ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނު ދޫކުރާ ކުންފުނި އިފްތިތާހުކޮށްފި

އެސްއެމްއީ ބޭންކު އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ރައީސް ސޯލިހު -- ފޮޓޯ: ރައީސް އޮފީސް

އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ހުޅުއްވައިދެއްވައިފިއެވެ.

ހ. ސަކީނާމަންޒިލުގެ ތިންވަނަ ފަންގިފިލާގައި ގާއިމްކޮށްފައިވާ އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފަސޭހައިން ލޯނު ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން އުފެއްދި ކުންފުންޏެކެވެ. މި ކުންފުންޏަށް ފައިނެންސިންގެ ވިޔަފާރި ކުރުމުގެ ލައިސެންސް ދޫކޮށްފައިވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހުއެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހާއްސަކޮށްގެން އުފައްދާ އެސްއެމްއީ ބޭންކުގެ ހިދުމަތް ދޭންފެށުމަކީ މި ސަރުކާރުގެ 100 ދުވަހުގެ ވައުދުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑުގެ މެނޭޖިން ޑިރެކްޓަރަކީ އަހުމަދު ޒީނާދެވެ.

ސަރުކާރުގެ 100 ޕަސެންޓް ހިއްސާ އޮންނަ ކުންފުނީގައި ރާއްޖޭގެ ތިން ސިޓީ ކައުންސިލުގެ ފަސް ޕަސެންޓް ހިއްސާ އޮންނާނެއެވެ.

މި ކުންފުނިން ވިޔަފާރި ފެށުމުން، ރާއްޖޭގެ އިގްތިސޯދީ ކުރިއެރުމަށް ބޭނުންވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނު ލިބުމަށް އިތުރަށް މަގުފަހިކޮށްދީ، އަދި މާލީ ދާއިރާގެ ވާދަވެރިކަން އިތުރު ކުރުމަށް މަގުފަހިވެގެން ދާނެ ކަމަށް އެމްއެމްއޭ އިން ވަނީ ބުނެފައެވެ.

މި އިންސްޓިޓިއުޝަނުން އުފެއްދުންތެރިކަމުގެ ދާއިރާ، ރަށުފަތުރުވެރިކަން، ދަނޑުވެރިކަން، މަސްވެރިކަމުގެ ވިޔަފާރިތަކަށް ލޯނު ދޫކުރާނެއެވެ.

comment ކޮމެންޓް