ފޯކައިދޫއިން މާޒިޔާއަށް އެއްވެސް ދުލެއް ނުދިން

މާޒިޔާއާއި ފޯކައިދޫ ބައްދަލު ކުރި މެޗުގެ ތެރެއިން --- ފޮޓޯ/ދިވެހި ޕްރިމިއާ ލީގު

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން ވަރުގަދަ މާޒިޔާ މޮޅުވިޔަ ނުދީ ފޯކައިދޫއިން ހިފަހައްޓައިފި އެވެ.

މި ސީޒަނަށް އެންމެ ރަނގަޅަށް ތައްޔާރުވި ޓީމު ކަމަށްވާ މާޒިޔާއާއި ށ. ފޯކައިދޫ ރޭ ބައްދަލު ކުރި މެޗު ނިމުނީ އެއްވެސް ޓީމަކަށް ގޯލު ނުޖެހި އެއްވަރުވެގެންނެވެ. މި މެޗަކީ މި ސީޒަނުގައި އެންމެ ގިނަ ބަޔަކު ހީކުރި ގޮތާ ދެކޮޅަށް ކަން ހިނގައި ދިޔަ މެޗެވެ.

މާޒިޔާއިން ރޭގެ މެޗަށް ނުކުތީ އެންމެ ވަރުގަދަ ސްކޮޑާ އެކު އެވެ. އެ ޓީމުން އޭގެ ކުރީ މެޗުގައި ނިލަންދޫ ކޮޅަށް 13 ގޯލު ޖަހައި ރެކޯޑް ހެދި އިރު ޓީމުގައި ތިބި ކުޅުންތެރިން ހިމަނައިގެން ރޭގެ މެޗަށް ނުކުތް ނަމަވެސް ފޯކައިދޫގެ ޓީމުން މާޒިޔާގެ ފޯވާޑުން ހިފެހެއްޓުމުގައި ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.

މާޒިޔާއާއި ފޯކައިދޫ ބައްދަލު ކުރި މެޗުގެ ތެރެއިން --- ފޮޓޯ/ދިވެހި ޕްރިމިއާ ލީގު

ށ. ފޯކައިދޫއިން ރޭގެ މެޗަށް ނުކުތީ މާ ބޮޑު ޕްރެޝަރެއް ނެތި އެވެ. އެ ޓީމުގެ ކޯޗު އަލީ ނިސްތާރު މުހައްމަދު މެޗަށް ނުކުތުމުގެ ކުރިން ވެސް ބުނީ މި މެޗުގައި ފޯކައިދޫގެ ފަރާތުން ބޮޑު ރިޒަލްޓެއް ނެރޭނެ ކަމަަށް އެއްވެސް ބަޔަކު ނުދެކޭ ކަމަށާއި އެހެން ކަމުން މާޒިޔާއަށް ބޮޑު ޕްރެޝަރެއް އޮންނާނެ ކަމަށެވެ.

އަދި މާޒިޔާގެ ޕްރެޝަރުގެ ފައިދާ ނަގާނެ ކަމަށް ވެސް އޭރު ފޯކައިދޫގެ ކޯޗު ވަނީ ބުނެފަ އެވެ. ކަން ވީ ވެސް އެހެންނެވެ. މާޒިޔާއިން ފުރަތަމަ ދެ މެޗުގައި ދެއްކި ކުޅުމާއި ނެރުނު ނަތީޖާއާ އެކު ގިނަ ބަޔަކު އެ ޓީމާ ދޭތެރޭ ތިބީ ބޮޑެތި އުންމީދުތަކެއް ކޮށްގެންނެވެ. ލަނޑެއް ނުޖެހި ގިނައިރު ވަމުން ދިޔަ ވަރަކަށް މާޒިޔާއަށް އޮތް ޕްރެޝަރު އިތުރުވެ ފޯކައިދޫއަށް އެކަމުގެ ފައިދާ ލިބުނެވެ.

މާޒިޔާއިން މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅުނު ނަމަވެސް ފޯކައިދޫއިން ވަނީ ޓީމު ފަހަތުގައި މަޑުކޮށްގެން ތިބެ މާޒިޔާގެ ގޭމް ޕްލޭން ރޫޅާލުމަށް މަސައްކަތް ކޮށްފަ އެވެ. އަދި އެ ޓީމުން ވަނީ ލިބުނު ބައެއް ކައުންޓާ އެޓޭކު ތަކުގައި މާޒިޔާގެ ގޯލަށް ވެސް ނުރައްކާ ކޮށްފަ އެވެ.

މާޒިޔާއިން ކުރިއަށް އޮތް މެޗުގައި ބައްދަލު ކުރަން ޖެހޭނީ ވޭތުވެ ދިޔަ ސީޒަނުގެ ޗެމްޕިއަން ޓީސީ ސްޕޯޓްސް ކުލަބާއެވެ. ނަމަވެސް ޓީސީއިން މިދިޔަ ސީޒަނުގެ ތަށި ހޯދި އިރު ޓީމުގެ ތިބި މުހިންމު ތިން ކުޅުންތެރީން މިފަހަރު ތިބީ މާޒިޔާގަ އެވެ.

comment ކޮމެންޓް