ރަޝިއާއިން އެމެރިކާގެ އިންތިހާބަށް ނުފޫޒު ފޯރުވި މައްސަލައިގެ ރިޕޯޓު އޭޖީއަށް ފޮނުވައިފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ރަޝިއާއިން ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވި މައްސަލަ ބެެއްލެވި ރޮބަޓް މުލާ -- ފޮޓޯ: އޭއެފްޕީ

ވޮޝިންޓަން (މާޗް 23): އެމެރިކާގައި 2016 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބަށް ރަޝިއާއިން ނުފޫޒު ފޯރުވި މައްސަލައިގެ ތަހުގީގީ ރިޕޯޓު، އެމައްސަލަ ބެލި ސްޕެޝަލް ކައުންސެލްގެ އޮފީހުން އެމެރިކާގެ އެޓާނީ ޖެނެރަލްއަށް ފޮނުވައިފި އެވެ.

ފާއިތުވި 22 މަސް ތެރޭ ސްޕެޝަލް ކައުންސެލް ރޮބަޓް މުލާ ވަނީ 2016 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވުމަށް ރައީސް ޑޮނަލްޑް ޓްރަމްޕްގެ ކެމްޕެއިނުން ރަޝިއާއާ ގުޅިގެން މަސައްކަތް ކުރިތޯ އާއި އެތަހުގީގަށް ހުރަސް އަޅަން ފަހުން ޓްރަމްޕް މަސައްކަތް ކުރެއްވިތޯ ތަހުގީގު ކުރައްވާފަ އެވެ.

އަދި އިއްޔެ އެމެރިކާގެ ޖަސްޓިސް ޑިޕާޓްމެންޓުން ވަނީ އެމައްސަލައިގެ ތަހުގީގު ނިންމާލުމަށް ފަހު، މައްސަލައިގެ ރިޕޯޓު އެޓާނީ ޖެނެރަލް ވިލިއަމް ބާއަށް ފޮނުވާފައިވާ ކަމަށް ބުނެފަ އެވެ.

އެރިޕޯޓާ މެދު އަމަލު ކުރާނެ ގޮތެއް ދެން ނިންމަވާނީ އެޓާނީ ޖެނެރަލް އެވެ. މީގެ ކުރިން އެމެރިކާގެ މަޖިލީހުގެ ތިރީގެއިން ވަނީ އެރިޕޯޓު އެއްކޮށް އާއްމު ކުރަން ގޮވާލާ ގަރާރެއް ފާސްކޮށްފަ އެވެ. ނަމަވެސް އެރިޕޯޓު އެއްކޮށް އާއްމު ކުރުމަށް ނުވަތަ ބައެއް މައުލޫމާތު ސިއްރު ކުރުމުގެ ބާރުވެސް އެޓާނީ ޖެނެރަލްއަށް ލިބިގެންވެ އެވެ.

އެތަހުގީގާ ގުޅިގެން ރައީސް ޓްރަމްޕް ވަނީ ރަޝިއާއާ އެއްކޮށް މަސައްކަތް ނުކުރައްވާ ކަމަށާއި އިންސާފަށް ހުރަސް އަޅަންވެސް މަސައްކަތް ނުކުރައްވާ ކަމަށް ވިދާޅުވެފަ އެވެ. އަދި ރަޝިއާއިން ވަނީ އެމެރިކާގެ ރިޔާސީ އިންތިހާބަށް ނުފޫޒު ނުފޯރުވާ ކަމަށް ބުނެފަ އެވެ.

އެތަހުގީގުގެ ދަށުން މިހާތަނަށް ވަނީ ޓްރަމްޕްގެ ކެމްޕެއިނާ ގުޅުން ހުރި ހަ މީހަކަށާއި ރަޝިއާގެ 25 މީހަކާއި ތިން ކުންފުންޏެއްގެ މައްޗަށް ދައުވާކޮށްފަ އެވެ.

comment ކޮމެންޓް