މޯލްޑިވިއަންގެ އަގުތައް 25-30 ޕަސެންޓަށް ހެޔޮކޮށްފި

ގައުމީ އެއާލައިން މޯލްޑިވިއަންގެ އެތެރޭގެ އުދުހުންތައްކުގެ އަގުތައް 25-30 ޕަސަންޓާ ދެމެދުގެ އަދަދަކަށް އަގު ހެޔޮކޮށްފި އެވެ.

އަގުތަކަށް ބަދަލު ގެނައުމަށް ނިންމައިފައިވާ ކަން މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ ވަނީ "ސަން" އަށް ކަށަވަރު ކޮށްދެއްވައިފަ އެވެ.

ރިޒްވީ ވިދަޅުވީ، ރައީސް އޮފީހާ އެކު މަޝްވަރާ ކުރުމަށް ފަހު، މިއަދު އެ ކުންފުނީގެ އެއާލައިން މޯލްޑިވިއަންގެ އަގުތައް 25-30 ޕަސަންޓާ ދެމެދުގެ އަދަދަކަށް ކުޑަ ކުރެވިފައިވާ ކަމަށެވެ.

"ކުރީގައި އެންމެ ދުރަށް ދަތުރުކުރެވޭ އައްޑޫ ސިޓީ ގަމުގެ ރިޓާން ޓިކެޓެއްގެ އަގު އުޅޭނީ 3،500 ރުފިޔާ އަށް. ނަމަވެސް މިހާރު ގެނެވުނު ބަދަލުތަކާ އެކު އެންމެ ބޮޑު ފެއާގައި އުޅޭނީ 2665 ރުފިޔާ އަށް،" އަގުތައް ކުޑަވެފައި ހުރި މިންވަރު ހާމަ ކުރައްވާ ރިޒްވީ ވިދާޅުވި އެވެ.

ގައުމީ އެއާލައިން އިން އެތެރޭގެ އުދުހުންތަކުގެ ކުޑަކޮށްފައިވާ ޓިކެޓްގެ އަގުތައް (އަގުކުރެވިފައި އެވަނީ ދެކޮޅު ޓިކެޓްގެ ފެއާތައް)

ރިޒްވީ ވިދާޅުވީ، ކުންފުނީގެ އަމާޒަކީ، މުޅި އަހަރު އެކޮށް އެންމެ ކުޑަ ފެއާގައި ޓިކެޓްގެ އަގު ހެފެހެއްޓުން ކަމަށާއި މުސްތަގުބަލްގައި އިތުރު ޕްރޮމޯޝަނަލް ފެއާތައް ވެސް ތައާރަފް ކުރެވޭނެ ކަމަށެވެ.

"ޑިޖިޓަލްކޮށް، އޮންލައިން ޕްރޮމޯޝަނަލް ފެއާތައް ކުރިއަށް އޮތްތާ ތައާރަފް ކުރާނަން. [އަމާޒަކީ] ޝެޑިއުލް އެއްގޮތަކަށް ހިފަހައްޓާ، އެންމެ ބޮޑު ކަމަކަށް ވާނީ ކުންފުނިން ދޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުން،" ސަރުކާރު ބަދަލުވުމަށް ފަހު މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަކަރުކަމާ ހަވާލުވި، ރިޒވީ ކުންފުންނާ މެދު ކުރެވޭ ކުޑަ ތައްސައްވަރެއް ހިއްސާ ކުރަމުން ވިދާޅުވި އެވެ.

ރިޒްވީ ވިދާޅުވީ ކުޑަ ކުރެވުނު އަގުތަކަށް އަމަލު ކުރަން ފަށާނީ މިމަހު 10 ދުވަހުން ފެށިގެން ކަމަށެވެ.

"އަޅުގަނޑުމެން ގެންގުޅެނީ އިންޓަނޭޝަނަލް ސިސްޓަމްތަކަކަށް ވުމުން، އަގުތައް އަޕްގްރޭޑް ކުރުމަށް ދެހަފްތާ ވަރު ނަގާނެ. މިމަހު 10 އަކުން ފެށިގެން ޓިކެޓް ވިއްކަމުންދާނީ މި އަގުތަކަށް،" ރިޒްވީ ވިދާޅުވި އެވެ.

އެތެރޭގެ އުދުހުންތަކުގެ އަގު ކުޑަ ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ.

comment ކޮމެންޓް