ގާސިމްއަކީ ޒުވާނުންނަށް ފިލާވަޅު ލިބޭނެ "ލައިފް ސްޓޯރީ" އެއް: އަލީ ވަހީދު

ގާސިމްއާއި އަލީ ވަހީދު: ރޭގެ ޖަލްސާގައި އަލީ ވަހީދު ވަނީ ގާސިމަށް ވަރަށް ބޮޑަށް ތައުރީފްކޮށް ވާހަކަދައްކަވާފައި -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލިސް ރައީސް ގާސިމް އިބްރާހިމް އަކީ ޒުވާނުން ފިލާވަޅު ލިބިގަންނަ ޖެހޭ "ލައިފް ސްޓޯރީ" އެއް ކަމަށް އެ ޕާޓީގެ ރައީސް އަދި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

ތިންވަނަ ދައުރަކަށް މާމިގިލީ ދާއިރާ އަށް ވާދަ ކުރައްވާ ގާސިމް އިބްރާހިމް ރޭ ވަނީ އދ. މާމިގިލީގައި އެމަނިކުފާނުގެ ކެމްޕެއިން އިފްތިތާހު ކޮށްފައެވެ.

އެ ކެމްޕެއިން އިފްތިތާހީ ޖަލްސާގައި ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަމުން އަލީ ވަހީދު ވަނީ ގާސިމް އަށް ވަރަށް ބޮޑަށް ތައުރީފުކޮށް ވާހަކަ ދައްކަވާފައެވެ.

އަލީ ވަހީދު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަށް އެކަކު ހޮވަން ޖެހުނަސް، އެ މެމްބަރަކީ، ގާސިމް ކަމަށެވެ. އަދި ގާސިމް އެކަނި މަޖިލިސް އަށް ހޮވުނަސް އެމަނިކުފާނު ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދެއްވާނެ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

"ރާއްޖޭގެ ގައުމިއްޔަތު، ރާއްޖޭގެ އިސްތިގުލާލު [އަދި] ރައްޔިތުންގެ ހައްގުތައް އެޓް އެނީ ކޮސްޓް ކޮމްޕްރޮމައިޒް ނުކުރާނެ މަޖިލިސް މެމްބަރެއްގެ ގޮތުގައި މާމިގިލީ ދާއިރާގެ މެމްބަރު އިންނަވާނެ ކަމާ މެދެ އަޅުގަނޑުމެން ޝައްކެއް ނުކުރަން. މާމިގިލީ ދާއިރާ މެމްބަރު އެކަނި ހޮވިޔަސް މަޖިލީހުގައި ރައްޔިތުންގެ ހައްގުތައް ކަސްތޮޅުއެޅުވިފައި އޮންނަ ހާލަތަކަށް ދިޔަކަ ނުދެއްވާނެ،" ގާސިމަށް ވަރަށް ބޮޑަށް ތައުރީފްކޮށް ވާހަކަ ދައްކަވަމުން އަލީ ވަހިދު ވިދާޅުވިއެވެ.

ގާސިމް ކެމްޕެއިން ލޯންޗްކުުރުމަށް ޖުމްހޫރީ ޕާޓީން ރޭ މާމިގިލީގައި ބޭއްވި ޖަލްސާގައި އަލީ ވަހީދު ވާހަކަ ދައްކަވަނީ: އަލީ ވަހީދު ވިދާޅުވީ، ގާސިމް އެކަނި މަޖިލީހަށް ހޮވޮޔަށް ރައްޔިތުންގެ ހައްގުތަކުގައި ކަސްތޮޅު ނޭޅުވޭނެ ކަމަށް -- ޓްވީޓާ ފޮޓޯ/ ޖުމްހޫރީ ޕާޓީ

އަލީ ވަހީދު ވިދާޅުވީ، ގާސިމް އަކީ ދުވަހަކުވެސް މީހެއްގެ ވަޒީފާގެ ބިރުދައްކާނެ މީހެއް ނޫން ކަމަށާއި އަނިޔާވެރިކަން އިސްކުރަން ސިޔާސީ ލީޑަރެއް ނޫން ކަމަށެވެ.

"ގާސިމް އިބްރާޙިމް ރާއްޖޭގެ ވަރުގަދަ ރައްޔިތަކަށް ވެގެން ދިޔައީ، އެމަނިކުފާނުގެ ހިކުމަތު އަމަލީއާއި އެމަނިކުފާނުގެ ހިތުގައިވާ ޖާގައިގެ ބޮޑުކަމުން. އަޅުގަނޑު ދެކޭގޮތުގައި އަޅުގަނޑުމެންގެ ޒުވާނުން އަދި ކުރިއަށް އަންނަ އޮތް ޖީލްތަކަށް ފިލާވަޅާއި ދަރުސް ލިބެންޖެހޭ ލައިފް ސްޓޯރީއެއް، އަޅުގަނޑުމެންގެ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ އިއްޒައްތެރި ރައީސް ގާސިމް އިބްރާހިމް އަކީ،" އަލީ ވަހީދު ވިދާޅުވިއެވެ.

މާގިލީ ދާއިރާގެ ރައްޔިތުންގެ ބޮޑު އަޢުލަބިއްޔަތަކުން ގާސިމް މަޖިލީހަށް އިންތިހާބު ކޮށްދެއްވުމަށް އަލީ ވަހީދު އެ ދާއިރާގެ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންނެވި އެވެ.

ގާސިމް ކެމްޕެއިން ލޯންޗްކުުރުމަށް ޖުމްހޫރީ ޕާޓީން ރޭ މާމިގިލީގައި ބޭއްވި ޖަލްސާގައި އަލީ ވަހީދު ވާހަކަ ދައްކަވަނީ: އަލީ ވަހީދު ވިދާޅުވީ، ގާސިމްގެ "ލައިފް ސްޓޯރީ" އިން ޒުވާނުން ފިލާވަޅު ލިބޭނެ ކަމަށް -- ޓްވީޓާ ފޮޓޯ/ ޖުމްހޫރީ ޕާޓީ

ގާސިމް ކެމްޕެއިން ރަސްމީކޮށް އިފްތިތާހު ކުރުމަށް ބޭއްވި ޖަލްސާގައި ޖުމްހޫރީ ޕާޓިއަށް ނިސްބަތްވާ ރާއްޖޭގެ ނައިބު ރައީސް ފައިސަލް ނަސީމް އާއި އެ ޕާޓީގެ ސްލޮޓްތަކުގައި ސަރުކާރުގައި ތިއްބަވާ މިނިސްޓަރުންވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

އެ ރަސްމިއްޔާތުގައި މަޖިލިސް އިންތިހާބުގައި ޖުމްހޫރީ ޕާޓިގެ ސްލޯގަން "ދިވެހިންގެ ބިން ދިވެހިންނަށް" ސްލޯގަން ވެސް ވަނީ ލޯންޗުކޮށްފައެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން މަޖިލިސް އިންތިހާބުގައި ވާދަކުރަނީ، 41 ދާއިރާ އަކަށެވެ. އެޕާޓީން މަޖިލިސް އިންތިހާބުގައި ވާދަ ކުރަނީ އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސްއާ ގުޅިގެންނެނެވެ.

އެގޮތުން ޖުމްހޫރީ ޕާޓީގެ ފަރާތުން އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސްގެ 32 ކެންޑިޑޭޓަކަށް ތާއީދު ކުރާއިރު، އިދިކޮޅު ކޯލީޝަނުން ތާއީދު ކުރަނީ ޖުމްހޫރީ ޕާޓީގެ 26 ދާއިރާ އަކަށެވެ.

comment ކޮމެންޓް