ބޯހިޔާވަހިކަމުގެ ބިޔަ މަޝްރޫއެއް މާލޭގައި ފަށަނީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު --- ފޮޓޯ/ އެމްޑީޕީ

މާލޭގައި ބޯހިޔާވަހިކަމުގެ ބިޔަ މަޝްރޫއެއް ވަރަށް އަވަހަށް އިއުލާނު ކުރެވިގެން ދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާފަންނު އިތުރު ދާއިރާއަށް ވާދަކުރައްވާ އެމްޑީޕީ ކެންޑިޑޭޓް އިމްތިޔާޒު ފަހުމީގެ ކެމްޕެއިން ޖަލްސާގައި މިރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ މާލޭގައި ޓްރެފިކްގެ މައްސަލައާއި ގޯތުގެދޮރުގެ ދަތިކަން ބޮޑުކަން ފާހަގަކުރައްވައި ރައީސް ސޯލިހު ވިދާޅުވީ މާލެއަކީ ސާފުތަނަކަށް ހަދައިދިނުމަކީ އެމަނިކުފާނުގެ ވައުދެއް ކަމަށެވެ.

"އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް މާލޭގެ ބޯހިޔާވަހިކަމުގެ ބިޔަ މަޝްރޫއެއް އިއުލާނު ކުރެވިގެންދާނެ،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ މުޖުތަމައެއް ދިރިއުޅުމަށް ކަމު ނުދާނެ ހުރިހާ ސިފަތަކެއް މާލޭގައި އެބަހުރި ކަމަށެވެ. އަދި މާލެއަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭކަން ރައީސް ސޯލިހު ފާހަގަކުރެއްވި އެވެ.

"މައްޗަންގޮޅި ދެކުނުގެ ގެއަކުން މީހަކާ ބައްދަލުވެ ކީއްތޯ ކޮށްދެންވީ އެހީމާ ވިދާޅުވީ ނޭވާލެވޭނެ ގޮތެއް ހަދާދޭށޭ. މިހިސާބުގައި މާލޭގެ ގޭގޭގެ ކަންތައްހުރީ." ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.

މާލެ ހިތްފަސޭހަ ކުރުމަށް ބޭނުންވާނެ ގިނަ ކަންތައްތަކެއް ކޮށްދެއްވާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ. އެގޮތުން މާލޭގައި އޮތް ކޮމާޝިއަލް ޕޯޓު ތިލަފުއްޓަށް ބަދަލުކޮށް އެސަރަހައްދުގައި ހުރި ވިޔަފާރީގެ ހުރިހާ މަސައްކަތެއް ތިލަފުއްޓަށް ބަދަލު ކުރެވިގެންދާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

"މާލެއަކީ ހިތްފަސޭހަތަނަކަށް ބަދަލުވެގެންދާނެ މަންޒަރު ތިބޭފުޅުންނަށް ފެނިގެންދާނެ." ރައީސް ސޯލިހު ވިދާޅުވި އެވެ.

comment ކޮމެންޓް