ތަފާތު ފިކުރުތަކުގެ މީހުންނާއެކު މަސައްކަތްކުރުމުގެ ތަޖުރިބާއެބަހުރި: ރައީސް

ރައީސް ސޯލިހު މަނަދޫގައި ވާހަކަ ދައްކަވަނީ -- ފޮޓޯ: އެމްޑީޕީ

ތަފާތު ފިކުރުތަކަުގެ މީހުންނާއެކު މަސައްކުރުމުގެ ތަޖުރިބާ އެބަހުރި ކަމަށާއި ތަފާތު ހިޔާލުތަކަށް ޖާގަދޭން ކެރިވަޑައިގަންނަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ނ. މަނަދޫ ދާއިރާއަށް ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓުގެ ކެމްޕެއިން އިފްތިތާހު ކުރުމަށް އެރަށުގައި މިއަދު ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ތަފާތު ފިކުރުތަކަށް ޖާގަ ދީގެން މަސައްކަތް ކުރިއަށް ގެންދިއުމަކީ އެމަނިކުފާނަށް ދަތިކަމަކަށް ނުވާނެ ކަމަށެވެ.

"އަޅުގަނޑަކީ ތަފާތު ހިޔާލުތަކަށް، ތަފާތު ފިކުރުތަކަށް ޖާގަދޭން ކެރޭ މީހެއް. އަޅުގަނޑަކީ އަޅުގަނޑާ ހިޔާލުތަފާތުވާ މީހުންނާއެކު މަސައްކަތް ކުރަން ދަންނަ މީހެއް. އެކަމުގެ ތަޖުރިބާ އާއެކު އައިސް މިހުރީ،" ރައީސް ވިދާޅުވިއެވެ.

ވެރިކަމާ ހަވާލުވީ ރައްޔިތުންނަށް ގިނަ ވައުދުތަކެއް ވެގެން ކަމަށާއި އެ ވައުދުތައް ފުއްދުމަށް ކުރަންޖެހޭ ހުރިހާކަމެއް ކުރުމަކީ އެމަނިކުފާނުގެ ޒިންމާއެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުގެ ވާޖިބެއް، ޒިންމާއެއް ވައުދުތައް ފުއްދުމަށް ހުރިހާ ކަމެއް ކުރުމަކީ،" ރައީސް ވިދާޅުވީ ވެރިކަމާ ހަވާލުވިއިރު ރާއްޖޭގެ ހާލަތު އޮތީ ބޮއްސުންލާފައި ކަމަށާއި އެ ހުރިހާ ކަމަކާއެކުވެސް ރައްޔިތުންނަށް ވީ ވައުދުތައް ފުއްދަވައިދެއްވުމުގައި ކާމިޔާބު ލިބިފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ވެރިކަމަށް އައިއިރު ރާއްޖޭގޭ ހާލަތު ރަނގަޅެއް ނޫން. ވަރަށް ގިނަ ކަންތައް ހުރީ ބޮއްސުން ލާފައި. ހައްގުތައް ވަނީ ނިގުޅައިގެންފައި. ވައްކަން އިންތިހާއަށް، ކޮރަޕްޝަނާއި މާރާމާރ،ި މީހުން މެރުން އޮތީ އާންމު ކަމަކަށް ވެފައި،" ރައީސް ވިދާޅުވިއެވެ.

މި ސަރުކާރު ވެރިކަމަށް ގެނައުމަށް ގިނަ ބަޔަކު މަސައްކަތް ކުރި ކަމަށާއި އެ ބޭފުޅުންގެ މަތިން ހަނދާން ނައްތާނުލައްވަނެކަމަށް ރައީސް ވިދާޅުވާ ވާހަކަ މިއަދުވެސް ތަކުރާރުކުރެއްވިއެވެ.

comment ކޮމެންޓް