އަތީފަށް ކުރި ތާއީދު ގެންގޮސް، ޕީޕީއެމްގެ ތާއީދު އަމިއްލަ ކެންޑިޑޭޓަކަށް

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ބ. ތުޅާދޫ ދާއިރާ އަށް ޕީޕީއެމްގެ ޓިކެޓު ގައި ވާދަކުރާ މުހައްމަދު އަތީފް--- ފޮޓޯ: ޕީއެސްއެމް

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ބ. ތުޅާދޫ ދާއިރާއަށް ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރާ މުހައްމަދު އަތީފަށް ޕީޕީއެމް ކޯލިޝަނުން ކުރި ތާއީދު އަނބުރާ ގެންގޮސްފިއެވެ.

ޕީޕީއެމް-ޕީއެންސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ އަތީފްގެ މައްސަލަ ސުލޫކީ ކޮމެޓީއިން ބަލަމުންދާ ކަމަށެވެ.

"އަޅުގަނޑުމެން ކުރިންވެސް ދަންނަވާފައިވާނެ އިންތިހާބުގެ ވަކި ހިސާބުތަކަށް އަންނައިރު ދާއިރާތަކަށް ވާދަކުރާ ކެންޑިޑޭޓުންގެ ހާލަތު ހުރިގޮތަށް ބަލާފައި ފަހަރުގައި ޖެހިދާނެޔޭ ތަފާތު ކެންޑިޑޭޓުންނަށް ތާއީދުކުރަން. އެގޮތުން އަޅުގަނޑުމެން މިހާރު އެބަ ވިސްނަން ތުޅާދޫ ދާއިރާ އަށް އަޅުގަނޑުމެންގެ ޓިކެޓުގައި ވާދަކުރައްވާ އަތީފް [އަށް އޮތް ތާއީދު އަނބުރާ ގެންދަން،"

އަބްދުރަހީމް ވިދާޅުވީ އަތީފް ވަނީ ކޯލިޝަނުގެ އިސް ބޭފުޅުން އޮފީހަށް ވަނަ ނުދީ ހިފަހައްޓާފައި ކަމަށެވެ.

"އަޅުގަނޑުމެން ކުރި މަޝްވަރާއަކާ ގުޅިގެން އަތީފް ވަނީ މިތަނަށް އައިސް އަޅުގަނޑުމެން ގަބޫލު ނުކުރާ ގޮތަކަށް ކަންތައްކޮށްފައި. އެހެންވެ އެ މައްސަލަ ޕިޕީއެމްގެ ސުލޫކީ ކޮމެޓީ އިން ބަލަމުން ގެންދާ ވާހަކަ ދަންނަވަން،"

މީގެ ކުރިން ފުލުހެއްގެ ގޮތުގައި އަދި އެއަށްފަހު ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރެއްވި، ޕީޕީއެމްގެ ތުޅާދޫ ދާއިރާގެ ޓިކެޓު ލިބިވަޑައިގެންފައިވާ އަތީފް "ސަން" އަށް ވިދާޅުވީ އޭނާއަށް އޮތް ތާއީދު އަނބުރާ ގެންދިޔަކަން ދެނެވަޑައިނުގަންނަވާ ކަމަށާއި ކޯލިޝަނުން އޭނާ އަށް އަންގާފައި ނުވާ ކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ މިހާރު ނިންމާފައިވަނީ އެ ދާއިރާ އަށް އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓު، މުހައްމަދު ޒަހީން އަށް ތާއީދު ކުރަން ކަމަށެވެ.

އަތީފާއި ޒަހީންގެ އިތުރުން ތުޅާދޫ ދާއިރާއަށް ދެން ކުރިމަތިލައްވަނީ ރައީސް މައުމޫނުގެ ތާއީދާއެކު ކުރިމަތިލައްވާ އަމިއްލަ ކެންޑިޑޭޓު އިބްރާހިމް އަފީފު، އަދި އެމްޑީޕީގެ ކެންޑިޑޭޓު ހިސާން ހުސައިނެވެ.

comment ކޮމެންޓް