އެތެރޭގެ އުދުހުންތަކުގެ އަގުހެޔޮ ކުރުމުން ފައިދާވީ އިތުރު: މޯލްޑިވިއަން

މޯލްޑިވިއަން ފްލައިޓެއް: އެތެރޭގެ އުދުހުންތަކުގެ އަގުހެޔޮ ކުރުމުންވެސް ވީ ފައިދާ -- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ގައުމީ އެއާލަން، މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނުން އެތެރޭގެ އުދުހުންތަކުގެ އަގުތައް ހެޔޮކުރުމުންވެސް ވީ ފައިދާ ކަަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ ވިދާޅުވި އެވެ.

އެތެރޭގެ އުދުހުންތަކުގެ އަގުތައް ކުޑަ ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ. އެގޮތުން ޓިކެޓްތަކުގެ އަގު މިދިޔަ ޖެނުއަރީ މަހު 25-30 ޕަސަންޓާ ދެމެދުގެ އަދަދަކަށް އަގު ހެޔޮކުރި އެވެ.

ރައްޔިތުންގެ މަޖިލީހުގައި ސްޓޭޓް އޯން އެންޓާޕްރައިޒް ކޮމިޓީގައި މާފަންނު މެދު ދާއިރާ މެމްބަރު މުހައްމަދު ރަޝީދު (ބޮންޑާ) ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އައިއޭއެސްގެ އެމްޑީ ރިޒްވީ ވިދާޅުވީ، މިއަހަރު އެންމެ ބޮޑު ގުރުބާނީއެއް ކުންފުނިން ވީ އެތެރޭގެ އުދުހުންތަކުގެ އަގުތައް މުތޯލިޔާ ކުރުމަށާއި އަގު ކުޑަ ކުރުމަށް ކަމަށެވެ. މިއަހަރުގެ ކުރީކޮޅު ޓިކެޓުގެ އަގު ހެޔޮކުރި އިރު، މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގައި ކުންފުނީގެ ފައިދާ އިތުރުވިކަމަށް ރިޒްވީ ވިދާޅުވިއެވެ.

https://sun.mv/113544

"މިިދިޔަ އަހަރު ވަރަށް ބޮޑުތަނުން ފިއުލް ހުރީ ބޮޑުވެފައި. އެކަންތައް އެހެން އޮވެފައި ޓިކެޓް އަގުވެސް ވަނީ ކުޑަ ކުރެވިފައި. ކުންފުނީގެ މިދިޔަ އަހަރުގެ ފުރަތަމަ ހަ މަހާއި މިއަހަރުގެ ފުރަތަމަ ހަ މަހާ އަޅާ ބަލާއިރު އަދިވެސް އަޅުގަނޑުމެން މިއުޅެނީ ބޮޑުތަނުން ޕްރޮފިޓްގައި،" ރިޒްވީ ވިދާޅުވި އެވެ.

ނަމަވެސް އެއީ ކިހާ އަދަދެއްގެ ކުރިއެރުމެއް ކަމެއް ރިޒްވީ ވިދާޅެއް ނުވެ އެވެ.

މިއަދު ކޮމިޓީގައި ރިޒްވީ ވާހަކަ ދައްކަވަނީ: ވޭތުވެދިޔަ ހަ މަސް ދުވަހު ކުންފުންޏަށް ފައިދާ ވި ކަމަށް ވިދާޅުވި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރިޒްވީ ވިދާޅުވީ، މިދިޔަ އަހަރަށްވުރެ މިއަހަރު ތެޔޮގެ އަގު ބޮޑު ކަމަށާއި ނަމަވެސް އަދިވެސް ދެމެހެއްޓެނިވި ގޮތެއްގައި ފައިދާއާ އެކު ކުންފުނި ހިންގަމުންދާ ކަމަށެވެ.

ރިޒްވީ ވިދާޅުވީ، ޕައިލެޓުންގެ ޕޮލިސީތަކަށް ވެސް ބަދަލެއް މިހާރު ގެނެސްފައިވާ ކަމަށެވެ. އެގޮތުން ޓްރެއިން ކޮށްގެން އަންނަ ޕައިލެޓުން މިހާރު ކުންފުންޏަށް އެއްވެސް ފައިސާއެއް ދައްކާކަށް ނުޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޕައިލެޓުން ބޮޑެތި ހަރަދުތަކެއްކޮށް ކިޔަވާފައި އައިސް ކުންފުންޏަށް ކުރިން ވައްދަން ޖެހެނީ ފައިސާ ތަކެއް ދީފައި. މިހާރު ކުންފުންޏަށް ޕައިލެޓް ވަންނަ ލާރި ދައްކާކަށް ނުޖެހޭނެ. ދާ ޓްރެއިންގެ ހަރަދެއް ކުންފުނިން ނުކަނޑާނެ. މިހުރިހާ ކަމަކީ ނޭޝަނަލް އިންޓްރަސްޓްގައި މީހުން ޑިވަލޮޕް ކުރުމުގައި ފެށި ޕްރޮގްރާމެއް،" ރިޒްވީ ވިދާޅުވި އެވެ.

ކޮމިޓީގެ ބައްދަލުވުމުގައި އައިއައިއޭގެ އެމްޑީ ރިޒްވީ ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ/ ފާޔާޒު މޫސާ

މި ސަރުކާރު އައިއިރު 1،188 މުވައްޒަފުން މަސައްކަތް ކުރާއިރު އޭގެ ތެރެއިން 90 ޕަސެންޓަކީ ދިވެހިން ކަމަށް ރިޒްވީ ވިދާޅުވިއެވެ. މިހާރު އެ ކުންފުނީގައި 1،247 މުވައްޒަފުން ތިބޭނެ ކަމަށް ރިޒްވީ ވިދާޅުވި އެވެ.

ކުންފުނީގެ ކޭޝްފްލޯ 2017 އިން ފެށިގެން ދަށް ވެފައިވާ ކަމަށާއި މިއަހަރުގެ ބަޖެޓް ފާސްކުރި އިރު އެކަމަށް ރިއާޔަތް ކުރި ކަމަށް ރިޒްވީ ވިދާޅުވި އެވެ. އަދި، ކުންފުންޏަށް ލިބެންޖެހޭ އާމްދަނީ 400 އެއްހާ މިލިއަން ރުފިޔާގައި ހުރިއިރު، ދައްކަން ޖެހޭ ލޯންގެ އަދަދު 350 އެއްހާ މިލިއަނަށް އަރާ ކަމަށެވެ.

"ރިސީވަބަލް ޕޭމަންޓްސް މިއުޅެނީ 2012 އިން ފެށިގެން އެކިއުމިލޭޓް ވެފަ ހުރި އެއްޗިސް. ވޭތުވެދިޔަ ހަތް މަހު ނުވަތަ ހަ މަހުން އައިސްގެން އުޅޭ ޕޭމަންޓްސްތަކެއް ނޫން.،" ރިޒްވީ ވިދާޅުވި އެވެ.

ރިޒްވީ ވިދާޅުވީ 2013 އިން ފެށީގެން ކުންފުނި އެޑިޓް ކޮށްފައި ނުވާ ކަމަށާއި މިހާރު އެކަން ކަމާ ބެހޭ ފަރާތްތަކުގެ ސަލާމުކަމަށް ގެންސްފައިވާނެ ކަމަށެވެ.

މިދިޔަ 2016 ވަނަ އަހަރާއި 2017 ވަނަ އަހަރު ތެރޭ ކުންފުނިން އެންމެ ބޮޑު އިންވެސްޓެއް ކުރީ މަތިންދާ ބޯޓަށް ކަމަށް ރިޒްވީ ވިދާޅުވިއެވެ. އެގޮތުން މިހާރު ކުންފުނީގައި 23 މަތިންދާބޯޓެއް ގެންގުޅޭ އިރު، އޭގެ ތެރެއިން ޑޮމެސްޓިކަށް ބޭނުންކުރަނީ 10 ބޯޓް ކަމަށް ރިޒްވީ ވިދާޅިވިއެވެ. އޭގެ ތެރެއިން އަށް މަތިންދާބޯޓަކީ ކުންފުނީގެ އަމިއްލަ މަތިންދާ ބޯޓެވެ. ސީޕްލޭންގެ ގޮތުގައި 11 ބޯޓު ބޭނުން ކުރަމުން އަންނަ އިރު، ހަ ބޯޓަކީ ކުންފުނީގެ އަމިއްލަ ބޯޓު ކަމަށް ވެސް ރިޒްވީ ވިދާޅުވި އެވެ.

ރިޒްވީ ވިދާޅުވީ، ކުންފުނީ މުވައްޒިފުންގެ ކަންކަން ހަރުދަނާ ކުރުމަށް ވެތުވެދިޔަ އަހަރުތަކުގައި އިސްކަން ދީފައި ނުވާ ކަމަށެވެ. ނަމަވެސް މިހާރު އާ މެނޭޖްމަންޓުން މުވައްޒިފުންގެ ކަން ކަން ހަރުދަނާ ކުރުމަށް އިސްކަން ދެއްވާ ކަން ފާހަގަ ކުރެއްވި އެވެ. އެގޮތުން މުވައްޒަފުން މަސައްކަތް ކުރާނެ ރަނގަޅު މާހައުލެއް ގާއިމްކުރުމަށް މިހާރުވެސް މަސައްކަތް ކުރަމުންދާ ކަމަށް ރިޒްވީ ވިދާޅުވި އެވެ.

މިއަދު ކޮމިޓީގައި މުވައްޒިފުންގެ މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލާ ގުޅިގެންވެސް ރިޒްވީ ވާހަކަ ދެއްކެވި އެވެ.

comment ކޮމެންޓް