އިދިކޮޅު މުވައްޒަފުން ވަޒީފާއިން ވަކިކުރާ މައްސަލަ މަޖިލީހަށް ހުށަހަޅައިފި

ނިހާން ވާހަކަ ދައްކަވަނީ. އިދިކޮޅު މުވައްޒަފުން ވަޒީފާއިން ވަކިކުރާ މައްސަލަ މަޖިލީހަށް ނިހާން ވަނީ ހުށަހަޅައިފައި -- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ސަރުކާރުގެ ކުންފުނިތަކުގައި މަސައްކަތްކުރާ ސަރުކާރާ އިދިކޮޅު މުވައްޒަފުން ވަކިކުރާ ކަމަށް ބުނެ އެ މައްސަލަ ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސެއިން މަނިކް މަޖިލީހަށް ހުށަހަަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމު އައިމިނަތު ނިއުޝާއަށް އެޑްރެސްކޮށް ފޮނުވާފައިވާ ސިޓީއެއްގައި ނިހާން ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވިފަހުން ސަރުކާރުގެ އެކި ކުންފުނިތަކުގެ މީހުން ވަކި ކުރާ މައްސަލައިގައި ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށް އެކަމުގެ ޝަކުވާ ކުރަމުންދާ ކަމަށެވެ.

އަދި ހާއްސަކޮށް ފެނަކައިގެ އެކަން ބޮޑު ކަމަށް ނިހާން އެ ސީޓީގައި ވަނީ ފާހަގަކުރައްވައިފައެވެ.

" މި މައްސަލަ ބެލުމަށް ރައްޔިތުންގެ މަޖިލީހޔގެ 124 ވަނަ މާައްދާގެ ދަށުން ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީގެ ބައްދަލުވުން ބާއްވައި ދެއްވުން އެދެމެވެ." ނިހާންގެ ސިޓީގައި ވެއެވެ.

ފެނަކަ ކުންފުނީގެ ގިނަ އަދަދެއްގެ މުވައްޒަފުންނަށް ކުއްލިގޮތަކަށް ލިޔުން ފޮނުވައި ސަސްޕަންޑް ކުރަމުންދާކަމުގެ ޝަކުވާތައް އެންމެ ފުރަތަމަ ފެންމަތިވީ މިދިޔަ ޖެނުއަރީ މަހުއެވެ.

ނަމަވެސް ފެނަކައިން އެވާހަކަތަކަށް ރައްދުދީ ބުނީ އެ ކުންފުނިން މުވައްޒަފަކު ސަސްޕެންޑްކޮށްފައިވާނަމަ ސަސްޕެންޑްކޮށްފައިވަނީ ހިދުމަތް ދިނުމުގައި މުވައްޒަފު އިހުމާލުވެ ކުންފުންޏަށް ގެއްލުންވެ އަދި މަސްއޫލިއްޔަތު އަދާކުރުމުގައި އިހްމާލުވެ ކުންފުނީގެ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކޮށް އުޅޭކަމަށް ފެނިގެން ކަމަށެވެ.

އަދި އެ ފިޔަވަޅު އަޅާފައިވަނީ އެފަދަ މައްސަލަތަކުގައި އަމަލުކުރާނެ ކަމަށް ކަނޑައަޅާފައިވާ އުސޫލުތަކާ ބެހޭގޮތުން ގަވައިދުގައި ލިޔެފައިވާ ގޮތަށް ކަަމަށްވެސް ފެނަކައިން ބުނެއެވެ.

comment ކޮމެންޓް