މަގުމަތީގެ ޓެރަރިސްޓުން

މަގުމަތީގައި ބަޔަކު ދުއްވާފައި ދަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުޑަ ކުއްޖަކު ގެންގުޅޭ ކޮންމެ ބެލެނިވެރިޔަކަށް ވެސް އެނގޭނެ އެއް ކަމަކީ، ހަވީރު ގަޑީގައި ދަރިފުޅު ގޮވައިގެން ފިނި ބުރު ޖަހައިލާން، ސައިކަލު ދުއްވައިލާން ނުކުތުމަކީ ހަމަ ކޮންމެހެން މަޖުބޫރު ކަމެއްކަމެވެ. އެހެން ނޫނީ ދަރިފުޅު މައްސަލަ ޖައްސާނެއެވެ. ރޯނެއެވެ. ރުޅި ދައްކާނެއެވެ. ގޮވައިގެން ބޭރަށް ނުކުމެލައިގެން ނޫނީ ހަމަ އެއްގޮތަކަށް ވެސް މަސަލަހެއް ނުވާނެއެވެ. އެހެން ނޫނަސް، ކުދީން އަބަދަކު ގޭގެ ހަތަރު ފާރުގެ ތެރެޔަކު ނުގެންގުޅެވޭނެއެވެ. ބޭރުގެ މާހައުލަށް ނެރުމަކީ ކުއްޖެއްގެ ޖިސްމާނީ އަދި ނަފްސާނީ ހެދިބޮޑުވުމަށާއި ދުޅަހެޔޮކަމަށް ޓަކައި ކޮންމެހެން ބޭނުންތެރި ވެސް ކަމެކެވެ. އެހެންކަމުން، ކޮންމެ މީހަކަށް ވެސް އެ މީހެއްގެ ދަރިފުޅު ގޮވައިގެން އަމާންކަންމަތީ ދުއްވައިލާން ނުވަތަ ހިނގައިލާން ދެވޭނެ ފުރުސަތު އޮންނާން ވާނެއެވެ. ބިރުވެރިކަމެއް ނެތި ސައިކަލުގައި ދަރިފުޅު ގޮވައިގެން މަގުމަތީގައި ދުއްވައިލެވޭން ވާނެއެވެ. މަގުމަތީގައި ރައްކައުތެރިކަން ލިބުމަކީ ކޮންމެ ކުއްޖެއްގެ ވެސް ހައްގެކެވެ. "ސަމާލުކަން ހޯދުމުގެ އެދުންވެރިކަމުގެ ޑިސްއޯޑަރ" އާއި "ގޮތްގޮތަށް ސައިކަލު ދުއްވުމަކީ ތިމާގެ ގައްޑާކަން ސާބިތު ކޮށްދެވޭ ކަމެއް ކަމުގެ ވިސްނުމުގެ ޑިސްއޯޑަރ" ޖެހިފައި ނަފްސާނީ ބަލި މީހުން ނުކުމެ މަގުމަތި ނާމާން ކޮށްލުމަކީ، އެ ހައްގު ވެސް ނިގުޅައިގަތުމެވެ.

އަޅުގަނޑަކީ ވެސް ދަރިފުޅު ގޮވައިގެން ކޮންމެ ދުވަހަކު ވެސް ސައިކަލުގައި ނުކުމެލާ މީހަކީމެވެ. ހަވީރު ފަހެއް ޖަހާކަށްހާ އިރު ނުކުންނަ އިރު، މާލޭގެ މަގުތައް އޮންނަނީ ސައިކަލުތަކާއި ކާރުތަކުން ފުރިފައެވެ. ދަރިފުޅު ގޮވައިގެން، ގޮތެއް ފޮތެއް ހަމައެއް ލަމައެއް ނުބަލައި ދުއްވާ މީހުންނާ މެދު ހުރިހާ ފަރާތްތަކަކަށް ވިސްނަމުން، މަޑުމަޑުން ދުއްވަމުން ދަނިކޮށް ދިމާވާ އެންމެ ރުޅި އަންނަ، އެންމެ ހިތަށް ދަތި ވާ ކަމަކީ، ބާރު އަޑުފަށްގަނޑެއް އިއްވަމުން، ތެޅެމުން ފޮޅެމުން ކަހަލަ ގޮތަކަށް، ފަހަތުން އައިސް ދާދި ކައިރިން ފަސްދީ ކުރި އަރައިގެން އެދާ ސައިކަލުތަކުގެ މައްސަލައެވެ. އެހެން ވާ ކޮންމެ ފަހަރަކު ދަރިފުޅު ބިރުން މޭގަނޑު އަނގަޔަށް އައިސްގެން ކަހަލަ ގޮތަކަށް ތެޅިފޮޅިގަނެއެވެ. ސިއްސަސިއްސައިގެން ދެއެވެ. ހިފާނެ އެއްޗަކާ ދިމާޔަށް ދެ އަތް ހޫރުވައިގަނެއެވެ. މި ދައްކަނީ އަށާރަ ނަވާރަ މަހުގެ ކުޑަކުޑަ ކުއްޖެއްގެ ވާހަކައެވެ. އެ ކުއްޖާ، ބައްޕަޔާ އެކު ސައިކަލު ބުރެއް ޖަހައިލާން ނުކުމެގެން އުޅެނިކޮށް، އެ ކުއްޖާ "ޓެރަރައިޒް" ކުރުމަށް މި ދަންނަވާ "މީހުންނަށް" އޮންނާނީ ކޮން ހައްގެއްތޯއެވެ؟ ވަލުތެރޭގައި ވެސް މިފަދަ ރަހުމު ކުޑަ، ގޮތެއް ފޮތެއް ނެތް އެއްޗެތި އުޅޭކަން އަޅުގަނޑު ނުދެނެހުރީމެވެ.

އެފަދަ މީހުންގެ ސަބަބުން ހިނގާ ނުރައްކާތެރި އެކްސިޑެންޓްތަކުގެ ވާހަކަޔަކީ އަދި މާ ހިތާމަވެރި ވާހަކައެކެވެ. މާލޭގައި، ނުވަތަ ކޮންމެވެސް އެހެން ރަށެއްގައި، ހިސާބަށް ވުރެ ބާރަށް ދުއްވުމުގެ ސަބަބުން، ނުވަތަ އަނެކާގެ ރައްކައުތެރިކަމަށް ނުބަލައި ފަސްދީ ކުރި އަރައިގެން ދާން އުޅުމުގެ ތެރޭގައި ހިނގާ އެކްސިޑެންޓްތަކުން ކިތައް މީހުން މަރު ވެއްޖެތޯއެވެ؟ ތަފާސްހިސާބުތަކާއި ރެކޯޑުތަކަށް ބައްލަވައިލައްވައިފި ނަމަ، ސިނަމާލެ ފާލަންމަގާއި، އެ ފާލަންމަގުން ހުޅުމާލެޔަށް ދާން އޮންނަ ބޮޑުމަގާއި، އައްޑޫ ބޮޑުމަގާއި، ލާމު ބޮޑުމަގާއި، ފުވައްމުލަކު ޖަމާލުއްދީން ހިނގުން ފަދަ ތާރު އެޅި ބޮޑެތި އަދި ދިގު މަގުތަކުގައި ވެސް، އަދި ރަށްރަށުގެ އެތެރޭގެ މަގުތަކުގައި ވެސް ނުރައްކައުތެރި އެކްސިޑެންޓްތައް ހިނގައިފައި ހުރީ، ގާތްގަނޑަކަށް މުޅީންހެން، ހިސާބަށް ވުރެ ބާރަށް ދުއްވުމުގެ ސަބަބުން، ނުވަތަ ބަލާންވާ ވަރަށް ނުބަލައި ފަސްދީ ކުރި އަރައިގެން ދާން އުޅުމުގެ ތެރޭގައި، ނުވަތަ މި ދެ ކަންތައް އެކުވެގެން ދާ ހާލަތުތަކުގައެވެ.

ދިވެހި ފުލުހުންނާއި، ކަމާބެހޭ އެހެން ފަރާތްތަކާއި، އަޅުގަނޑުމެން އެންމެން ގަބޫލު ކުރާން ވެއްޖެ ހަގީގަތަކީ، މަގުމަތީގެ ޓްރެފިކާ ގުޅޭ އެންމެ ނުރައްކާތެރި، އެންމެ ބިރުވެރި، އެންމެ ގެއްލުންބޮޑު ކަމަކީ ހިސާބަށް ވުރެ ބާރަށް ތަކެތި ދުއްވުމާއި، ފަސްދީ ކުރި އަރައިގެން ދާ އިރު ބަލާން ވާ ވަރަށް ނުބަލައި، ވިސްނާން ޖެހޭ ކަންތައްތަކަށް ނުވިސްނައި ދުއްވުންކަމެވެ. އެފަދަ މީހުންގެ ސަބަބުން އެތައް ބަޔަކު މަރު ވެއްޖެއެވެ. އެތައް ބަޔަކު މުޅި އުމުރަށް ނުކުޅެދޭ މީހުންނަށް ވެއްޖެއެވެ. އެތައް ބަޔެއްގެ ދިރިއުޅުން ބަރުބާދު ވެއްޖެއެވެ. މި ކަންކަމުގެ އިތުރުން، މަގެއްގެ މަތީގައި ތުއްތު ކުއްޖަކަށް ބައްޕަގެ ސައިކަލުގައި ހިތްހަމަޖައްސައިލާން ބުރެއް ޖަހައިލާން ވެސް އަމާންކަމާ އެކު އުޅެވޭނެ ގޮތް އެމީހުންނާ ހުރެ ނެތިއްޖެއެވެ. އެހެންކަމުން، އެފަދަ މީހުންނަކީ މަގުމަތީގެ ޓެރަރިސްޓުން ކަމަށް މެނުވީ ވާނެތޯއެވެ؟

މަގުމަތީގެ ޓެރަރިސްޓުންނަކީ ދުނިޔޭގައި އިންސާނުން އުޅޭ، އިންސާނިއްޔަތުކަން އޮންނަ، ތަހުޒީބީ ގައުމުތަކުގައި ނިކަން ބޮޑު އަދަބު ދެވޭ ކުށްވެރީންނެވެ. އެ ގައުމުތަކުގައި، އެއްވެސް މީހަކަށް ތިމާގެ ސައިކަލާއި ކާރު ފަދަ ތަކެތީގެ ސައިލެންސަރު ހޮޅި ހަލާކު ކޮށްގެން އަޑުފަށްގަނޑު ގަދަ ވާގޮތް ހަދައިގެން، ތަނެއް ދޮރެއް ނުބަލައި ކުރިން ދާ އެތި ފަސްދީ ކުރި އަރައިގެން، ހިތުހުރި ދުވެއްޔެއްގައި އިންޖީނު ލީ ދުއްވާ އެއްޗެތި ދުއްވުމުގެ "ހައްގެއް" ނުދެއެވެ. އެ "މިނިވަންކަމެއް" ނޯވެއެވެ. އެހެން އުޅޭ މީހުންނާ މެދު އެ ގައުމުތަކުގައި ބެލެވެނީ އެހެން އިންސާނުންގެ ފުރާނަޔާއި މުދަލަށް އިހުތިރާމު ނުކުރާ، އެހެން މީހަކަށް ކިތަންމެ ބޮޑު ހާނީއްކައެއް ނުވަތަ ގެއްލުމެއް ލިބުނަސް ފަރުވާލެއް ނުބަހައްޓާ މުޖުރިމުންތަކެއް ކަމުގައެވެ. ނުރައްކައުތެރިކޮށް އިންޖީނު ލީ ދުއްވާ ތަކެތި ދުއްވުމަކީ، އޭގެ ސަބަބުން މީހަކަށް ހާނީއްކައެއް ހަގީގަތުގައި ނުލިބުނަސް، އޭގެ ޒާތުގައި ކުށެކެވެ.

މިސާލަކަށް، އިނގިރޭސި ވިލާތުގެ ރޯޑް ޓްރެފިކް އެކްޓް 1991ގެ ވަރަށް ބޮޑު ބައެއް ޚާއްސަ ކުރެވިފައި ވަނީ "ޑޭންޖަރަސް ޑްރައިވިންގ" ނުވަތަ ނުރައްކައުތެރިކޮށް ދުއްވުމާއި، "ކެއަރލެސް، އިންކޮންސިޑަރޭޓް ޑްރައިވިންގ" ނުވަތަ ފަރުވާ ކުޑަކޮށް، އަނެކާޔަށް ލިބިދާނެ ގެއްލުމަކަށް ނުވަތަ ހާނީއްކަޔަކާ މެދު ވިސްނުމެއް ސަމާލުކަން ދިނުމެއް ނެތި ދުއްވުމުގެ ކުށްތައް ކަނޑައަޅައި، އެ ކުށްތަކަށް އަދަބު ކަނޑައެޅުމަށެވެ. އެފަދަ ގޮތަކަށް ދުއްވުމަކީ ވެސް އަދަބު ލިބޭ ކުށެކެވެ. ޖޫރިމަނާ ކުރެވޭ، ނުވަތަ ޖަލަށް ލެވޭ ކުށެކެވެ. އެގޮތަށް ދުއްވައިގެން މީހަކު މަރައިލައިފި މީހަކީ އެންމެ މަތީ ދަރަޖައިގެ ނޫނަސް ގާތިލެއް ކަމަށް އިނގިރޭސި ގާނޫނު ދެކެއެވެ. އެފަދަ މީހެއްގެ މައްޗަށް، އޭނާގެ ފަރުވާކުޑަކަމާއި އިހުމާލުގެ މިންވަރަށް ރިއާޔަތް ކުރުމަށް ފަހު، ސާދަ ވަރަކަށް އަހަރުގެ ޖަލުހުކުމެއް ވެސް އަތުވެދާނެއެވެ.

ސިންގަޕޯރަށް ބަލާ އިރު، ރޯޑް ސޭފްޓީ އެކްޓް 2006ގެ ދަށުން، ހުއްދަ ދުވެއްޔަށް ވުރެ ބާރަށް އިންޖީނު ލީ އުޅަނދެއް ދުއްވައިފި މީހަކަށް، އެ ދުއްވުމުގެ ސަބަބުން އިތުރު ހާދިސާއެއް ކުރިމަތި ނުވިޔަސް، އަދަބު ދެވޭނެއެވެ. ރޯޑް ޓްރެފިކް އެކްޓް 1961 ގެ ދަށުން، "ރެކްލެސް" އަދި "ޑޭންޖަރަސް ޑްރައިވިންގ" އަށް ވެސް ބޮޑު އަދަބު ދެވެއެވެ. ނުރައްކައުތެރިކޮށް ދުއްވައިފި މީހަކު 12 މަސް ދުވަހަށް ޖަލަށް ލައި، 5000 ސިންގަޕޫރު ޑޮލަރުން ޖޫރިމަނާ ކުރެވެއެވެ. އޭގެ ސަބަބުން މީހަކަށް ނުވަތަ މީހެއްގެ މުދަލަށް ގެއްލުމެއް ލިބިއްޖެ ނަމަ، އަދަބު އިތުރަށް ބޮޑު ވެއެވެ. މި އަހަރުގެ ފެބުރުވަރީ މަހުގެ ތެރޭގައި ސިންގަޕޫރުގެ ސަރުކާރުން ވަނީ އަދަބުތައް ބޮޑު ކުރާން ވެސް ހުށައަޅައިފައެވެ.

ދިވެހިރާއްޖޭގައި ވެސް މަގުމަތީގެ ޓްރެފިކާ ބެހޭ ގާނޫނެކޭ ކިޔާ އެއްޗެއް އޮވެއެވެ. މި ގައުމުގައި ހުންނަ އެހެން ވެސް ގިނަ ގާނޫނުތަކެކޭ އެއްފަދައިން، އެއީ ވެސް މާ ބޮޑަކަށް ތާކުންކުރެތާކު ޖެހޭ އެއްޗެއް ނޫނެވެ. މަގުމަތީގެ ޓްރެފިކް ހައްލު ކުރުމަށް ޓަކައި ގާނޫނެއްގެ ދައުރު އަދާ ކުރުމަށް ފުދޭ އެއްޗެއް ނޫނެވެ. ވާނީ ވެސް އެހެންތާއެވެ! ގާނޫނު ހަދާން ތިބެނީ ސިޔާސީ ޕޯޑިޔަމެއްގައި ހަލޭއްލެވުން ފިޔަވައި އެހެން އެއްވެސް ގޮތަކުން އެކަމަށް ކުފޫ ހަމަ ވާ ބައެއް ނޫނިއްޔާއެވެ. މި ދަންނަވާ ގާނޫނު (ގާނޫނު ނަންބަރު 2009/5)ގެ ދަށުން ގަވާއިދުތަކެއް ވެސް ހަދައިފައި ހުރެއެވެ. ލައިސަންސް ދޫ ކުރުމުގެ ގަވާއިދަކާއި، އިންޖީނު ލީ އެއްގަމު އުޅަނދު ދުއްވާންވީ ދުވެއްޔާ ބެހޭ ގަވާއިދަކާއި، މިހެން ގޮސް މި ކަހަލަ ގަވާއިދުތަކެކެވެ. މީގެ އެއްވެސް ގަވާއިދަކީ ވެސް ކަމަށް ބޭނުން ހިފޭ ކަހަލަ އެއްޗެއް ނޫނެވެ. މިއިން ގާނޫނެއްގައި، ނުރައްކައުތެރިކޮށް، ފަރުވާ ކުޑަކޮށް، ބިރުވެރިކޮށް ދުއްވާ މީހުންނާ މެދު އެކަށޭނަ ފިޔަވަޅު އެޅޭނެ ހަމަތައް އެކަށައަޅައިފައެއް ވެސް ނުވެއެވެ. މަގުމަތީގެ ޓެރަރިސްޓުން ޖެހިލުން ވާނެ، ބިރު ގަންނާނެ، "ޑިޓަރ" ކުރުވާނެ އަދަބުތަކެއް ނެތެވެ.

މީގެ އިތުރުން، މި ދަންނަވާ ގާނޫނާއި ގަވާއިދުތަކަކީ ވަރަށް ބޮޑަށް "އެފިކެސީ" ގެއްލިފައި ހުރި އެއްޗެއްސެވެ. ތަންފީޒު ނުކުރެވޭ، މީހުން އާއްމު ގޮތެއްގައި އެ އެއްޗެއްސަށް ތަބައަ ނުވާ، އެއާ މެދު އަޅައިވެސްނުލާ އެއްޗެއްސެވެ. މި ދަންނަވަނީ އެ ގާނޫނުތަކުގައި، މަގުމަތީގައި އިންޖީނު ލީ އުޅަނދުފަހަރު ދުއްވުމުގައި އަމަލު ކުރުމަށް ހުރި ހަމަތަކުގެ ވާހަކައެވެ. މިހެން ދެންނެވީމާ މި ބަހަށް އިއުތިރާޒު ކުރައްވާ ބޭފުޅުން މާލެޔާއި ރަށްރަށުގެ މަގުތައް ބައްލަވާށެވެ. ތަކެތި ދުއްވަނީ ވައަތް ފަރާތުންތޯއެވެ؟ އެއް އުޅަނދު އޮންނަނީ އަނެއް އުޅަނދުގެ ފަހަތުން ހުސްކޮށް ބާއްވާން ޖެހޭ ޖާގައިގެ ފަހަތުގައިތޯއެވެ؟ ފަސްދީ ކުރި އަރައިގެން ދަނީ ގާނޫނާއި ގަވާއިދުގައި އޮންނަ ގޮތަށް ތޯއެވެ؟ ގޯޅި އަޅަމުން ފަސްދީ ކުރި އަރައިގެން ނުދޭތޯއެވެ؟ މަގަކަށް ނުކުންނަ އިރު، އެ މަގަކުން ދާ އެއްޗެއްސާ މެދު ބަލާން ޖެހޭ މިންވަރަށް ބަލަނީ ކިތައް މީހުންތޯއެވެ؟ ގާނޫނު ތަންފީޒު ކުރާން ތިބޭ ފުލުހުން މިއިން ކަމަކަށް އަޅައިލާތޯއެވެ؟

މި ކޮލަމް ލިޔުމުގެ ޚިޔާލު އަޅުގަނޑަށް އައީ ވެސް މި ދެންނެވި ފަދަ ތަޖުރިބާޔަކާ ގުޅިގެންނެވެ. މި ރަމަޟާން މަހުގެ ކުރީކޮޅުގެ ދުވަހެއްގައި، އަޅުގަނޑު ދަރިފުޅު ގޮވައިގެން ސައިކަލުގައި ނުކުމެގެން، ބޮޑު ތަކުރުފާނު މަގުން ދުއްވައިފައި ދަނިކޮށް، މަގުމަތީގެ ޓެރަރިސްޓުންގެ ތިން މީހަކު ރޭހެއްގައި ދާ ފަދަ ގޮތަކަށް، އެމީހުންގެ ބޮޑެތި ސައިކަލުތަކުގެ އިންޖީނުން ގުގުރީގެ އަޑު ފަދަ އަޑުފަށްގަނޑު އިއްވަމުން އައިސް ދާދި ކައިރިން ފަސް ދީ ކުރި އަރައިގެން އެ ދިޔައީއެވެ. އެ އެއްޗެތީގެ އަޑުފަށްގަނޑު އިވުމުން އަޅުގަނޑު މަގުގެ އެއްފަރާތަކަށް ސައިކަލު މަޑު ވެސް ކޮށްލީމެވެ. އަދި ދަރިފުޅުގެ ކަންފަތުގައި އަތް ވެސް އެޅީމެވެ. ނަމަވެސް އެވަރަކުން އޮބިއެއްނޯންނާނެ ނޫންތޯއެވެ؟ ސައިކަލުތައް ފަސްދީ ކުރި އަރައިގެން ދިޔަ ވަގުތު ދަރިފުޅު ބިރުން ދެލޯ ބޮޑު ވެ، ތެޅިފޮޅިގަތް މަންޒަރު އިންސާނަކަށް ފެނުނު ނަމަ، ހަމްދަރުދީ ވާނެއެވެ.

ދެން ވީ ކިހިނެއް ކަމަށްތޯއެވެ؟

އެއްކަލަ ޓެރަރިސްޓުންގެ ފަހަތުން، ދެ ތިން ކާރެއްގެ ފަހު، މަޑު ދުވެއްޔެއްގައި ދުއްވައިފައި ދިޔައީ ފުލުހުންގެ ކާރެކެވެ. ސައިރަން އަޅައިފައި ގޮސް އެ ވަހުޝީންތައް ހައްޔަރު ކުރުމަކީ ފުލުހުންގެ ޒިންމާއެއް ނޫންތޯއެވެ؟ އިންސާނުންގެ ފުރާނަޔާއި މުދަލަށް ލިބިދާނެ އެއްވެސް ގެއްލުމަކަށް ބެލުމެއް ނެތި، މަގުމަތީގައި އުޅޭ ކުޑަކުދީންނަށް ދާންދެން "ޓެރަރައިޒް" ކުރަމުން އުޅޭ ވަހުޝީންތައް ހިތުހުރި ގޮތަކަށް އުޅޭ އިރު، ފުލުހުން ކާރުތަކާއި ސައިކަލުތަކުގައި އެ ކުރާ "ޕެޓްރޯލެއް" ކުރާންވީ ހަމަ "ތޭރޭ ބިނާ ޒިންދެގީ ސެ ކޯއީ"ގެ ރާގުގައިތޯއެވެ؟ އެހެންވިއްޔާ ފުލުހުންނަށް ދައުލަތުން އަހަރަކު ދެތިން ބިލިއަން ރުފިޔާ ހޭދަ ކުރާންވީ ކޮންކަމަކު ތޯއެވެ؟ "ޕްރޮޓެކްޓް އެންޑް ސާރވް" ގެ މާނަޔަކީ ކޮބައިތޯއެވެ؟

ދެން އޮތީ ކަމާބެހޭ އެންމެ ބޮޑު އެއް ވާހަކައެވެ.

މި ދެންނެވީ މަގުމަތީގެ ޓެރަރިސްޓުންގެ ވާހަކަޔާއި، ފުލުހުން އެމީހުންނާ ދެކޮޅަށް އަޅާން ޖެހޭ ފިޔަވަޅުތައް އަޅާ ތަން ހަމަ ގައިމު ވެސް އަޅުގަނޑަށް ދުވަހަކު ވެސް ނުފެންނަ ވާހަކައެވެ. އަޅުގަނޑު ވެސް މާލޭގެ މަގުތަކުގައި ސައިކަލުގައި އުޅޭތާ އެތައް އަހަރެއް ވެއްޖެއެވެ. ނަމަވެސް ދުވަހަކު ވެސް، ހަމަ އެންމެ ފަހަރަކު ވެސް، ނުރައްކައުތެރިކޮށް ސައިކަލެއް ނުވަތަ ކާރެއް ދުއްވީތީ، މީހަކު ހުއްޓުވައި، ހައްޔަރު ކޮށް ހެދި މަންޒަރެއް ނުދެކެމެވެ. އެކަމަށް ގާނޫނު ތަން ނުދޭކަމަށް ފުލުހުން ގަބޫލު ކުރާތީ ކަމަށް ވެސް ވެދާނެއެވެ. އެކަމަކު މާލޭގެ މަގުމަތީން އަބަދުވެސް ފެންނަ މަންޒަރަކީ، ނުގަވާއިދުން ޕާކު ކޮށްފައި ހުންނަ ސައިކަލުތަކުގައި އެއްކަލަ ބަޖެޓު ސްޓިކާ ޖަހާން ފުލުހުން އުޅޭ މަންޒަރެވެ. ޚާއްސަކޮށް، މި ދިޔަ މަހެއްހައި ދުވަހުގެ ތެރޭގައި އެކަން އާދަޔާ ޚިލާފަށް ގިނަ ވެގެން ގޮސްފައި ވާކަން ވެސް ފާހަގަ ކުރެވެއެވެ. ގުރޫޕު ގުރޫޕަށް ފުލުހުން ނުކުމެ، ޒޯނުތަކުން ބޭރުގައި ޕާކު ކޮށްފައި ހުންނަ ސައިކަލުތަކުގައި ސްޓިކާ ޖަހާތަން ފެނެއެވެ. ބައެއް ފަހަރު އެއް ސަފަކަށް ފަންސާހަކަށް ސައިކަލުގައި ސްޓިކާ ޖަހައިފައި ހުއްޓައި ވެސް ފެނެއެވެ.

އޮޅުމެއް ނެތް ގޮތުގައި، ގަވާއިދެއް އޮތިއްޔާ ތަންފީޒު ކުރާން ވާނެއެވެ. ނުގަވާއިދުން ޕާކު ކޮށްފައި ހުންނަ ތަކެތީގައި ސްޓިކާ ޖެހޭނެ ވާހަކަ ގާނޫނާއި ގަވާއިދުގައި އޮތިއްޔާ، ސްޓިކާ ޖަހާން ވާނެއެވެ. އެކަމަކަށް އަޅުގަނޑުގެ އެއްވެސް އިއުތިރާޒެއް ނެތެވެ. ނަމަވެސް އަޅުގަނޑު މި ދަންނަވާ ނުކުތާތަކާ މެދު ނިކަން ފުންކޮށް ވިސްނައިވަޑައިގެންބައްލަވާށެވެ! ފުރަތަމަ ކަމަކަށް، މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުން ވާ ވަރަށް ސަރުކާރުން ޕާކިން ޒޯނުތައް ހަދައިފައެއް ނުވެއެވެ. ދެވަނަ ކަމަކަށް، އެތައް މަގެއްގައި، ޕާކިން ޒޯނުތައް ހެދޭނެ ތަންތަން ވެސް އޮންނަނީ ދެ ރޮނގުން ފާހަގަ ކޮށް، ޕާކު ނުކުރެވޭ ތަންތަން ކަމަށް ކަނޑައަޅައިފައެވެ. އެއް މިސާލަކީ ޖަނަވަރީ މަހުގެ ހުޅަނގު ފަޅިއެވެ. ތިންވަނަ ކަމަކަށް، ނުގަވާއިދުން ޒޯނުން ބޭރުގައި ސައިކަލެއް ނުވަތަ ކާރެއް ޕާކު ކޮށްފައި އޮތް އޮތުމުގެ ސަބަބުން، އޭގެ ނަތީޖާއެއްގެ ގޮތުން، މީހަކު މަރު ވިތޯއެވެ؟ މީހެއްގެ ގުނަވަންތައް ހަލާކު ވިތޯއެވެ؟ އާއިލާއެއް ބަރުބާދު ވިތޯއެވެ؟ ޖަވާބަކީ ނޫން ޖަވާބެވެ. ހުރިހައި ގޮތަކުން ބެލިޔަސް، މަގުމަތީގެ ޓްރެފިކުގެ މައްސަލަތަކުގެ ތެރެއިން، ނުގަވާއިދުން ޕާކު ކުރުމަށް ވުރެ އެތައް ގުނައެއް ބޮޑު ގޯހަކީ ކުރީން ދެންނެވި "މަގުމަތީގެ ޓެރަރިސްޓުން" އެ އުޅޭ ގޮތެވެ. ވީއިރު، މަގުމަތީގެ ޓެރަރިސްޓުން ހިތުހުރި ގޮތަކަށް އުޅޭން ދޫކޮށްލައިފައި، ޒޯނުން ބޭރުގައި ޕާކު ކުރާ ތަކެތީގައި ސްޓިކާ ޖެހުމަށް ފުލުހުންގެ އެތައް ބަޔަކު ވަގުތާއި ވަސީލަތާއި ފައިސާ ހޭދަ ކުރުމީ އަޅުގަނޑަށް ފެންނަ ފެނުމުގައި ބޮޑު ޖޯކެކެވެ. އަޅުގަނޑުމެންގެ ގައުމު ތަސައްރަފު ނުފުދޭ މިންވަރު ދައްކުވައިދޭ ކަމެކެވެ.

މަގުމަތީގެ ޓްރެފިކާ ބެހޭ ގާނޫނުތަކުގެ މައިގަނޑު އޮންނަނީ ދެ މަގުސަދެކެވެ. އެއް މަގުސަދަކީ މަގުމަތީގައި ހިނގައިބިނގައިވެ އުޅޭ އަދި ދަތުރުފަތުރު ކުރާ މީހުންގެ ރައްކައުތެރިކަން ކަށަވަރު ކުރުމެވެ. ދެވަނަ މަގުސަދަކީ މަގުމަތީގައި ދުއްވާ އެއްޗެތި ގިނަ ވެގެން، އާއްމު ދިރިއުޅުމަށާއި، އިޖުތިމާއީ ހަޔާތުގެ އެކިއެކި ކަންކަމަށާއި، ތިމާވެއްޓަށް ލިބޭ ގެއްލުން ފަދަ ކަންކަން ހުއްޓުވުން ނުވަތަ ވީހައި ކުޑަ ކުރުމެވެ. މި ކަންކަމަށް ވިސްނައިލިޔަސް، ފުލުހުން އެންމެ ފުރަތަމަ ދުވާންވީ މަގުމަތީގެ ޓެރަރިސްޓުންގެ ފަހަތުން ކަމާއި، ޒޯނުން ބޭރުގައި ހުރި ސައިކަލުތަކާ ދިމާޔަށް ދާން ވީ އޭގެ މާ ފަހުންކަން ސާފު ވެއެވެ.

comment ކޮމެންޓް