ޑެ ގްރާންޑޭގެ ރެކޯޑު ދެމެހެއްޓި އިރު ގްރީންސްޓްރީޓަށް ފުރަތަމަ ޕޮއިންޓް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި އިއްޔެ ހަވީރު، ޑެ ގްރާންޑޭއާއި ވިކްޓަރީ ބައްދަލު ކުރި މެޗުގެ ތެރެއިން --- ފޮޓޯ/ ދިވެހި ޕްރިމިއާ ލީގު

މިފަހަރުގެ ދިރާގު ދިވެހި ލީގުގައި މުޅިން އަލަށް ވާދަ ކުރާ ޑެ ގްރާންޑޭއިން އިއްޔެ ކުޅުނު މެޗު ވެސް ކާމިޔާބުކޮށް ސައްތައިން ސައްތަ ރެކޯޑަކާ އެކު ތާވަލުގެ އެއްވަނައިގައި ހަމަޖެހިލި އިރު، ގްރީންސްޓްރީޓާއި އީގަލްސް އެއްވަރު ވެއްޖެ އެވެ.

ވޭތުވެ ދިޔަ އަހަރުގެ ދެވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދައި މިއަހަރުގެ ފުރަތަމަ ޑިވިޝަނުން ޖާގަ ހޯދި ޑެ ގްރާންޑޭއިން އިއްޔެ ހަވީރު ކުޅުނު މެޗުގައި ވާދަ ކުރި ވިކްޓަރީ ބަލިކުރީ 0-4 ގެ ބޮޑު ނަތީޖާއަކުންނެވެ.

ލީގުގައި މިހާތަނަށް ކުޅުނު ތިން މެޗު ވެސް ކާމިޔާބުކޮށް ޑެ ގްރާންޑޭއިން ބޮޑު އުންމީދަކާ އެކު ސީޒަން ފެށި ނަމަވެސް އިއްޔެގެ މެޗުން ބަލިވި ވިކްޓަރީ ވަނީ ކުޅުނު ތިން މެޗުން ވެސް ބޮޑެތި ތަފާތު ނަތީޖާތަކަކުން ބަލިވެފަ އެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި އިއްޔެ ހަވީރު، ޑެ ގްރާންޑޭއާއި ވިކްޓަރީ ބައްދަލު ކުރި މެޗުގެ ތެރެއިން --- ފޮޓޯ/ ދިވެހި ޕްރިމިއާ ލީގު

ދެވަނަ ޑިވިޝަނުގެ ތަށި އުފުލާލި އިރު ޑެ ގްރާންޑޭ ސްޕޯޓްސް ކުލަބުގައި ތިބި ޒުވާން ގިނަ ކުޅުންތެރިންނާ އެކު އެ ޓީމު މި ސީޒަނާއި ކުރިމަތިލީ މާ ބޮޑު ތަޖުރިބާތަކެއް ލިބިގެނެއް ނޫނެވެ. ނަމަވެސް ލީގުގެ ތިން މެޗު ކުޅުނު އިރު ބޮޑެތި ހަރަދު ތަކެއް ކުރި ގްރީންސްޓްރީޓް އަދި ޓީސީ ފަދަ ޓީމުތަކުގެ ކުރީގައި ޑެ ގްރާންޑޭ އޮތުމަކީ އެ ޓީމުގެ ފެންވަރު އަންގައިދޭ ކަމެކެވެ.

އިއްޔެގެ މެޗުގައި ޑެ ގްރާންޑޭއިން ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކާފަ އެވެ. މެޗު ފެށިގެން ނިމެންދެން ވެސް ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ޑޮމިނޭޓުކޮށް ގިނަ ހަމަލާތަކެއް ޑެ ގްރާންޑޭއިން ވަނީ އުފައްދާފަ އެވެ. އެ މެޗުގައި އެ ޓީމަށް ގޯލުތައް ޖަހައިދިނީ އަހުމަދު ނިޒާމް (ނިޒާމްބެ) އާއި އޮބައިޑާ ކަދޫމެވެ. އޮބައިޑާ އެ މެޗުގައި ދެ ގޯލު ޖެހި އިރު އެ ޓީމުގެ ހަތަރު ވަނަ ގޯލަކީ ވިކްޓްރީގެ ހުސެއިން ޝިހުބާން އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

މީގެ އިތުރުން ލީގުގައި ރޭ ވަނީ ފޯރިގަދަ އިތުރު މެޗެެއް ކުޅެފަ އެވެ. ތަޖުރިބާކާރު ގިނަ ކުޅުންތެރިންތަކެއް ހިމެނޭ ގްރީންސްޓްރީޓާއި އީގަލްސް ބައްދަލު ކުރި އެ މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރު ވެގެންނެވެ.

އީގަލްސްއިން ލީގުގައި ކުޅުނު ފުރަތަމަ މެޗުން ވެސް ޓީސީ ގާތުން އެއްވަރުވި އިރު ގްރީން ސްޓްރީޓުން ކުޅުނު ފުރަތަމަ މެޗުން ވަނީ މާޒިޔާ އަތުން ބަލިވެފަ އެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ރޭ، ޑެ އީގަލްސްއާއި ގްރީންސްޓްރީޓު ބައްދަލު ކުރި މެޗުގެ ތެރެއިން --- ފޮޓޯ/ ދިވެހި ޕްރިމިއާ ލީގު

ރޭގެ މެޗުގައި ފުރަތަމައިން ގޯލު ޖަހައި ލީޑު ނެގީ އީގަލްސް އެވެ. އަހުމަދު ރިޒުވާން (ރިޒޭ) ޖެހި އެ ގޯލާ އެކު ގްރީންސްޓްރީޓުގެ ކުޅުން ރަނގަޅުކޮށް ހަމަލާތައް އުފައްދަން މަސައްކަތް ކުރި އެވެ. ގްރީންއަށް އެ މެޗުގައި ނަތީޖާ ހަމަހަމަ ކޮށްދިނީ މެޗު ނިމެން ސިކުންތު ކޮޅަކަށް ވެފައި ވަނިކޮށް އެ ޓީމުގެ ތަޖުރިބާކާރު ފޯވާޑް އަލީ އަޝްފާގު (ދަގަނޑޭ) އެވެ.

comment ކޮމެންޓް