން މުސްލިމް ލީގު-ނަވާޒް (ޕީއެމްއެލް-އެން) ޕާޓީގެ ނައިބު ރައީސް އަދި ޝަރީފްގެ ދަރިކަނބަލުން ވަނީ މިދިޔަ ހަފްތާގައި ފަނޑިޔާރު މާލިކް ފެންނަ ކަމަށް ބުނާ ވީޑިއޯއެއް ދައްކާފައެވެ. އަދި އެވީޑިއޯގައި ފަނޑިޔާރު ވިދާޅުވާ ގޮތުގައި އޭނާ އެ ހުކުމް ކުރެއްވީ، އޭނާގެ ވީޑިއޯތަކެއް ބަޔަކު ލީކުކޮށްލަފާނެ ކަމުގެ އިންޒާރު ދިނުމުންނެވެ.

ނަމަވެސް މާލިކް ވަނީ އެ ތުހުމަތުތައް ދޮގު ކުރައްވާފައެވެ. އަދި ޝަރީފްގެ މައްޗަށް މިދިޔަ ޑިސެމްބަރު މަހު ޖަލު ހުކުމް ކުރެއްވީ ކޮރަޕްޝަނުގެ އަމަލުތައް ހިންގިކަން ސާބިތުވާ ވަރަށް ހެކި ހުރުމުން ކަމަށް ވިދާޅުވިއެވެ.

ސިއްރުން ނަގާފައިވާ އެ ވީޑިއޯ އާންމުކުރި ފަހުން އިސްލާމްއާބާދު ހައި ކޯޓު (އައިއެޗްސީ)އިން ވަނީ މާލިކް މަގާމުން ވަކި ކުރުމަށް ފަހު، އެމައްސަލައިގެ ތަހުގީގެއް ކުރިއަށްގެންދާނެ ކަމަށް ބުނެފަ އެވެ.

މާލިކް މަގާމުން ދުރުކުރުމާ ގުޅިގެން ޕީއެމްއެލް-އެން އިން ވަނީ 69 އަހަރުގެ ޝަރީފް ޖަލުން ދޫކޮށްލުމަށް ގޮވާލަން ފަށާފަ އެވެ.

ޝަރީފް ހަތް އަހަރަށް ޖަލަށް ލާން ހުކުމް ކުރީ ސައުދީ އަރަބިއާގައި ހުންނަ ދަގަނޑު ކާރުހާނާއެއް ގަތުމަށް ފައިސާ ހޯއްދެވި ގޮތެއް ކޯޓުގައި ހާމަނުކުރެވުމުންނެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރުކަން ތިން ފަހަރަށް ކުރައްވާފައިވާ ޝަރީފް 2017 ވަނަ އަހަރު މަގާމުން ދުރުކުރީ މާލީ މުއާމަލާތްތަކާ ބެހޭ ގޮތުން އިތުރުފުޅު ހެއްދެވި ކަމަށް ބުނެ ސުޕްރީމް ކޯޓުންނެވެ.

comment ކޮމެންޓް